ކެމްޕޭން – 3

ސަމާލުކަމަށް: މި ވާހަކައިގެ ބައެއް ނުވަތަ މުޅި ވާހަކަ ފޮޓޯކޮޕީ ހަދައިގެން، ޗާޕްކޮށްގެން، އިލެކްޓްރޯނިކު ގޮތުން ނުވަތަ އެނޫން ގޮތެއްގައިވެސް، ލިއުނު ފަރާތުގެ (ޑރ. މުޞްޠަފާ ލުޠުފީގެ) ހުއްދައަކާ ނުލައި ވިޔަފާރީގެ އެއްވެސް ކަމެއްގައި ބޭނުންކުރުމަކީ ހުއްދަކަމެއް ނޫނެވެ. މުނިއަވަސް ގައި މި ވާހަކަ ޝާއިޢު ކުރަމުން މިގެންދަނީ ލިޔުންތެރިޔާ ގެ ހުއްދައާއި އެކުގައެވެ.

ވަސީމު ހައްޔަރުކުރި ދުވަހުގެ ދެދުވަސްކުރިން ވަސީމު ކަނޑު އަޑީގައި އޮއްވާ ވަސީމުގެ ވަށައިގެން މިއަރު ދުރުދުރުން ދެ ބުރެއް އަޅައިލި އެވެ. ވަސީމުގެ ކެމެރާ ހުރީ މިއަރަށް ފޯކަސް ކޮށްފަ އެވެ. ވަސީމު މިޔަރު ދެކެ ބިރެއް ނުގަނެއެވެ. ކުޑަ އިރުއްސުރެން ކަނޑުގެ އަޑިއަށް ފީނާ ފީނާ އޭނާ ވަނީ ކަނޑު އަޑީގެ ދިރުންތަކާއި ވަރަށް ބޮޑަށް ގުޅިފަ އެވެ. އޭނާ ވަނީ އެ ދިރުންތަކަށް ހޭޏިފަ އެވެ. މަސްތަކުގެ ތެރެއިން ވަސީމު އެންމެ ގަޔާވާ މަހަކީ މިޔަރެވެ. އެސޮރުމެން އިންސާނުންނަށް ވުރެން ދޮއްޓެވެ. މިޔަރު ދުނިޔޭގައި އުޅޭތާ މިހާރު ތިންސަތޭކަ ފަންސާސް  މިލިޔަން އަހަރު ވެއްޖެ އެވެ. މި ދިގު މުއްދަތުގެ ތެރޭގައި ފުރިހަމަވަމުންގޮސް މިޔަރުވަނީ ވަރަށް ފުރިހަމަ ވެފަ އެވެ. އިހުސާސް ކުރުމުގެ ހިއްސު ވަނީ ވަރަށް ބޮޑަށް ތަރައްޤީވެފަ އެވެ. އެއް ކިލޯމީޓަރުގެ ސަރަހައްދުގެ ދުރުމިނުން މިޔަރަށް އަޑު އިވެއެވެ. ލޮނުގަނޑޫގެ ވަހަށް ކިތަންމެ ކުޑަ ބަދަލެއް އަޔަސް ދެނެގަނެއެވެ. ލޮނުގަނޑަށް ސަތޭކަ މީޓަރު ދުރުމިނުން ގުޑުމެއް އަޔަސް އެނގެއެވެ. ލޮލުގެ އަލިކަން ވަރަށް ގަދަ އެވެ. އަލީގައި ފަންސާސް މީޓަރުގެ ދުރުމިނުން ތަކެތި ފާހަގަ ކުރެއެވެ. އަނދިރީގައި ވެސް އެއްޗެހި ފެނެއެވެ. މިޔަރަކީ އެހެން ގިނަ މަސްތަކަށްވުރެން ބުއްދިވެރި ވެސް މަހެކެވެ. ވަސީމު ދެކޭގޮތުގައި މިޔަރަކީ މަސްތަކުގެ ރަސްގެފާނެވެ. ޢިއްޒަތްތެރި މަހެކެވެ. ހައިބަތުހުރި ރީތި މަހެކެވެ. އެސޮރަށް އަނިޔާއެއް ނުކުރާހާ ހިނދަކު ބަނޑުހައި ވެފައިވާ މިޔަރެއް ނޫނީ މީހެއްގެ ގަޔަކު ދަތެއް ނާޅާނެކަން ވަސީމަށް އެނގެއެވެ. ދިވެހިރާއްޖޭގެ ކަނޑުގައި މިޔަރެއް ބަނޑުހައިވެގެން އުޅޭކަށް ނުޖެހޭނެ އެވެ. ކާނާ ބައިވަރެވެ. އަދި އަމުދުން ދިވެހި ކަނޑުތަކުގައި އުޅޭ ފެމުނު މިޔަރަކީ އާއްމުކޮށް މީހުނަށް ހަމަލާ ދޭ މިޔަރެއް ނޫނެވެ.

