ޒަޚަމް – 1

ތަރްޖަމާ ކުރީ: ޝަމީމާ ޔަޙްޔާ

 

بِسْمِ اللَّهِ الرَّحْمَنِ الرَّحِيم

ގ. ބާޣުބަހާރު

މާލެ

 

ބާރުގެ އަހުލުވެރިންނަށް

ވެދުން ސަލާމް.

ތިޔަބޭފުޅުންގެ ހިތްވަރު ދެއްވުމާއި އިޚްލާޞްތެރިކަމުގެ އެހީގައި އަނެއްކާވެސް މޮޅު ލިޔުންތެރިއެއްގެ ހިނގާ ގަލަމަކުން އެކުލަވާލައްވާފައިވާ ޢިބާރާތްތަކެއް ދިވެހިބަހަށް ގެނެވޭތޯ މަސައްކަތް ފަށަމެވެ. އަކުރުން އަކުރަށް ނޫންނަމަވެސް ތިޔަބޭފުޅުން ވިދާާޅުވާ ހިތްޕުޅުވާ ގޮތަށް ވީހާވެސް ދިވެހިބަހާ ގާތްކޮށް ލިޔެވިއްޖެނަމަ އަޅުގަނޑުގެ މަޤްޞަދު ފުރިހަމަވީ އެވެ.

“ޒަޚަމް” އަކީ އަނިޔާ ލިބެމުން ދިޔަ ނިކަމެތި އަންހެން ކުއްޖެއްގެ ހިތާމައިން ފުރިފައިވާ ވަރަށް ރީތި ޢިބްރަތްތެރި އެހާމެ އަސަރުގަދަ ލޯބީގެ ވާހަކައެކެވެ. މުދަލުގެ ބޮޑާކަމާއި ޚާންދާނީ ހައިބަވަންތަކަން މުސްކުޅި އާދަތަކާއި ގުޅިގެން މަޢުޞޫމް ޞާޢިޤާ ގެ ޙަޔާތަށް ވިހަލަމުން ދިޔަގޮތާއި އޭގެ ފަހުން ޒުވާން ރީޙާން ގެ ސިފައިގައި ޞާޢިޤާ ގެ ހިތިކަރުނަތައް މާމުޔަށްވުރެވެސް ފޮނި އެއްޗަކަށް ބަދަލުކޮށްލި އަސަރުގަދަ ގޮތް، ނާޖީ ގެ ކެތްތެރިކަމާއި އަލްޙަމްރާ ގެ މާހައުލަށް އައި ބަދަލު މިވާހަކައިން ވިދާޅުވުމަށްޓަކައި ތިޔަބޭފުޅުންގެ އަރިސްތަކަށް ދޫކޮށްލަމުން ވަކިވެލަމެވެ.

ޝުކުރިއްޔާ

ޝަމީމާ ޔަޙްޔާ

 

زخم

ފެހިކުލައިގެ އަޑިއުސް ވާދީތަކުގެ ދާވަނީގާ އެތަކެއް ހިސާބު ދުރަށް ފެތުރިފައިވާ މައިދާންގާ ޢިމާރާތް ކޮށްފައި އެހެރަ އަލްހަމްރާ އެވެ ކިޔާ ބޮޑު ކިއްލާއަކީ ދެކޭ މީހުންގެ ހިތްތަކަށް އޭގެ ހައިބަވަންތަކަން ވައްދުވައިދޭ ރީތި އިމާރާތެކެވެ. ކިއްލާގެ ހަތަރު ފަރާތް ޤުދުރަތުގެ ރީތި ޚަޒާނާއިން ޒީނަތްތެރިވެފައި ވެއެވެ. މުޅި ބިންގަނޑުގައި ޤުދުރަތީ މަހުމަލްގެ ފެހިކުލައިގެ ދޫލަ ފެތުރިފައި ވެއެވެ. ވަޔާ ވިހުރުވެމުންދާ ކުލަކުލައިގެ މައު ގަސްތަކާއި މުޅި ތަނަށް ހިޔާދޭ ބޮޑެތި ގަސްތަކެވެ. ކުދިކުދި ފެންކޯރު ތަކާއި ފަރުބަދަ މަތިން އޮހެމުންދާ ފެން އާރު ތަކެވެ. ބަލައިލި ކޮންމެ ދިމާއަކުން ފެންނަނީ އުފާވެރި ކަމެވެ. އެއްގަހުން އަނެއްގަހަށް އުދުހެމުން ދާ ދޫނި ސޫފާސޫފީގެ ގޮވުމުގެ އަޑުން މުޅި މާހައުލުގައި ރާގު އަޅުވާލާފައި ވެއެވެ. ކޮންމެއަކަސް ދިރިއުޅުން ވޭތުކުރުމަށްޓަކައި މިފަދަ މަޤާމެއް ޚިޔާރުކުރާނީ ހަމަކަށަވަރުންވެސް އުފައުވެރިކަމަށް ލޯބިކުރާ މީހެކެވެ. ރަތް އީޓުންވާ ފުރާޅުތަކާއި ހުދުކުލައިގެ ތަނބުތަކުން އެކުލަވާލާފައިވާާ މި ބޮޑު އިމާރާތް އެތެނުގާ ހުންނައިރު ހީވަނީ ރީތިކޮށް ނަލަހެދިލައިގެން މައު ބަގީޗާއަކަށް ގޮސްހުރި ޅަދޮޅު އަންހެންކުއްޖެއް ހެންނެވެ.

 

އެ ކިއްލާ އެއްފަދަ ބޮޑު އިމާރާތުގެ ތަނަވަސް ކޮޓަރިތަކާއި ބޮޑު ފެންޑާ، ރީތި ގެލެރީ، އަގުބޮޑު ފަރުނީޗަރުން ޒީނަތްތެރިކޮށްފައިވާ ބޮޑުކޮޓަރި، ހިތްގައިމު ކާ ކޮޓަރި، މިއީ ހައްތާވެސް އެގޭގެ ވެރި މީހާގެ މުއްސަނދިކަމާއި ހައިބަވަންތަކަމުގެ ހެކިތަކެވެ.

 

ނަވާބު ފާރޫޤް ޢަލީ ޚާން ނިޔާވިތާ މިހާރު ގާތްގަނޑަކަށް ވިއްސަކަށް އަހަރު ވެއަތު ވެގެން ހިނގައްޖެ އެވެ. ނަމަވެސް އޭނާގެ ހުވަފަތް އަނބިމީހާ ޙުސްނުބާނޫ އަދިވެސް ދުނިޔޭގާ އެބައިނެވެ. އުމުރުން ފަސްދޮޅަސް އަހަރަށްވުރެ މައްޗަށް ގޮސްފައިވާ އެ އަންހެން މީހާގެ ރަތާއި ހުދުކުލަ އެކުލެވިފައި މޫނާއި ރިހިކުލައިގެ އިސްތަށިގަނޑުން އޭނާގެ ޤަދަރުވެރިކަމާއި ހައިބަތުކަން އިތުރުކޮށްދީފައި ވެއެވެ. ޒަމާން ބަދަލުވެ ވިސްނުމާއި ޚިޔާލު ތަފާތުވެފައި ވާއިރުވެސް އެމުސްކުޅި އަންހެން މީހާގެ މުސްކުޅި އާދަކާދަ ތަކަކަށް ބަދަލެއް ނާދެއެވެ. ދެއްކުންތެރިކަމާއި ބޭރުފުށުގެ ޤަދަރުވެރިކަމަށްޓަކާ ފުރާނަ ދިނުމަކަށްވެސް އެ އަންހެންމީހާ ފަހެއް ނުޖެހޭނެ އެވެ. އެކަހަލަ ހަރުކަށި އާދަކާދަ ތަކުގާ ހިފަހައްޓައިގެން އުޅެން ހަދައިގެން ފުރާނައިން އަތްދޮވެލަން ޖެހޭޭފަދަ ނުރައްކާތެރި ޙާދިޘާތަކާއި ވެސް އޭނާއަށް ކުރިމަތިލާން ޖެހިފާ ވެއެވެ. ނަމަވެސް އޭނާގެ އުޅުމަކަށް ބަދަލެއް ނާދެ އެވެ.

