ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

“ދިވެހިބަހުންލިޔާއިރުލަފުޒުވަކިކޮށްލިޔުމަކީވަރަށްމުހިންމުކަމެކެވެ. އެހެންނޫނީލިޔެފައިއޮންނައެއްޗެއްކިޔަންއެހާފަސޭހަނުވެދާނެއެވެ.”

މަތީގައި އެވާ އިބާރާތްކޮޅު ކިޔުމުގައި އުނދަގޫވި ހެއްޔެވެ؟ އުނދަގޫވީ ކީއްވެގެން ހެއްޔެވެ؟

ހަމަ ގައިމުވެސް އަޅުގަނޑަށް އެ އިބާރާތްކޮޅު ކިޔުމަށް އުނދަގޫވި އެވެ. އަނެއްކާވެސް ހަމަ އެ އިބާރާތްކޮޅު ތަކުރާރު ކޮށްލާނަމެވެ.

“ދިވެހި ބަހުން ލިޔާއިރު ލަފުޒު ވަކިކޮށް ލިޔުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެން ނޫނީ ލިޔެފައި އޮންނަ އެއްޗެއް ކިޔަން އެހާ ފަސޭހަ ނުވެދާނެއެވެ.”

މިހާރު ކިޔާލަން ފަސޭހަ ދޯ އެވެ.

ދިވެހި ބަހުން ލިޔުމުގައި ބޭނުންކުރާ ހަމަތަކުގެ ތެރެއިން ލަފުޒު ވަކިކޮށް ލިޔުމުގެ ހަމަތަކެއް ނުވަތަ ގަވާއިދެއް ދިވެހި ބަހުގެ އެކެޑެމީން ވަނީ އެކުލަވާލާފަ އެވެ. އެ ގަވާއިދަކީ ކުރީން ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ހެއްދެވި އުޞޫލުގައި އެކި ފަހަރު މަތިން ކަނޑައަޅުއްވައިފައި ހުރި ކަންކަން އިތުރަށް ދިރާސާކުރުމަށް ފަހު ލަފުޒު ވަކިކޮށް ލިޔުމުގެ އައު ގަވާއިދެއް އެކަށައެޅުމަށް ދިވެހި ބަހުގެ އެކެޑެމީން އެކުލަވައިލި ޚާއްޞަ ކޮމެޓީ އަކުން ނިންމި ހަމަތަކުގެ މައްޗަށް  އެ އެކެޑެމީގެ ބަސްކޮމިޓީން ދެއްވި ލަފާގެ މަތިން ފާސްކޮށް ނިންމާފައިވާ ގަވާއިދެކެވެ.

މި ގަވާއިދު ޝާއިއު ކުރައްވާފައި ވަނީ 08 ޖުލައި 2013 ގަ އެވެ.

 

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ތަޢާރްފު

ދިވެހިބަހުން ލިޔުމުގައި ލަފުޒުތައް ވަކިކޮށް ލިޔުމަކީ ޖުމުލައިގެ މާނަ ދޭހަވާން ފަސޭހަކޮށްދޭ ކަމެކެވެ. އަދި މިއީ ލިޔެފައި ހުންނަ ލިޔުން ކިޔާން ފަސޭހަވާ ކަމެއް ވެސް މެއެވެ. ތިރީގައި މި ވަނީ ލަފުޒުތައް ވަކިކޮށް ލިޔުމާ ބެހޭ ގޮތުން ދިވެހިބަހުގެ އެކެޑެމީން ކަނޑައަޅާފައިވާ ގަވާއިދެވެ.

 • ދިވެހިބަސް ބެހިފައިވާ މައިގަނޑު ބައިތަކުގެ ތެރެއިން އަކުރު ފިޔަވައި އެހެން ބައިތައް ކޮންމެ ހާލަތެއްގައި ވެސް ވަކީން ލިޔުން.

މިސާލު:

 • ރީތި ލިޔުމަކީ ލޮލުގެ މިއުޒިކެވެ.

