ޒަޚަމް ގެ އޮރިޖިނަލް ވާހަކަ ‘ޞާއިޤާ’ ތަރުޖަމާ ކޮށްގެން ގެނެސްދިނުމުގެ މަސައްކަތް ފަށަނީ

ދިވެހިންގެ ތެރޭގައި އެ ވާހަކަ އަކަށް އެއްމެ ބޮޑު ތަރްޙީބެއް ލިބިގެން ގޮސްފައިވާ ‘ޒަޚަމް’ ވާހަކައިގެ ފުރަތަމަ އެޕިސޯޑް ގެނެސްދިން ފަހުން ދިމާވި މައްސަލައަކާއި ގުޅިގެން އެ ވާހަކަ މިވަނީ ގެނެސްދެވޭގޮތް ނުވެފަ އެވެ. އެހެން ނަމަވެސް ޒަޚަމް ވާހަކައިގެ އަސްލު ވާހަކަ “ޞާއިޤާ” ގެ އުރުދޫ ކޮޕީއެއް އަޅުގަނޑަށް ވަނީ ލިބިފަ އެވެ. އެ ކޮޕީ ބޭނުންކޮށްގެން، އަޅުގަނޑަށް އުރުދޫ ކިޔަން އެނގޭ މިންވަރުގެ ބޭނުން ހިފައިގެންނާއި ޕާކިސްތާނަށް ނިސްބަތްވާ ރައްޓެއްސެއްގެ އެހީގައި އެ ވާހަކައިގެ ދިވެހި ތަރުޖަމާއެއް ‘ޞާއިޤާ’ ގެ ނަމުގައި ކިޔުންތެރިންނަށް ގެނެސްދިނުމުގެ މަސައްކަތް ފެށުމަށް މިދަނީ ތައްޔާރު ވަމުންނެވެ.

‘ޒަޚަމް’ ވާހަކަ އޮންލައިންކޮށް ކިޔައިލުމުގެ ފުރުޞަތު ކިޔުންތެރިންނަށް ފަހިކުރުމަށް ނިންމީ އެ މަސައްކަތުން އެއްވެސް މާލީ މަންފާއެއް ހޯދުމުގެ ބޭނުމުގައި ނޫންކަން މި ވެބްސައިޓް ބޭނުންކުރަމުން އަންނަ ކިޔުންތެރިންނަށް އެނގިލައްވާނެ ކަމަށް އުއްމީދު ކުރަމެވެ. މި ވެބްސައިޓުގައި އެއްވެސް މާލީ މަންފާއެއް ލިބޭނެ އިޝްތިހާރެއް އަދި މިވީހައިތަނަށް ކޮށްފައެއް ނޯންނާނެ އެވެ. އެހެންކަމުން މި ވެބްސައިޓު މި ހިންގަނީ އެއްވެސް މާލީ ނަފާއެއް ހޯދުމުގެ ބޭނުމުގައެއް ނޫނެވެ. ވެބްސައިޓް ހިންގުމަށް ހިނގާ ޚަރަދެއް ކުރަމުން މި އަންނަނީ ލިޔުންތެރިކަމަށް ހުންނަ ޝަވްޤުގެ ބޮޑުކަމުން ނެވެ.

‘ޒަޚަމް’ ވާހަކަ ޝާއިއު ކުރުމުގުގައި ދިމާވި މައްސަލައިގެ ތަފްޞީލަށް ނުދިޔަ ނަމަވެސް ކުރުގޮތަކަށް ކަން ހިނގައިދިޔަ ގޮތް ހިއްސާކޮށްލާނަމެވެ. އެގޮތުން ވާހަކައިގެ ފުރަތަމަ އެޕިސޯޑް ޝާއިއު ކުރެވުމާއި އެކު ވެބްސައިޓް ޕްރޮމޯޓް ކުރުމަށް ބޭނުންކުރަމުން އަންނަ ފޭސްބްކް ޕޭޖް އަށް މެސެޖެއް ލިބުނެވެ. އެ މެސެޖްގައި ހުރީ ރަނގަޅު ވާހަކަތަކެއްކަން އަޅުގަނޑަށްވެސް ޤަބޫލު ކުރެވެ އެވެ. އެ މެސެޖްގައި ވަނީ:-

“ޝަމީމާ ޔަހްހާ ގެ ޒަޚަމް އަޕްލޯޑް ކުރެއްވި އިރު ޝަމީމާ ގެ ކުދިންނަށް ނޭނގި އެކަން ކުރެއްވީތީ ވަރަށް ހިތާމަ ކުރަން. މީގެ ފަހުން މި ވާހަކައިގެ އިތުރު ބައެއް އަޅުގަނޑުމެންނަށް ނޭނގި އަޅުގަނޑުމެންގެ ހުއްދަޔާ ނުލައި އަޕްލޯޑް ނުކުރުމަށް އެދެން. އަޅުގަނޑަކީ ޝަމީމާ ޔަހްހާ ގެ ދަރިޔެއް.”

މި މެސެޖް ލިބުމުން އަޅުގަނޑު މަސައްކަތްކުރީ ޝަމީމާ ޔަހްހާ ގެ އާއިލާ މެންބަރުންގެ ހުއްދަ އާއި އެކު ވާހަކަ ގެނެސްދެވޭތޯ އެވެ. ނަމަވެސް މެސެޖް ކުރެއްވި ފަރާތާއި އެކު ކުރެވުނު މުއާމަލާތުން އަލި މަގެއް ފެންނަ ގޮތެއް ނުވި އެވެ. އެހެން ނަމަވެސް މެސެޖް ކުރި ފަރާތުން ވިދާޅުވާ ގޮތުން ޝަމީމާ ޔަހްޔާ ގެ އާއިލާއިން މަސައްކަތް ކުރައްވަމުން ގެންދަވަނީ ޝަމީމާ ޔަހްޔާ ތަރުޖަމާ ކުރައްވާފައިވާ ވާހަކަތައް އޮންލައިންކޮށް ކިޔާލެވޭނެ ވެބްސައިޓެއް ވުޖޫދަށް ގެނައުމެވެ. އެހެންކަމުން އެފަރާތުގެ އެދުމުގެ މަތިންނާއި ޝަމީމާ ޔަހްޔާ ގެ އާއިލީ މެންބަރުންގެ ހުއްދަ ނެތި މި ވާހަކަ ގެނެސްދިނުމުގެ އެއްވެސް އިޚްތިޔާރެއް އަޅުގަނޑަށް ނެތުމުން ޒަޚަމް ވާހަކަ ގެނެސްދިނުމުގެ މަސައްކަތް ހުއްޓާލުމަށް މަޖުބޫރު ވެއްޖެ އެވެ.

އެހެން ނަމަވެސް ވާހަކައިގެ އަސްލު ކަމަށްވާ “ޞާއިޤާ” ދިވެހި ބަހަށް ތަރުޖަމާ ކުރުމުގެ ފުރުޞަތު އަޅުގަނޑަށްވެސް އެބަ އޮތެވެ. އެހެންކަމުން އެ މަސައްކަތް ކުރެވޭތޯ މިހާރު މި އަންނަނީ ބަލަމުންނެވެ.

ފޭސްބްކް ކޮމެންޓްސް

ޝެއަރ ކުރޭ:

އަޙްމަދު ރަޝީދު

ލިޔުންތެރިކަމާއި، ވީޑިއޯ އަދި އޯޑިއޯ އާއި ގުޅުންހުރި މަސައްކަތްތަކަކީ ކުރާހިތުން ކުރާ މަސައްކަތެކެވެ.

ޝެއަރ
ޝެއަރ