 

ﷲ ގެ އިރާދަފުޅުން ވިސްނުން ތޫނު ބުއްދިވެރި ދަރިންތަކެއްވެސް އޭގެ ދެމަފިރިންނަށް ދެއްވާފައި ވެއެވެ. އެއީ ތިން ފިރިހެން ކުދިންނާާއި ދެ އަންހެން ދަރީން ނެވެ. ތިން ފިރިހެން ކުދިންގެ ތެރެއިން މެދަށް ހުރި ޠާހިރު، ޞާޢިޤާ ގެ ސޫރައިގާ އޭނާގެ ހަނދާންތައް ދުނިޔެއަށް ދޫކުރުމަށްފަހު ޒުވާން އުމުރުގާ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކޮށްފި އެވެ. އެއްމެ ދޮށީ ފިރިހެން ދަރިފުޅުގެ ނަމަކީ އަޒުހަރު އެވެ. ހަގު ދަރިފުޅުގެ ނަމަކީ ފަޚުރެވެ. އަންހެން ދަރީންނަކީ އަންޖަމަން އާރާއި ޙުސްނު އާރާާ އެެވެ. އެ ހުރިހާކުދިންތައް އަދި ހަމަ ޒުވާނެވެ. މައިމީހާ އަށް އިޙްތިރާމު ކުރުމުގާ އެކުދިންނަކީ މިސާލެއް ނެތްފަދަ ކުދިބައެކެވެ. ކޮންމެއަކަސް މުސްކުޅި ޙުސްނުބާނޫގެ ގުލްޝަންގެ ރޯކަން ގަދަވެފައި ތާޒާ އެވެ. ވިހުރެވެމުންދާ އޮފިތަކާއި ޅަ ކުރިތަކުން މުޅި ގޮވަތި ވަނީ ފަޅުފިލާލާފަ އެވެ. ދަރިންގެ ދަރީންދެކެ އޭނާ ފުރާނައަށްވުރެ ބޮޑަށް ލޯބިވެ އެވެ. އޭނާގެ ދަރިން ކައިވެނިކޮށްގެން އުޅެނީ ދެބެންގެ ދެދަރި ކުދިންނާ އެވެ. ވީމާ އެ ޢާއިލާގެެ އެކުވެރިކަމާއި އިޚްލާޞްތެރިކަން ވަނީ އެކަތައަށްވުރެވެސް ބާރުގަދަ އެއްޗެއް ކަމުގާ ވެފައެވެ. ހުރިހާ މާމަދަރިންގެ ތެރެއިންވެސް ރީޙާން އަކީ އެއްމެ ލޯބިވާ ދަރިފުޅެވެ. ޅަ ރީޙާން އަކީ ޙުސްނުބާނޫގެ ޙަޔާތުގެ އެއްެމެ އަގުބޮޑު ޖަވާހިރެވެ. ހީވާގޮތުން އެހެން ވެފާ ވަނީ އެއްމެ ދޮށީ ފިރިހެންދަރިފުޅުގެ ފުރަތަމަ ދަރިފުޅުކަމަށް ވާތީ ކަން ނޭނގެއެވެ. ރީޙާން އަށްވެސް މާމަގެ ލޯބި އިޙްސާސް ކުރެވެއެވެ. ޅައިރުއްސުރެވެސް އޭނާ އަކީ ލާނެތް ކުއްޖެކެވެ. އޭނާގެ ކޮންމެ އެދުމެއް ޤަބޫލުކުރަން މާމައަށް މަޖުބޫރު ވެއެވެ. މުޅި ގޭގާވެސް މާމަގެ ހައިބަވަންތަކަމުން އަސަރު ނުކުރަނީ ހަމައެކަނި ރީޙާން އަށެވެ. އެހެން ހުރިހާ އެއްމެންގެ ކުރިމަތީގާވެސް މާމަ އަކީ އަމުރުގަދަ ވެރި އެކެވެ. ކިއްލާގެ މުޅި ފަޒާގައި ވެސް ވަނީ އުފާާވެރިކަމެވެ. ހިތްހަމަޖެހުމާއި އަމާން ކަމެވެ. ފަޚުރު ގެ ކުޑަކުދިންނާއި ޙުސްނުއާރާ ގެ އެއްމެ ހަގުދަރިފުޅު ފިޔަވާ އެހެން ހުރިހާ ކުދިންވެސް ކިޔަވާ ނިމިއްޖެ އެވެ. އެ ދަތި މަސްއޫލިއްޔަތުން ހުރިހާކުދިންގެ ސިކުނޑި ސަލާާމަތްވެ މިނިވަންކަން ލިބުމަށްފަހުގާ މުޅި އަލްޙަމްރާ ވެސް ފިކުރުތަކުން ސަލާމަތްވެއްޖެ އެވެ. ހުނުމުގެ ޠޫފާން އާއި އުފަލުގެ އާރުތައް އަލްޙަމްރާ ގެ ތެރޭގާ ދައުރުކުރަން ފަށައިފި އެވެ. އުފަލުން ފުރިފައިވާ ރޭދުވާތައް ޒުވާން ކަމުގެ މީރުވަހުން އެއްވަސް ކުރުވަން ފަށައިފި އެވެ. މިހާރު އަލްޙަމްރާ އަށް އަންނަ ކޮންމެ ދުވަހަކީ ޢީދު ދުވަހެކެވެ. ކޮންމެ ރެއަކީ އާކާވެނީގެ ރެއެކެވެ. އަލްޙަމްރާ ގައި ދިރިއުޅެމުންދާ ހަމަ ކޮންމެ ފަރުދެއްގެ ޙަޔާތްވެސް މީރުވަސްދުވާ މާާތައް ފަރިވެ ފޮޅިފައިވާ ގުލްދަސްތާ އެކޭ އެއްފަދަ އެވެ. އެހެން ނަމަވެސް ސުވަރުގޭގެ ނަމޫނާއެކޭ އެއްފަދަ މި ރީތި ބޮޑު ކިއްލާގެ ކޮންމެވެސް ކަނެއްގާ އުފަލާއި އަރާމުން އަދި ހިތްހަމަޖެހުމާއި ތަނަވަސް ކަމުން އެއްކިބާވެފައިވާ ފަރުދަކު ދިރިއުޅެމުންދާކަމީ ޝައްކެއް ހުރި ކަމެއް ނޫނެވެ. ކަނީޒުންނާއި ޚާދިމުންވެސް ރަސްދަރިކަލުންފަދަ ޤަދަރުވެރި ގޮތެއްގާ ދިރިއުޅެމުންދާ މާހައުލުގާ ހިތާމައިގެ ފޭރާން ލައިގެން ދިރިއުޅެމުންދާ ޞާޢިޤާ އަކީ މަރްޙޫމް ޠާހިރުގެ ހަމައެކަނި އިން އެއްމެ އަންހެން ދަރިފުޅެވެ. އެ ނިކަމެތި ޔަތީމު އަދި މިސްކީނު އަންހެންކުއްޖާ އަކީވެސް އަލްޙަމްރާގައި އުފަންވެފާ އިން އަންހެން ކުއްޖެކެވެ. އެއްމެ ތުއްތު ދުވަސްވަރާއި ޅަ އުމުރާއި ފާއިތުވެގެންގޮސް ޒުވާންވީވެސް ހަމަ އެ ކިއްލާގަ އެވެ. ނަމަވެސް އެކިއްލާގާ އުޅޭ އެހެން މީހުން ފަދައިން ޞާޢިޤާ ގެ ޙަޔާތުގެ ގުލްޝަންގައި އުފައުވެރިކަމުގެ އެއްމެ މަލެއްވެސް ނުފޮޅެ އެވެ. އޭނާގެ ވަށައިގެން ވަނީ ތޫނު ކަށިތަކެވެ. މަލާމާތާއި ނަފުރަތުގެ ބަސްތައް އެއްމެ ހިނދުކޮޅަކަށްޓަކާވެސް އޭނާގެ ކަންފަތުން ކެނޑިގެނެއް ނުދެއެވެ. ރުޅިއާއި ނުރުހުމުގެ ކަޅިތައް އަބަދުވެސް އޭނާއާއި ދިމާއަށް އަމާޒުވެފާ ހުރެއެވެ. މިހާރު ޞާޢިޤާ ގެ އުމުރުން ފުރިހަމަ ވިހި އަހަރު ވެއަތުވެގެން ހިނގައްޖެ އެވެ. އެ ވިހި އަހަރު އޭނާއަށްޓަކާ ވިހި ޤަރުނަށްވުރެވެސް ދިގުކަމުގާ ވިއެވެ. އެއީ އެތަކެއް ހާސް ދުވަހާއި އެތަކެއް ލައްކަ ގަޑިއާއި އެތަކެއް ކްރޯޑް މިނެޓް އެކުލެވިފައިވާ ވިހި އަހަރެވެ. ހަމަ އެފަދައިން އެ ވިހިއަހަރު ތެރޭގާ ގުނާ އަދަދު ނުކުރެވޭހާ ގިނަ އަނިޔާތަކާއި ބަދު ދުޢާތަކާއި ހިތާމަވެސް ޞާޢިޤާ އަށް އުފުލަން ޖެހިފާ ވެއެވެ. އޭނާގެ ޙަޔާތުގެ ކޮންމެ ހިނދުކޮޅެއް އޭނާގެ ހަށިގަނޑުގެ ލޭގެ ތިކިތައް ވަކިވަކިން އިމްތިޙާނު ކޮށްލި އެވެ. ނަމަވެސް ޞާޢިޤާ އަކީ ޤުދުރަތުގެ ފުރިހަމަ ނަމޫނާ އެކެވެ. އޭނާގެ ރީތިކަމަކީ މިސާލުޖެހުން ދަތިވާފަދަ ރީތިކަމެކެވެ. އެއްމެ ހެޔޮވަރުގެ އިސްކޮޅަކާއި އެކަށީގެންވާ ރޫފަ އެކެވެ. ދިގު އެސްފިޔަ ތަކަކާއި ކަޅުކުލައިގެ ފުން ދެލޮލެވެ. އެއްވެސް އައިބެއް ނެތް ލޫޅާފަތި ހަށިގަނޑެކެވެ. ރަނުގެ ކުލައަރާ އޮމާން ހަމެކެވެ. މުތީތަކެއްފަދަ ރީތި ދަތްތަކެކެވެ. ކޮންމެއަކަސް އެ އަންހެންކުއްޖާއާ ދިމާއަށް އެއްމެ ފުރަތަމަ ފަހަރު ބަލައިލާފާ ނުސިހޭނެ އެއްވެސް މީހަކު ނުހުންނާނެ އެވެ. އޭނާ ދެކެފި މީހަކަށް އެއީ ޙޫރުޕަރީ އެކޭ ވެސް ބުނެވިދާނެ އެވެ.