 

 • އަކުރުތަކުގެ ތެރެއިން އެއްވެސް ހާލަތެއްގައި ލަފުޒުތަކާ މެހޭ އަކުރެއް ނަމަ ލިޔާނީ އެ އަކުރެއް މެހޭ ލަފުޒަކާ ވަކި ނުކޮށެވެ.
 • ދިވެހިބަހުގެ މައިގަނޑު ބައިތަކުގެ ތެރޭގައި ހިމެނޭ އަކުރުތަކުގެ ތެރެއިން ވަކީން ލިޔާނީ އެއްވެސް ހާލަތެއްގައި ލަފުޒަކާ ނުމެހޭ އަކުރުތަކެވެ. ލަފުޒަކާ މެހުމޭ ބުނެވެނީ ލަފުޒަކާ އަކުރެއް ގުޅޭ އިރު، ކުރީ ލަފުޒުގެ ފަހަތަށް ބަދަލުއައުމާ އެކު ދެ ލަފުޒު އެއް ލަފުޒަކަށް ބަދަލުވެގެން ދިއުމަށެވެ.

މިސާލު:

 • އޭނާ ވެސް (“ވެސް” މިއީ މެހޭ އަކުރެއް ނޫން)
 • އޭނާއަށް ޓަކައި (“އަށް” މިއީ މެހޭ އަކުރެއް)
 • އޭނާއާ އެކު (“އާ” މިއީ މެހޭ އަކުރެއް)

 

 • ގިނަކުރުމުގެ އަކުރުކަމުގައިވާ “ތައް”، “މެން”، “ފަހަރު”، “އިން”، “ން” މި އަކުރުތައް ގިނަކުރާ ލަފުޒާ ގުޅުވައިގެން ލިޔުން.

މިސާލު:

 • ފޮތްތައް
 • ގަލަންތައް
 • މޭޒުތައް
 • އަހަރެމެން
 • މަންމަމެން
 • ބައްޕަމެން
 • ދޯނިފަހަރު
 • ބޯޓުފަހަރު
 • އޮޑިފަހަރު
 • މައިން
 • ވެރީން
 • ސިފައިން
 • މުދިމުން
 • މުދައްރިސުން
 • ކާތިބުން

 

 • ލަފުޒެއް ތަކުރާރުކޮށް ލިޔާ އިރު އެ ދެ ލަފުޒު ގުޅުވައިގެން ލިޔުން.

ހ. ގިނަކުރުމުގެ ގޮތުން ކުރާ ތަކުރާރު

މިސާލު:

 • ގަސްގަސް
 • ރުއްރުއް
 • އަޑުއަޑު

ށ. ލަފުޒު ތަކުރާރުވެފައި ހުންނަ ނަންއިތުރު

މިސާލު:

 • ރީތިރީތި
 • ލޯބިލޯބި
 • ދިގުދިގު

ނ. ލަފުޒު ތަކުރާރުވެފައި ހުންނަ ކަންއިތުރު

މިސާލު:

 • ބާރުބާރަށް
 • އަވަސްއަވަހަށް
 • ލަސްލަހުން

ރ. ފަހަތަށް “މުން” މި އަކުރު އަންނަ ކަންއިތުރުގެ ތަކުރާރު

މިސާލު:

 • ދުވަމުންދުވަމުން
 • ނަށަމުންނަށަމުން

ބ. ނިމިނިމުނުކަމުގެ ތަކުރާރު

މިސާލު:

 • އިވިއިވި
 • ކައިކައި
 • ބުނެބުނެ
 • ރޮއިރޮއި

 

 • ނަމެއް އެކަހެރި ކުރުމަށް ނަމުގެ ފަހަތަށް އިތުރުކުރާ “އެއް” މި އަކުރު ނަމާ ވަކި ނުކޮށް ލިޔުން.

