“ހައްދު” ޕްރިމިއާ ކޮށްފި

ފައްތާހު އަދި ބަތަލާ ނިއުމާ މުހައްމަދު ޕްރޮޑިއުސްކުރި ފިލްމު ‘ހައްދު’ އިއްޔެ ހަވީރު ޝްވެކް ސިނަމާގައި ބޭއްވި ރެޑްކާޕެޓް ހަފްލާއެއްގައި ޕްރިމިއަރ ކޮށްފި އެވެ. ފިލްމު ޕްރިމިއަރ ކޮށްދެއްވީ އެންވާރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމް އެވެ. މި ފިލްމަކީ ވަކި ލިމިޓެއްގެ ތެރޭގައި އުޅެން ޖެހުމުން ދިމާވާ މައްސަލަތަކެއް ދައްކުވައިދޭ ފިލްމެކެވެ.

ފައްތާހުގެ ޓްރޭޑްމާކް ސްޓައިލްގައި ފިލްމުގެ މަންޒަރުތައް ނަގާފައިވާ ‘ހައްދު’ ގެ 18 ޝޯވް މާލޭ ޝްވެކް ސިނަމާ އާއި ހުޅުމާލެ ޝްވެކް ސިނަމާ އަދި އޮލިމްޕަހުގައި އަޅުވާނެ އެވެ. ފިލްމުގެ އެއް ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު އަބްދުލްފައްތާހު ބުނީ އެ ފިލްމު ބަލަން ކޮންމެެހެން މާލެ އަންނަން ނުޖެހޭނެ ކަމަށާއި ހުޅުމާލޭގަ އާއި ރާއްޖޭގެ މީހުން އެންމެ ގިނަ ހިސާބުތަކުގައި ފިލްމު އަޅުވާނެ ކަމަށެވެ. އައްޑު އަތޮޅު އަދި ހދ. ކުޅުދުއްފުށީގައި ފިލްމުގެ ޕްރިމިއާ ހަފްލާއެއްވެސް ބާއްވާނެ އެވެ. އެ ދެ ޝޯވެސް މިހާރު ވަނީ ފުލްވެފަ އެވެ.

ފިލްމު އެޅުވުމުގެ ކުރިން ވެސް ދިވެހި އެހެން ފިލްމެއް “ހައްދު” އާ އަޅައިނުކިޔޭނެ ކަމަށް ފައްތާހު ބުނެފައިވާއިރު، ޕްރިމިއާ ހަފުލާގައި އޭނާ ވިދާޅުވީ ހައްދަކީ ދެން ދިވެހި ފިލްމްތަކުގެ ބެންޗްމާކަށް ވާނެ ކަމަށެވެ. އެގޮތުން ފުރަތަމަ ފަހަރަށް 5.1 ސައުންޑް (ސަރައުންޑް ސައުންޑް) ހަދާފައިވާ ފިލްމަކަށް ހައްދު ވާނެ ކަމަށް އޭނާ ބުންޏެވެ. އަދި މި ފިލްމުގެ ހުރިހާ މަންޒަރަކާއި ނެގުންތަކާއި އެކްޓިން ވެސް ތަފާތެވެ.

މި ފިލްމުގެ ލީޑުރޯލު ކުޅެފައިވަނީ އަހްމަދު ޝިބާން، މަރިޔަމް އައްޒަ އަދި އައިމިނަތު ރިޝްފާ އެވެ. ޝިބާނަކީ ފިލްމީ ދާއިރާއަށް މުޅިން އަލަށް ނުކުތް ތަރި އެކެވެ. ސަޕޯޓިން ތަރިންގެ ގޮތުގައި އަލީ އާޒިމް (ދޮން އައްޔަ) މުހައްމަދު ރަޝީދު (ދަރާ)، މަރިޔަމް ޝަކީލާ، ފައުޒިއްޔާ ހަސަން ފެނިގެންދެ އެވެ. އަދި ހާއްސަ ފެނިލުމެއްގައި ނުޒުހަތު ޝުއައިބު (ނުޒޫ) އަދި ނޫސްވެރިޔާ އަހްމަދު ފައިރޫޒް ފެނިގެންދެ އެވެ.

ހައްދުގެ ސްކްރީންޕްލޭ ހަދާފައިވަނީ މަހުދީ އަހްމަދު އެވެ. ފިލްމުގައި ހަ ލަވައެއް ހިމެނޭއިރު ލަވަތައް ކިޔާފައިވަނީ މުހައްމަދު އަބްދުލް ގަނީ (ތޭރަވާ) އާއި އަންހެނުން މަރިޔަމް އަޝްފާ އަދި އެ ދެ މީހުންގެ ދަރިފުޅު ޔޫސުފް އަލްސަން އެވެ. ފިލްމުގެ ކޮންމެ ލަވައެއްގެ މަސައްކަތް ކޮށްފައިވަނީ ވަކި މިއުޒީޝަނެއް ކަމަށް ފައްތާހު ކުރިން ބުނެފައިވެ އެވެ.

ހައްދަކީ ފައްތާހުގެ 12 ވަނަ ފީޗާ ފިލްމެވެ. ފިލްމީ ދާއިރާގައި 21 އަހަރުގެ ތަޖުރިބާ ލިބިފައިވާ ފައްތާހުގެ 2014 ގައި ރިލީޒް ކުރި “އާދޭސް” އަށް ފަހު ފައްތާހު ޑައިރެކްޓްކުރި ހައްދުގައި ވެސް ތަފާތު ކަމެއް ކޮށްލާފައިވެ އެވެ. މި ފިލްމުގައި ހާއްސަ ފެނިލުމެއްގެ ގޮތުގައި، ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ އަހްމަދު ފައިރޫޒު ދައްކާލާފައިވެ އެވެ. ފައިރޫޒު ފެނިގެން ދަނީ، ފިލްމުގައި އައިމިނަތު ރިޝްފާގެ އަލަތު ފިރިމީހާގެ ގޮތުގަ އެވެ. ކުޅަދާނަ ނޫސްވެރިއެއްގެ އިތުރުން ފައިރޫޒުގެ މި ފެނިލުމުގައި އޭނާ އެކްޓިން ވެސް ވަރަށް ރަނގަޅު ކަމަށް މިހާތަނަށް ފެނިފައިވާ ޓްރެއިލަރ އިންވެސް އެނގެއެވެ.

ފޭސްބްކް ކޮމެންޓްސް

ޝެއަރ ކުރޭ:

އަޙްމަދު ރަޝީދު

ލިޔުންތެރިކަމާއި، ވީޑިއޯ އަދި އޯޑިއޯ އާއި ގުޅުންހުރި މަސައްކަތްތަކަކީ ކުރާހިތުން ކުރާ މަސައްކަތެކެވެ.

ޝެއަރ
ޝެއަރ