އެކަމަކު އެ ކިއްލާގާ ދިރިއުޅޭ އެއްވެސް މީހަކަށް އޭނާއަށް ޤުދުރަތުން ދެއްވާފައި އެވާ ފުރިހަމަ ކަމެއް ވިސްނޭހެނެއް ހިއެއްނުވެ އެވެ. ރީޙާން ވެސް އޭނާއާއި ދިމާއަށް ލޮލުގެ ކުޑަކޮޅުންވެސް ބަލައިނުލަ އެވެ. އަސަދު އާއި ފަރަޚް ވެސް ހުވަފެނެއްގާވެސް އޭނާ ދެކެލާކަށް ބޭނުމެއް ނުވެއެވެ. ފަރީދޫން އާއި ޝާހިދު ގެ ސިކުނޑިއަކަށް ފަހަރެއްގާވެސް އޭނާގެ ޚިޔާލެއް ނާދެއެވެ. އެކަން އެއްކިބާގައި އޮއްވާ އެއިން އެއްވެސް ކުއްޖެއްގެ އޯގާތެރި ބަލާލުމެއްވެސް ޞާޢިޤާ ފަކީރަކަށް ނުލިބެ އެވެ. އެންމެންގެ މޫނުމަތިންވެސް އޭނާއަށް ފެންނަނީ ދުރުހިލޭކަމާއި ބީރައްޓެހިކަމެވެ. މަލާމާތުގެ ކުލަވަރުތަކެވެ. އޭނާއަށް ތަނެއްދޮރެއް ނޭގޭވަރުގެ ޅަ އުމުރުގާ އެމީހުން އޭނާއާ ދޭތެރޭގާ ކަންތައް ކުރާގޮތެއް ނުވިސްނެ އެވެ. ފަހަރެއްގާވެސް އޭނާއަށް އޯގާތެރިކަމެއް ލިބެނީ ބޮޑުދައިތަ އަންޖަމަން އާއި، ބޮޑުބޭބެ ފަޚްރު ގެ ފަރާތުންނެވެ. ޚާންދާނުގެ އެހެން ހުރިހާ މެންބަރުންނާއި އޭގެ ދެމީހުންގެ އާދަކާދަތައް ވަރަށް ތަފާތެވެ. އަންޖަމަން ދިރިއުޅެނީ އަލްޙަމްރާ އާއި މާދުރުގަ އެވެ. އޭނާ އެގެއަަށް އައިސްއުޅެނީ ވަރަށް މަދުފަހަރެއްގަ އެވެ. ފަޚްރު ދިރިއުޅެނީ އަލްޙަމްރާގަ އެވެ. ނަމަވެސް އޭނާގެ މަންމަ ޙުސްނުބާނޫގެ ހައިބަވަންތަކާއި އަނބިމީހާގެ ކަޅިއެޅުންތަކުގެ ސަބަބުން ފާޅުގާ ޞާޢިޤާ ދެކެ ލޯބިވެވޭކަށް ނޯވެއެވެ. ޞާޢިޤާ އަށް ތަނެއްދޮރެއް ނޭނގޭ ޅަ އުމުރުގާ އެހެން ކުދިންނާ އެކުގާ ކުޅެލާހިތުން އޭނާވެސް އެކުދިން ކައިރިއަށް ދެއެވެ. އެއިން ކޮންމެ ފަހަރަކު އޭނާއަށް ހަރުކަށި އަދަބު ލިބެއެވެ. ވީމާ ދުވަހެއް ދުވަހަކަށް އޭނާއަށް އެކަންތައް ވިސްނެމުން އެހެން ކުދިންނާއި ދުރުހެލިވަމުން ދެއެވެ. އެކަނިވެރިކަން ޚިޔާރުކޮށް ކޮންމެހެން ބުނަންޖެހޭ އެއްޗެއް ފިޔަވައި އިތުރު ވާހަކަދެއްކުން ހުއްޓާލި އެވެ. އޭނާއަށް މިއައި ބަދަލުގެ ސަބަބުން ބޮޑެތި މީހުންގެ އަނިޔާއާއި އެއްވަރު ކުދިންގެ މަލާމާތް ހިސާބަކަށް ކުޑަވެލި އެވެ. ބޮޑުވެ ތަންދޮރު އެނގޭވަރު ވީފަހުން އެ ކެތްކުރަން ދަތި މާހައުލާއި ދުރަށް ދިއުމަށް ބައެއް ފަހަރު އޭނާގެ ހިތް އެދެއެވެ. ދުނިޔޭގާ އޭނާއަށް އެހީވާނޭ އެއްވެސް މީހަކު ނެތްކަން ހަނދާންކޮށްލާފާ އަލްޙަމްރާ ގެ ވަށައިގެން އޮއި ދެމެމުންދާ ކޯރުގެ ތެރެއަށް ފުންމާލުމަށް އޭނާގެ ހިތް އެދެއެވެ. މި މަޤްޞަދުގައި ކިތައްމެ ފަހަރަކު އަލްޙަމްރާ ގެ ފުރަގަހުގެ ބެލްކަނީއަށް ގޮސް ކޯރާއި ދިމާއަށް ބަލަން ހުރެއެވެ. އެކަމަކު އަމިއްލަ ހަށިގަނޑު ކޯރުގެ ފެންގަނޑާއި ޙަވާލުކުރާކަށް އޭނާއަކަށް ނުކެރެ އެވެ. ދުނިޔެއަށް އުފަންވެއްޖެ ކޮންމެ އިންސާނެއްގެވެސް އެއްމެ ބޮޑު އެދުމަކަށް ވާނީ ދިރިހުރުމެވެ. މިގޮތުން ޞާޢިޤާ އަކީވެސް އިންސާނެކެވެ. ގަނޑު ލޭކޮޅަކުން އުފެދިފައިވާ ހިތެއް އޭނާގެ މޭތެރޭގާވެސް ވިންދުޖަހަ އެވެ. ހެޔޮގޮތާއި ނުބައިގޮތް، މީރުއެއްޗެއްސާއި ނުބައި އެއްޗެތި ވަކިކުރަން އޭނާއަށް އެނގެއެވެ. ވީމާ، ދުނިޔޭގާ ދިރި އިންނަންވެސް އޭނާ ބޭނުންވެއެވެ. ހިތަށް އަރާހާ ފަހަރަކު މަރުވުމަކީ ފަސޭހަކަމެއް ނޫންކަންވެސް އޭނާއަށް ވިސްނެ އެވެ.