މިސާލު:

 • ގޮނޑި – ގޮނޑިއެއް
 • މޭޒު – މޭޒެއް
 • ފޮތް – ފޮތެއް

 

 • އިޝާރާތުގެ ނަން ކަމުގައިވާ “އެ”، “މި”، “ތި”، “ތިޔަ” ފަދަ ނަން ވަކީން ލިޔުން

މިސާލު:

 • އެ މީހާ
 • ތި ފޮތް
 • މި ފިހާރަ

 

 • “ހަމަބަސް” ލިޔާ އިރު ދެ ލަފުޒު އެކުގައި ލިޔުން

މިސާލު:

 • ގޮތެއްފޮތެއް
 • ތަނެއްދޮރެއް
 • އާޑެއްފާޑެއް
 • ލަކުޑިފަކުޑި

 

 • “އިދިބަސް” ލިޔާ އިރު ދެ ލަފުޒު އެކުގައި ލިޔުން.

މިސާލު:

 • ވާނުވާ
 • އުޅޭނޫޅޭ
 • ހިނގާނުހިނގާ
 • ހެދޭނެހެދޭ

 

 • މީހަކަށް ނުވަތަ އެއްޗަކަށް ނިސްބަތްކުރުމުގެ އަކުރު ކަމުގައިވާ “ގެ” އެ ނިސްބަތްކުރާ ފަރާތާ ގުޅުވައިގެން ލިޔުން.

މިސާލު:

 • ފޮތުގެ ގަނޑެއް
 • ހިތުގެ ވިންދު
 • ދޫނީގެ ފިޔަގަނޑު
 • ކަނޑުގެ ލޮނުގަނޑު

 

 • ޖުމުލަ ފުރިހަމަކޮށްދޭ އަކުރު، “އެވެ” ފަދަ ކުރީގައި އޮންނަ ލަފުޒާ މެހޭ އަކުރުތައް އެ ލަފުޒަކާ ގުޅުވައިގެން ލިޔުން.

މިސާލު:

 • އަންނާނެއެވެ.
 • ރުކެކެވެ.
 • ހުންނާނެއެވެ.
 • ދޮށްޓެވެ.

 

 • “އަށް” ފަދަ ކުރީގައި އޮންނަ ލަފުޒާ މެހޭ އަކުރުތައް އެ ލަފުޒަކާ ގުޅުވައިގެން ލިޔުން.

މިސާލު:

 • ބަދިގެއަށް
 • ގެއަށް
 • ކޮޓަރިއަށް
 • ބޭރަށް
 • ދޯންޏަށް
 • އިތުރަށް

 

 • ކަންއިތުރު ހެދުމަށް ޓަކައި އިތުރުކުރެވޭ “މުން”، “ގެން”، “ފައި” މި އަކުރުތައް ކަމާ ގުޅުވައިގެން ލިޔުން

މިސާލު:

 • ބަލަމުން
 • ދުވަމުން
 • ނަގައިގެން
 • ގޮވައިގެން
 • ހިނގައިފައި
 • ދުވެފައި

 

 • “އިން”، “އަކީ، “އަކު” ފަދަ އަކުރުތައް އޭގެ ކުރީގައި އޮންނަ ލަފުޒާ ގުޅުވައިގެން ލިޔުން.

މިސާލު:

 • ގެއިން
 • ރަށުން
 • ދުރުން
 • އޭނާއަކީ
 • އެ ގެއަކީ
 • ބުޅަލަކީ
 • މީހަކު
 • ފަހަރަކު
 • އަދަކު މާދަމާއަކު

 

 • ނަފީގެ އަކުރުތައް ނަފީ ކުރެވޭ ލަފުޒާ ވަކި ނުކޮށް ލިޔުން.