 

ޝައްކެއް ނެތެވެ. ޞާޢިޤާ ގެ އެކަނިވެރިކަމަކީ އޭނާއަށްޓަކައި ބޮޑު ބުރައެކެވެ. ނަމަވެސް މި އެކަނިވެރިކަމުގެ ތެރެއިން އޭނާ ޚިޔާރުކޮށްފައިވާ ހަމަހިމޭން ކަމަކީ އޭނާގެ ރީތިކަމުގެ ތެރެއަށް އިތުރުވި ސިފައެއް ކަމުގާ ވިއެވެ. ޒުވާން ދައުރަށް އެޅުނުފަހުން އޭނާގެ ހިތުގާ ދިރިހުރުމުގެ ކުޑަ އުއްމީދެއް އުފެދިއްޖެ އެވެ. ނުއެނގުމުގެ ތެރޭގާ އޭނާގެ ހިތް ކޮންމެވެސް ކަމަކަށް އެދެން ފަށައިފި އެވެ. އެ ހުރިހާ ޒުވާން ފިރިހެންކުދިން އުޅޭ އަލްޙަމްރާ އިން ޚާއްޞަގޮތެއްގާ އޭނާއަށް ރީޙާން ފާހަގަކުރެވެން ފަށައިފި އެވެ. އެކަމަކު އެއީ މޮޔަ ޚިޔާލެއްކަން އޭނާއަށް އެނގެއެވެ. ބިމުގެ ވެލިކޮޅަކަށް އުޑުގާހުރި ތަރިއެއް ޙާޞިލް ނުކުރެވޭނެކަން އޭނާއަށް ޔަޤީންވެ އެވެ. އެއްމެންގެ ލޯބީގެ އަމާޒުފަތްގަނޑު ކަމުގާވާ ރީޙާން އަކީ ޅައިރުއްސުރެވެސް ބޮޑާ ކުއްޖެކެވެ. އޭނާގެ ލޮލުން އަބަދުވެސް ޞާޢިޤާއަށް ފެންނަނީ ދުރުހިލޭ ކަމާއި ބީރައްޓެހި ކަމެވެ. ރީޙާން އަކީ މާމަގެ ދެލޮލުގެ ކޮއި ކަމުގާ ވާއިރު ޞާޢިޤާ އަކީ އެ މާމަގެ ފައިދަށުގެ ހިރަފުހެވެ. ވީއިރު އެފަދަ ތަފާތު ދެ ފަރުދަކު ގުޅޭނީވެސް ކިހިނަކުން ހެއްޔެވެ؟ އެ ހުރިހާ ކަމެއް ޞާޢިޤާއަށް އިޙްސާސް ކުރެވެ އެވެ. ޙާލާތަށް މި އައި ބޮޑު ބަދަލުގެ ސަބަބުން ބައެއް ފަހަރު ބުއްދިގޯސްވާން އުޅެނީ ކަމުގާވެސް ޞާޢިޤާ އަށް ހީކުރެވެއެވެ. އެފަކީރަށް ލިބޭ ކޮންމެ ހިތާމައަކާއި ހިތްދަތިކަމެއްގާ އޭނާއަށް އެހީތެރިކަމެއް ލިބެނީ އޭނާ ގެންގުޅެ ބޮޑުކުރި އާޔާގެ އުނގުން ނެވެ. އޭނާގެ ޒަޚަމް ތަކަށް ފަރުވާދޭ މީހަކީ އާޔާ އެވެ. މައިވަންތަކަމުގެ ލޯބިން ފުރިފައިވާ ދާވަންޏެއް އޭނާއަށްޓަކައި އާޔާ ފަތުރާލަދީފާ ވެއެވެ. އެހެން މީހުންގެ ނަފުރަތާއި ރުޅިވެރިކަމުން ފުރިފައިވާ ތޫނު ނަޒަރު ތަކުން އޭނާ ސަލާމަތްކޮށްފާ ބެހެއްޓުމަށްޓަކާ އާޔާ އަށް ކުރެވެން އޮތްހާ މަސައްކަތެއް ކުރެއެވެ. އެފަދަ އަނިޔާ ލިބެނިވި މާހައުލެއްގާ ޞާޢިޤާއަށް ދިރިއުޅެން ދަސްކޮށްދިނީ އާޔާ އެވެ. ފެންނަ ފެނުމަށް އާޔާ އަކީ ކިތައްމެ ހުތުރު މީހެއް ނަމަވެސް އޭނާގެ ހިތް، ސާފު ބިއްލޫރި ފަދަ އެވެ. ކޮންމެވެސް ކަހަލަ ނުރައްކައުތެރި އަލިފާނުގެ ޙާދިޘާ އެއްގާ ފިހިގެން އާޔާ ގެ މޫނުގެ ސިފަވަނީ ނުހަނު ބިރުވެރި ސިފައަކަށް ބަދަލުވެފަ އެވެ. އޭނާގެ މޫނުގާ އަލިފާނުގެ ޝިކާރައަކަށް ނުވެ ސަލާމަތުންހުރި މަސްކޮޅުވެސް ހުންނަނީ އެއްބައި ހުދުކޮށް އަނެއްބައި ކަޅުކޮންނެވެ. އެއް ލޮލުގެ މަތީ ބޮނޑި އެކުގާ ވަނީ އަނދައިގެން ގޮސްފަ އެވެ. ވީމާ އެ ލޯ ހީވަނީ މާ މަތީގާ ހުންނަހެންނެވެ. ބޮލުގެ އިސްތަށިގަނޑު ހުންނަނީ ވަރަށް ކުރުކޮށް އިދިކީލި ގޮތަކަށެވެ. އެއީވެސް އަލިފާނުގެ އަނިޔާއިން އިސްތަށިގަނޑަށް އައިސްފައިވާ ބަދަލެކެވެ. އެކަމަކު މިފަދަ ބިރުވެރި ސިފައިގައި އިންނަ އާޔާ ގެ އުނގުން އަބަދުވެސް ލޯބީގެ ފިނިކަން ޞާޢިޤާ އަށް ޙާޞިލް ވެއެވެ. އާޔާ އަކީ ހެޔޮހިތުން ޞާޢިޤާ އަށް ހަމްދަރުދީވާ ހިތާމައިގެ ބައިވެރިއެކެވެ. މާބޮޑަށް ހިތްދަތި ވެއްޖިއްޔާ އާޔާ ގެ އުނގުން އެ ހިތަށް އޭނާ ހަމަޖެހުން ހޯދައެވެ. ރޯން ބޭނުން ވެއްޖިއްޔާ އާޔާ ގެ އިޚްލާޞްތެރި ކަމުގެ ދާވަންޏަށް އެ ކަރުނަތައް އޮއްބާލަ އެވެ. ކޮންމެއަކަސް މިދެންނެވި އާޔާ ފިޔަވާ އެހެން އެއްމެންނަކީވެސް ޞާޢިޤާ ގެ ދުޝްމަނުން ނެވެ. ރަޙުމެއް ހަމްދަރުދީއެއް ނެތް އަނިޔާވެރިންނެވެ. ޝައްކެއް ނެތެވެ. ޞާޢިޤާ ގެ ޙަޔާތަކީ އަޖައިބެކެވެ. ގަދަފަދަ ވޭނެކެވެ. ނުކުރާ ކުށަކަށްޓަކާ އުފުލަން ޖެހިފައިވާ ޝަޒާ އެކެވެ. މީހުން އޭނާގެ ބޮލުގާ އަޅުވައިގެން އުޅޭ ކުށަކީ އޭނާ އުފަންވުމުގެ ކުރިން ހިނގާދިޔަ ޙާދިޘާ އެކެވެ. މިކަމުގާ އޭނާ ކުރާނީ ކީއްހެއްޔެވެ؟ ޤަދަރުވެރި ކަމުގެ ބޮޑާކަމުން ސިކުނޑި ފަރުދާކުރެވިފައިވާ އެ މޮޔައިން ތަކަކަށް އެވަރުވެސް ނޭނގެ އެވެ. ޞާޢިޤާ އާއި ދޭތެރޭގާ ވީހާވެސް އަނިޔާވެރިކޮށް ޢަމަލުކުރެވުނު ވަރަކަށް އެމީހުންގެ ހިތްހަމަ ޖެހެއެވެ.