މިސާލު:

 • ރަނގަޅު – ނުރަނގަޅު
 • ނަސީބު – ބަދުނަސީބު
 • ކާމިޔާބު – ނާކަމިޔާބު
 • އިންސާފު – ބޭއިންސާފު
 • ދުވުން – ނުދުވުން
 • ހަދާނެ – ނަހަދާނެ
 • ބާއްޖަ – އަބާއްޖަ
 • މުސްލިމުން – ޣައިރުމުސްލިމުން
 • އިންސާނީ – ލާއިންސާނީ
 • ކެއުން – ނުކެއުން
 • ކުޅުން – ނުކުޅުން

 

 • ސުވާލުގެ އަކުރުތައް ކަމުގައިވާ “ތަ”. “ތޯ”، “ހޭ”، މި އަކުރުތައް އޭގެ ކުރިއަށް އަންނަ ލަފުޒާ ގުޅުވައިގެން ލިޔުން.

މިސާލު:

 • ކިހިނެތްތަ؟
 • ކިހިނެތްތޯ؟
 • ކާކުހޭ؟
 • އަންނާނަންހޭ؟

 

 • އާނ ބަސް ބުނުވުމުގެ ގޮތުންނާއި ގަދަކުރުމުގެ ގޮތުން ބޭނުން ކުރާ “ދޯ”، “އުތަ”، “ތާ” ފަދަ އަކުރުތައް އޭގެ ކުރިއަށް އަންނަ ލަފުޒާ ވަކީން ލިޔުން.

މިސާލު:

 • އަންނާނަން ދޯ؟
 • އެހެން ބުނިން އުތަ؟
 • މަ ބުނިން ތާ!

 

 • ހ. އަދަދު ލިޔާ އިރު އަދަދު ކުރެވޭ ނަމާ ވަކީން އަދަދު ލިޔުން.

މިސާލު:

 • ދެ ކުދިން
 • ތިން ކުދިން
 • ފަސް މީހުން

 

ށ. ހިސާބު އަދަދު ލިޔާ އިރު ލިޔާނީ ކޮންމެ އަދަދެއް ވަކީންނެވެ.

މިސާލު:

 • ފަސް ސަތޭކަ
 • ހަތަރު ހާސް
 • އެއް ލައްކަ ފަންސާސް ހަ ހާސް ހަތަރު ސަތޭކަ އަށްޑިހަ ފަސް ރުފިޔާ.

 

ނ. ވަނަ ބަޔާންކުރާ އަދަދު ލިޔާ އިރު އަދަދުގެ ވަނައާ ގުޅުވައިގެން ލިޔުން.

މިސާލު:

 • އެއްވަނަ
 • ފަސްވަނަ
 • ދިހަވަނަ
 • ބާރަވަނަ
 • ސަތޭކަވަނަ

 

 • އެއްމެ މާތް ދަރަޖައިގެ ގޮތަށް ނަން ބޭނުންކުރާ އިރު ބޭނުން ކުރާ “ފުޅު”، “ކޮޅު”، “ފޮދު”، އެ ނަމާ ގުޅުވައިގެން ލިޔުން.

މިސާލު:

 • ވިސްނުންފުޅު
 • ލޯފުޅު
 • ގަމީސްކޮޅު
 • ސައިފޮދު

 

 • މިންވަރެއް ދޭހަކުރުމަށް ބޭނުންކުރާ “ކޮޅު”، “ފޮދު”، “ގަނޑު” އޭގެ ކުރިއަށް އަންނަ ނަމާ ގުޅުވައިގެން ލިޔުން.

މިސާލު:

 • ފެންފޮދު
 • ބަތްކޮޅު
 • ހިލަކޮޅު
ފޭސްބްކް ކޮމެންޓްސް

ޝެއަރ ކުރޭ:

ރަން ގަލަން

މިއީ ފާހަގަކޮށްލެވޭ ލިޔުންތެރިންގެ ލިޔުންތަކާއި ވާހަކަ ޝާއިޢު ކުރުމަށް 'ރަންގަލަން' މި ނަމުގައި ލިޔުންތައް ޝާއިއު ކުރާނެ ކޮންޓްރިބިއުޓަރ އެކެވެ.

ޝެއަރ
ޝެއަރ