***

 

އެކާވީސް އަހަރު ކުރި އެވެ. އޭރު ނަވާބް ފާރޫޤް ޢަލީ ޚާން ވެސް ދުނިޔޭގައި ހުންނެވި އެވެ. އެއީ އަލްޙަމްރާގެ ޙަޔާތުގެ އެއްމެ އުޖާލާ ދުވަސް ވަރެވެ. އުފަލާއި އަރާމުގައި ރޭދުވާތައް ވޭތިވަމުން ދެއެވެ. ފާރޫޤް ޢަލީ ޚާންގެ އެއްމެ ދޮށީ ފިރިހެން ދަރިފުޅާއި ހަގު ދެ އަންހެން ދަރީގެ ކައިވެނި ވެނިމިއްޖެ އެވެ. ދެން އޮތީ މެދަށް ހުރި ފިރިހެން ދަރިފުޅު ޠާހިރު ގެ ކައިވެންޏެވެ. އެއީ ވިހި ފަންސަވީސް އަހަރުގެ ރީތި ޒުވާނެކެވެ. އެހެން ދަރިންނާ އަޅާބަލާއިރު ފާރޫޤް ޢަލީ ޚާން އެއްމެ ލޯބިވަނީ ޠާހިރު ދެކެ އެވެ. މުއްސަނދި ބައްޕަ ގެ މި ލޯބީގެ ސަބަބުން އޭނާގެ ޠަބީޢަތުގެ ހަރުކަށިކަމާއި ގޮތްދޫނުކުރުން އެކުލެވިފައިވެ އެވެ. ކޮންމެ ކަމެއްވެސް އޭނާއަށް ފެނުނު ގޮތަކަށް ކޮށް ނިންމާލަ އެވެ. ވޭތުވެދިޔަ އަހަރުވެސް މަންމަ އިންކާރު ކޮށްކޮށް އިންދާވެސް ކަމަކާއި ނުލާ ޔޫރަޕްގާ ބުރެއްޖަހާލުމަށް ޠާހިރު ފޮނުވި އެވެ. ފޮޓޯ ނެގުމަކީ ޠާހިރު އެއްމެ ލޯބިކުރާ މަސައްކަތެވެ. އެކަމުގެ ޝަވްޤުގާ އޭނާ ހުންނަނީ މޮޔަވާވަރު ވެފަ އެވެ. ޔޫރަޕުން އެނބުރި އައިއިރު އޭނާ ގެނައި ތަކެތީގެ ތެރޭގައި ދެބައިކުޅަ އެއްބަޔަށް ވުރެވެސް ގިނައިން ހުރީ ފޮޓޯ ނެގުމާއި ބެހޭ ސާމާނާއި ކުދިބޮޑު ކެމެރާ ތަކެވެ. ކޮންމެއަކަސް އޭނާ ޔޫރަޕުން އެނބުރިއައިފަހުން އެހެން ހުރިހާ ކަމެއް ހުއްޓާލާފައި އޭނާގެ ހުރިހައި ވަގުތެއް ފޮޓޯ ނެގުމަށް ވަގުފު ކޮށްފި އެވެ. ކޮންމެ ދުވަހަކުވެސް ހެނދުނު ހެނދުނާ ކޮނޑުގައި ކެމެރާ އަޅުވާލައިގެން ނުކުމެ ޤުދުރަތީ ރީތި މަންޒަރުތައް އެއަށް ޖަމާކުރަން ފަށައިފި އެވެ. ފެހިކުލައިގެ ފޭރާން ލާފައިވާ އަޑިއުސް ވާދީތަކާއި ބޮޑެތި އުސް ފަރުބަދަތައް ނަލަކަމާއިއެކު ދެމެމުންދާ ކޯރުތަކާއި ފަރުބަދަ މަތިން އޮހެމުންދާ ފެންއާރުތައް އަދި ޖަންގަލީގެ މަންޒަރުތައް އޭނާ ކެމެރާގެ އަމާޒު ކަމުގައި ހަދައިފި އެވެ. އޭނާ އެ މަސައްކަތް ކުރަނީ ހަމައެކަނި ދުވާލަކު ނޫނެވެ. ހަނދުވަރީ ރޭތަކުގައިވެސް އޭނާ ކެމެރާ ހިފައިގެން ސިއްރުސިއްރުން ގެއިން ނުކުމެ އެވެ. ފަންނުގެ ޝަވްޤަކީ އެފަންނުގެ ވެރިމީހާގެ ވުޖޫދުވެސް ހަނދާން ނައްތާލާ ކަމެކެވެ. އެގޮތުން ޠާހިރު ވެސް މިހާރު އެހެރީ އޭނާގެ ވަށައިގެންވާ ހުރިހާކަމެއް ހަނދާންނެތިފަ އެވެ. އެއްމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އޭނާގެ މަންމަ ޙުސްނުބާނޫ އެކަމާއި ނުރުހެ އެވެ. އަމުދުންވެސް މިހާރު އޭނާ އެކަމާ އުޅޭލެއް ބޮޑުކަމުން އެކަން ހުއްޓުވުމަށްޓަކައި ކައިވެންޏެއް ކުރުވުމަކީ ކޮންމެހެން ބޭނުން ކަމެއް ކަމުގައި އެމީހުން ދެކެން ފަށައިފި އެވެ.

 

ބަހާރު މޫސުމުގެ ވަރަށް އުފާވެރި ރެއެކެވެ. ހަނދު އޭގެ އެއްމެ ފުރިހަމަކާއިއެކު މެދު އުޑާއި ދިމާއަށް ދަތުރުކުރަމުން ދެއެވެ. ދުވާލު ހަތަރުދަމު އިރުގެ ހޫނުން ފިހެމުންދިޔަ މާހައުލު، ފިނިފިނި ރޯޅިތަކުގެ ނާނާއިން ހިތްހަމަޖެހުމާއި އުފާވެރިކަމުގެ ތެރެއަށް ގެނބެމުން ދަނީ އެވެ.

 

އަލްޙަމްރާ ގެ ވާތްފަރާތުގައިވާ ބަގީޗާގައި ނަވާބް ފާރޫޤް ޢަލީ ޚާން އާއި ޙުސްނުބާނޫ އިށީންދެ ތިބިއިރު ފަސްއަހަރުގެ ކުޑަކުޑަ ރީޙާން ގެ މައްޗަށް އެމީހުންގެ ސަމާލުކަން ހުއްޓިފައި ވެއެވެ. އޭނާގެ ޅަ ޙަރަކާތްތަކުން އެމީހުން އުފާ ޙާޞިލް ކުރަމުން ގެންދެ އެވެ.

“މި ދަރިފުޅު ފެންނަ ކޮންމެ ފަހަރަކު ޠާހިރު ގެ ޅަދުވަސް ހަނދާންވެއެވެ.” އޯގާތެރިކަމާއެކު ރީޙާން ގެ އިސްތަށިގަނޑުގާ ފިރުމާލަމުން ޙުސްނުބާނޫ ބުންޏެވެ.

“އާނއެކެވެ. ހީވަނީ ހަމަ ޠާހިރު ހެންނެވެ.” ނަވާބް ފާރޫޤް ބުނުއްވި އެވެ. “އުމުރުގެ ގޮތުން ވިއްސަކަށް އަހަރު ތަފާތު ހުރިނަމަވެސް ޅައިރު އޭނާވެސް ހުންނަނީ ހަމަ މިގޮތަށެވެ. އުޅޭ އުޅުމުގާވެސް ތަފާތެއް ނެތެވެ.”

“މިޒާޖްވެސް ހާދަހާ އެއްގޮތެވެ. ޔާﷲ! އެފަދަ ގޮތްދޫނުކުރާ މިޒާޖެއް މިދަރިފުޅަށް ނުދެއްވާށި އެވެ.” ޙުސްނުބާނޫ ދުޢާ ކުރިއެވެ.

“ގޮތްދޫނުކުރާ ކުއްޖެއް ނަމަވެސް އެއީ ވިޔާނުދާ ކުއްޖެއް ނޫނެވެ.”

“އޭނާ އަކީ ވިޔާނުދާ ކުއްޖެކޭ އަޅުގަނޑުވެސް ނުބުނަމެވެ. ތަޢުބާ ތަޢުބާ އެވެ. އޭނާ އެއްފަހަރު ބުނެލައިފި ބަހެއް ހިލާގައި އަޅާ ރޮނގެކޭ އެއްފަދަ އެވެ.”

“ތިޔައީވެސް އޭނާގެ ހަރުދަނާ ކަމުގެ ނިޝާނެކެވެ. ބޭގަމް އެވެ.”

“ހުނ! ކަލާ އަބަދުވެސް ތިޔަހެން ކިޔުއްވައިގެން ބޮލުގާ ބައިންދަވައިގެން އުޅުއްވާށެވެ. ފެށުނީއްސުރެވެސް އޭނާ ބުނާހާ ކަމެއް ކޮށްދެއްވައިގެން އުޅުއްވަނީ ކަލާ އެވެ.”

“ތިޔައީ ވަރަށް މޮޅު ވާހަކައެކެވެ. ބޭގަމް އެވެ.” ނުހަނު ލޯތްބާއިއެކު އަނބިމީހާ އާއި ދިމާއަށް ނަވާބް ހީނލެއްވި އެވެ. “އަހަރެން އޭނާއަށް ކޮށްދެނީ ކޮންމެހެން ކޮށްދޭންޖެހޭ ކަންތައް ތަކެވެ. ފަހަރެއްގާވެސް ބޭނުން ނޫން ކަންކަމަށް އޭނާ ނޭދެ އެވެ.”

“ވަރަށް ރަނގަޅު ވާހަކައެކެވެ. މިދިޔަ އަހަރުވެސް ކަންތައްވީ ކިހިނަކުންތޯ އެވެ. ހަމަގައިމުވެސް އެއީ މާދުރު ކަމެއް ނޫނެވެ.”

“އޯވް!” ނަވާބް މަޑުމަޑުން ހިނިތުންވެލެއްވި އެވެ. “ކަލޭ ތިޔަ ބުނަނީ އޭނާ ޔޫރަޕަށް ފޮނުވި ވާހަކަ ހެއްޔެވެ؟”

“ލައްބައެވެ. އެއީވެސް މުހިއްމު ކަމެއްތޯ އެވެ؟”

“އެ ދަތުރުގެ މުހިއްމު ކަމެއް ކުޑައެއް ނޫނެވެ. އެ އުމުރުގާ ދަތުރު ފަތުރުކޮށްލާ ތަންތަން ބަލާލާ ހެދުމަކީ ހާދަ މުހިއްމު ކަމެކެވެ.” ނަވާބް ފާރޫޤް ޢަލީ ޚާން ގޮނޑީގާ ރަނގަޅަށް ހަމަޖެހިލެއްވި އެވެ.

“އަޅުގަނޑު އޭނާގެ ކައިވެނީގެ ކަންތައް ހަމަޖައްސަން އުޅެން ފަށާއިރަށް ޔޫރަޕަށް ދިއުމުގެ ޕްރޮގްރާމް އޭނާ ރާވާލައިފި އެވެ. އެއްމެ ފަހުން ކަންތައް ވީވެސް އޭނާ އެދޭ ގޮތަށެވެ. އޭނާގެ ދަތުރުގެ ހުރިހާ ކަމެއް ކަލާ ހަމަޖައްސަވައިދެއްވައިފި އެވެ. އެކަހަލަ ކަންތައް އެގޮތަށް ކުރެއްވީމާ އޭނާ ކިހާ ބޮޑާވާނޭތޯ އެވެ.”

“އެއީ އެހާ ބޮޑުކަމެއް ނޫނެވެ. ކޮންމެވެސް ދުވަހަކުން އޭނާގެ ކައިވެނިވެސް ކޮށްދޭނަމެވެ.”

“ތިޔަބުނުއްވާ ވަގުތެއް ޖެހޭނީ ކޮން އިރަކުން ކަމެއް ނޭނގެ އެވެ.” ޙުސްނުބާނޫ ނުރުހުން ފާޅުކުރި އެވެ.

“އިރާދަކުރެއްވިއްޔާ މިފަހަރުގެ ފިނި މޫސުމުގާ ތިޔަ ވާޖިބުންވެސް އަތް ދޫކޮށްލާނަމެވެ.”

“މިއަހަރުގެ ފިނި މޫސުމުގާ އަނެއްކާ މާ މުހިއްމު މަސްއަލައެއް ހުށައަޅާފާނެ އެވެ. އޭރުން ހައްދަވާނީ ކިހިނަކުންތޯ އެވެ.” ފެން ގޮތަކަށް ޙުސްނުބާނޫ ހިނިތުންވެލި އެވެ.

“ތިޔަހެން ވެއްޖެއްޔާ ދެން އަންނަ އަހަރަކަށް ފަސްކޮށްލާނީ އެވެ.” ނަވާބް ފާރޫޤް ޢަލީ ޚާން ޤަސްދުގާ އަނބިމީހާ ރުޅިއަރުވާލެއްވި އެވެ.

“ދެން އަންނަ އަހަރެއްގާ ކީއްކުރަންތޯ އެވެ؟ އެއަށްވުރެ ފަސްކޮށްލެއްވިއަސް ލިބޭނީ ކޮން ގެއްލުމެއްތޯ އެވެ؟” ޙުސްނުބާނޫ ރުޅިއައިސްގެން ރީޙާން އުރާލައިގެން ތެދުވަން އުޅެނިކޮށް ނަވާބް ފާރޫޤް ޢަލީ ޚާން އޭނާގެ އަތުގާ ހިފާފައި ބައިންދަވައިފި އެވެ.

“މިހާރު ރުޅިއައީ ހެއްޔެވެ؟”

“ރުޅި އަންނަންވީ ކޮންކަމަކާތޯ އެވެ؟ މީނާ އުނގަށް އަރާ އޮވެގެން ނިދައިފިއްޔާ ނިދި ހަލާކުވެދާނެ އެވެ.”

“ކަލޭ އިންނާށެވެ. ކަނީޒު ކުއްޖާ ރީޙާން ގެންގޮސްފާނެ އެވެ. އޭނާ އަދި މާދުރަކަށް ނުދެއެވެ. އަހަރެން ގޮވާލަނިކޮށް އޭނާ އަތުވެދާނެ އެވެ.”

ފާރޫޤް ޢަލީ ޚާން ގޮވާލެއްވުމުން ކަނީޒު ކުއްޖާ އައިސް ރީޙާން އުރާލައިގެން ހިނގައްޖެ އެވެ.

“ހާސްވަނީ ކޮންކަމަކާ ހެއްޔެވެ؟ ރުޅިމަޑުކޮށްބަލާށެވެ. މިއަހަރުގެ ފިނި މޫސުމުގާ އޭނާގެ ކައިވެނީގެ ކަންތައް ނިންމާނަމޭ ބުނެފީމު ނޫން ހެއްޔެވެ؟”

ޙުސްނުބާނޫގެ ރުޅި މަޑުކުރުވުމުގެ ގޮތުން ފާރޫޤް ބުނުއްވި އެވެ.

“އެންގޭޖް ވީތާ ހަ އަހަރަށްވުރެ ގިނަވެއްޖެ އެވެ. އެކަމަކު އަދިވެސް ކައިވެންޏާއި ހަމައަކަށް ނުދެއެވެ.”

“އެކަހަލަ ކަންތައް ހުންނާނީ އެހެންނެވެ.”

“ލައްބަ އެވެ. އަޅުގަނޑުމެން ކައިވެނި ނިންމިއިރު ފަވްޒިއްޔާ ގެ އުމުރުން އެގާރަ އަހަރެވެ. އެކަމަކު މިހާރު އޭނާގެ އުމުރުވެސް ސަތާރަ އަށާރަ ވާން އުޅެނީ އެވެ.”

“އާނއެކެވެ. ތިޔައީ ހާދަހާ އެކަށީގެންވާ އުމުރެކެވެ. އިރާދަކުރެއްވިއްޔާ މާ ލަސްތަކެއް ނުވެ އަހަރުމެންގެ ޠާހިރަށް ވެސް ފަންސަވީސް އަހަރު ފުރިދާނެ އެވެ.”

“މި ހިނގަނީ ސައްބީސްވަނަ އަހަރެވެ. އެ އުމުރަށް އެޅުނުއިރު އަޒުހަރަށް ތިންކުދިން ލިބިއްޖެ އެވެ.”

“ޅަ އުމުރުގާ ކައިވެނި ކުރީމާ ޅަ އުމުރުގާ ދަރިންވެސް ލިބޭނެ އެވެ. އަހަރުމެން އޭނާގެ ކައިވެނި ކޮށްދިން އިރު ވިހި އަހަރުވެސް ނުފުރޭ ނޫންހެއްޔެވެ؟”

“އެއީ ގޯސްކަމެއްތޯ އެވެ. އޭނާ ކިތައްމެ ޅަޔަސް އޭނާގެ ޒިންމާތައް އަދާކުރާލެއް ކިހާ ފުރިހަމަ ތޯއެވެ. އެއާއި ޚިލާފަށް ޠާހިރު އެ އުޅެނީ އާވާރާ އެއް ފަދައިންނެވެ.”

“ބޭގަމް އެވެ. ޝަވްޤް ފުރިހަމަ ކުރުމަކީ އާވާރާވުން ކަމުގާ ނުބުނާށެވެ. ކަލޭގެ ދަރިފުޅަކީ މޮޅު ފަންނުވެރި އެކެވެ. އެކަމަށްޓަކައި ކަލޭ ފަޚްރުވެރި ވާން ޖެހޭނެ އެވެ.”

ޙުސްނުބާނޫ މިފަހަރު އެއްވެސް އެއްޗެއް ނުބުނެއެވެ. އޭނާ ބޭނުންވަނީ ޠާހިރު ގެ ފަންނަށްވުރެ ބޮޑަށް ޠާހިރުގެ ކައިވެރި އަވަސް ކުރުމެވެ.

 

ޙުސްނުބާނޫ އާއި ފާރޫޤް ވަރަށް ގިނައިރު ވަންދެން ޠާހިރު ގެ ކައިވެނީގެ ވާހަކަ ދައްކަން ތިއްބެވެ. ޙުސްނުބާނޫ ގެ ދެ ފިރިހެން ކުދިންނާއި އޭނާގެ އަންހެން ކޮއްކޮ ގެ ދެ އަންހެން ދަރިންގެ ކައިވެނި ވަނީ ހަމަޖައްސާފަ އެވެ. މިގޮތުން ދޮށީ ދެކުދިންގެ ކައިވެނި ކުރެވުނުތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އޭގެ ދެމަފިރިންނަށް ރީޙާން އާއި މާހްރުޚް އާއި ޝާހްރުޚް ވެސް ލިބިއްޖެ އެވެ. ރީޙާން އަކީ އޭނާގެ ފިރިހެން ދަރި އެވެ. ނަމަވެސް ފަވްޒިއްޔާ ގެ މައްސަލަ އަދިވެސް އޮތީ އެވެ. ވީހާވެސް އަވަހަކަށް އެ ކައިވެނި ކޮށްދިނުމަކީ ޙުސްނުބާނޫގެ އެއްމެ ބޮޑު އެދުމެވެ. ފަހަކަށް އައިސް ފަވްޒިއްޔާ ގެ މަންމަ ބަލިވެ އުޅެން ފެށިފަހުން އެކަން އަވަސްކުރުމަށް އޭނާ މާބޮޑަށް މަސައްކަތް ކުރަން ފެށި އެވެ.

“ނިކަޙަތު ބާނޫ މިހާރު އުޅެނީ ވަރަށް ބޮޑަށް ބަލިވެ އެވެ. ވީމާ އޭނާ ދުނިޔޭގާ އިންދާ އެކައިވެނި ކުރުމަކީ ކޮންމެހެން ބޭނުން ކަމެކެވެ.” ޙުސްނުބާނޫ ބުންޏެވެ.

“ޚުދް އަހަރެންނަށްވެސް ތިކަން އިޙްސާސް ކުރެވެއެވެ.” ނަވާބް ބުންޏެވެ. “މިފަހަރު ފިނިމޫސުމުގާ ތިޔަކަން ނިންމާލާނަމެވެ. މިހާރު ފިނިމޫސުން އަންނަން ވަރަށް ކައިރި ވެއްޖެ އެވެ. ބޮޑަށް ތައްޔާރުވާން ޖެހޭނީ އަންހެން ކުއްޖާގެ ފަރާތުގެ މީހުންނެވެ. ވީމާ އެމީހުންނަށް އަވަހަށް އަންގާށެވެ. އަނެއްކާ ކަލޭވެސް ތައްޔާރުވާން ހަނދާންކުރަން ވާނެ އެވެ. އަހަރުމެން މި ކައިވެނި ކުރަން ވާނީ ވަރަށް ފުރިހަމަ އަށެވެ.”

“އެއީ ކީއްވެގެންތޯ އެވެ؟”

“އެއީ އަހަރުމެންގެ ޠާހިރު ކައިވެނި ވީމަ އެވެ.”

“ހުނ. އެއްމެ ލޯބިވާ ދަރިފުޅު ވިއްޔާ އެވެ.”

“ތިޔައީ އެންމެންނަށްވެސް އެނގޭ ކަމެކެވެ. ހުރިހާ ދަރިންގެ ތެރެއިންވެސް އަހަރެން އެއްމެ ލޯބިވަނީ އޭނާ ދެކެ އެވެ.”

ލޯބިވާ ފިރިމީހާގެ އެންމެ ލޯބިވާ ދަރިފުޅުގެ މައިމީހާއަށް ވީތީ އޭނާ ވަރަށް ފަޚްރުވެރި ވެއެވެ.

 

ވަރަށް ހޫނުގަދަ ދުވަހެކެވެ. ދުވާލު މެންދުރުގެ ވަގުތެވެ. އާދައިގެ މަތިން ކެމެރާ ކޮނޑުގާ އަޅުވާލައިގެން ފަރުބަދަ ތަކާއި ވާދީ ތަކުގެ ތެރޭގާ ޠާހިރު ހިނގާލަ ހިނގާލާ ހުއްޓެވެ. ހޫނު މޫސުމުގާވެސް އެހިސާބު ގަނޑުގެ މާހައުލަށް ވެރިވެފައި އޮންނަނީ އުފާވެރިކަމެވެ. އިރު އޭގެ ފުރިހަމަކަމާއެކު ފެންނަން ހުންނަނީ ވަރަށް މަދު ދުވަސްކޮޅެއްގަ އެވެ. ދެން އުޑުމަތީގާ ވިލާ ބޯވެލާފާ ވައި ބާރުވެފާ ވާރޭ ވެހުމަށްފަހު މުޅި ފަޒާއަށް އާރޯކަމާއި ތާޒާކަން އާދެއެވެ.

އެދުވަހުގެ ހޫނުކަން ޠާހިރު އަށް އިޙްސާސް ކުރެވުނީ ފެންބޮވައިގަނެގެން ގޮސް އަރުތެރެ ހިކި ކުރޮޅިވީ ފަހުންނެވެ. އޭރު އޭނާއަށް ހުރެވުނީ ރީތި މައުގަސްތަކެއްގެ ކައިރީގަ އެވެ. ވީމާ އެތަނުގާ ހުރެފާ ކައިރި ހިސާބަކުން ޤުދުރަތީ ފެން އާރެއް ފެނޭތޯ އޭނާ ހޯދާލިއެވެ! ނަމަވެސް މާދުރަށް ދެވިފައިވާތީ އެއިން ހިސާބަކުން ފެނުގެ ނިޝާނެއް އޭނާއަކަށް ނުފެނުނެވެ. ކަރުހިއްކުން ހިނދެއް ހިނދަކަށް ބޮޑުވަމުން ދަނީ އެވެ. އެންމެފަހުން ކެތްނުކުރެވިގެން ފެންފޮދެއް ލިބޭތޯ ކުރިއަށް ހިނގަން ފަށައިފި އެވެ. ތަންކޮޅަކަށް ދިޔަތަނާ ދުރުން އާބާދީއެއްގެ ނިޝާންތައް ފެންނަން ފަށައިފި އެވެ. އަވަށެއްގެ ސިފައިގައި އިންސާނުން ދިރިއުޅުމަށްޓަކާ އަޅާފައިވާ ގެތަކެއްގެ މޭގަ ވާން ފަށައިފި އެވެ. ނަމަވެސް އޭނާއަށް ވެފާހުރި ވަރުން އެހާދުރަށް ހިނގާހާ ހިތްވަރެއް އޭނާގެ ކިބައަކު ނެތެވެ. ވީމާ އެހުރި ފިޔަވަޅުމަތީގާ ހުއްޓިހުރެ އަނެއްކާވެސް އޭނާ ވަށައިގެން ހޯދާލައިފި އެވެ. ނަސީބުގެ ރަނގަޅުކަމުން ދާދިގާތުގާ ހުރި ކުޑަވަރެއްގެ ފަރުބަދަގަނޑެއްގެ ކައިރީގާ ހެދިފައިވާ ވިނަގަސްތަކެއްގެ މެދުގާ އޮއި ދެމެމުންދާ ކޯރެއްގެ ސާފު ފެންގަނޑު އޭނާއަށް ފެނިއްޖެ އެވެ. އެވަގުތު އޭނާއަށް ލިބުނު އުފަލެއްގެ ބޮޑުކަމުން ހަށިފުރާ ނޭވާއެއް ލެވުނެވެ. ނަމަވެސް ހަމަ އެ ސިކުންތުގާ އަނެއްކާވެސް ކުރީގެ ހިތްދަތިކަމާއި ނުތަނަވަސްކަން އިޙްސާސް ކުރެވެން ފަށައިފި އެވެ. ވާނީވެސް އެހެންނެވެ. ފެން ބޮވައިގެންފައިވާ ޙާލުގައި ފެންފޮދަކާ ހަމައަށް ދިއުމަށްޓަކާ އެއްމެ ފުރަތަމަ ޖެހެނީ ތިރިއަށް ފައިބާށެވެ. ދެން އަނެއްކާވެސް ޖެހިގެން ހުރި ކުޑަ ފަރުބަދަގަނޑެއްގެ މައްޗަށް އަރައިގެން ނޫނީ ފެންފޮދެއް ލިބޭކަށް ނެތެވެ. އޭނާ ހުރީ ވަރަށް ބޮޑަށް ވަރުބަލިވެފަ އެވެ. ހިނގައިގަންނަހާ ވަރެއްވެސް ދެފަޔަކު ނެތެވެ. ވީމާ، ކުޑަކޮށް ވިސްނާލާފާ ފެންކޯރާއި ހަމައަށް ދިއުމުގެ ހިތްވަރު ލިބިގަތުމަށްޓަކާ ގަސްތަކުގެ ހިޔަލުގާ އިށީންދެއްޖެ އެވެ. ދެން އެތާ ކައިރީގާ ކެމެރާ ބާއްވާލުމަށްފަހު ރީތިކޮށް ގަހެއްގާ ލެނގިލާފާ ދެފައި ދަމާލައިފި އެވެ. އަދި އެއްފައި މައްޗަށް އަނެއްފައި އެއްލުމަށްފަހު ލޯމަރާލައިފި އެވެ. އޭނާގެ ބޭނުމަކީ އެހާ ދުރަށް ނުހިނގާ އެތަނުގާ އިންގޮތަށް އިނދެގެން ކަރުހިއްކުން ފިލާނޭ ނަފުސާނީ ފަރުވާއެއް ހޯދުމެވެ.

 

ޠާހިރު ދެލޯ މަރާލައިގެން އިންދާ އޭނާގެ ދާދި ގާތުން ނިސްވާނީ ހުނުމެއްގެ މިއުޒިކް އިވިގެންދިޔަ ކަމުގާ އިޙްސާސް ކުރެވިގެން ލޯހުޅުވާ ބަލައިލައިފި އެވެ. ނަމަވެސް އެއިން ހިސާބަކުން އިންސާނެއްގެ ހިލަން ހުވަން ވެސް އޭނާއަކަށް ނުފެނުނެވެ. ވީމާ، އޭނާ ހިންދެމިލާފާ ތަންކޮޅެއް ރަނގަޅަށް ހޯދާލައިފި އެވެ. އެވަގުތު އަނެއްކާވެސް ރާ ދޯރަކުން ރާ އޮހޭ ފަދައިން ހަމަ އެ ހުނުމުގެ އަޑު އިވިއްޖެ އެވެ. މިފަހަރު އެ އަޑު އިވުނީ ދާދި ގާތުންނެވެ. ވީމާ، އޭނާ އިސްއުފުލާލާފައި އެ ފަރުބަދަގަނޑުގެ މަތިން އަވަށާއި ދިމާއަށް ދާން އޮންނަ މަގަށް ނަޒަރު ހިންގާލައިފި އެވެ.

 

ނުނިމޭ

 

ބައެއްލަ ލަފުޒުގެ މާނަ:

މޭގަ – ރަށެއްގެ އިމާރާތްތަކާއި ފަރުބަދަތައް ދުރުން ފުސްކޮށް ފެންނަ ފެނުން

ނިސްވާނީ – އަންހެންވަންތަ (feminine)

ހިލަން ހުވަން ވެސް – (ހުވަން ހިލަންވެސް ނުވުން) – އަސަރެއް ނުވަތަ އިޝާރާތެއްވެސް ނުވުން، ޚަބަރެއް ދަބަރެއް ނުވުން.

ރާ ދޯރު – ރާ އެޅުމަށްޓަކައި ކަރުދިގުކޮށް މަށިން ހަދައިފައި ހުންނަ އެއްޗެއް.

ފޭސްބްކް ކޮމެންޓްސް

ޝެއަރ ކުރޭ:

އަޙްމަދު ރަޝީދު

ލިޔުންތެރިކަމާއި، ވީޑިއޯ އަދި އޯޑިއޯ އާއި ގުޅުންހުރި މަސައްކަތްތަކަކީ ކުރާހިތުން ކުރާ މަސައްކަތެކެވެ.

ޝެއަރ
ޝެއަރ