މިޔަރު ވަސީމާ ދިމާއަށް އައިސްފައި ހިނގައްޖެ އެވެ. ދެވަނަ ފަހަރު ތަންކޮޅެއް ކައިރިއަށް އައިސް ކުރިއަށްވުރެން ކައިރިން ވަސީމު ވަށައިގެން ބުރެއް ޖެހުމަށްފަހު ދުރަށް ދިޔަ އެވެ. ވަސީމު މަޑުން އޮތެވެ. އޭނާ ހައިރާންވި އެވެ. މީގެ ކުރީން ދުވަހަކުވެސް ކަނޑު މިޔަރެއް މިފަދަ ގޮތަކަށް އުޅުނު ތަނެއް އޭނާއަކަށް ފެނިފައެއް ނުވެއެވެ. އޭނާ ފީނުމުގެ މަސައްކަތުގައި އުޅޭތާ މިހާރު ދިހަ އަހަރަށްވުރެން ގިނަ ދުވަސް ވެއްޖެ އެވެ.

ވަސީމު ކައިރީގައި މިޔަރު މިއަދު މިއުޅެނީ ވަރަށް އާގޮތަކަށެވެ. މިޔަރުގެ އުޅުން  ހުންނަގޮތް އޭނާއަށް އެނގެއެވެ. ނަމަވެސް އަދިވެސް އޭނާއަށް ނޭނގޭ ކިތަންމެ ކަމެއް ހުރިކަމަށް އޭނާއަށް ޤަބޫލު ކުރެވެއެވެ. މައްސަލަ ހައްލު ކުރުމުގެ ހުނަރާއި އިޖުތިމާޢީ ހުނަރު މިޔަރުގެ ކިބައިގައި ވާކަން އޭނާ ދަނެއެވެ. އަދި ކުޅިވަރުގެ ގޮތެއްވެސް ބައެއް ފަހަރަށް މިޔަރުގެ ކިބައިން ފެންނަކަމަށް ވެއެވެ. ނަމަވެސް އެފަދަ ހަރަކާތެއް އޭނާއަށް މިހައިތަނަށް ފެނިފައެއް ނުވެއެވެ. މިއަދު އޭނާއަށް މި ފެންނަނީ މިފަދަ ހަރަކާތެކެވެ. ވަސީމު މަޑުން އޮތުމުން މިޔަރު އޭނާ ތަހުލީލު ކުރަނީކަން ނޭނގެއެވެ. މިޔަރުގެ ކޮންމެ ހަރަކާތެއް އޭނާ ފޮޓޯ ނަގަމުން ގެންދިޔަ އެވެ. ދުވަހަކުވެސް މިހައިތަނަށް އޭނާއަށް ނެގިފައި ނުވާ ކަހަލަ ފޮޓޯ މިއަދު ނެގިއްޖެ އެވެ. ނަސީބެކޭ އޭނާގެ ހިތަށް އެރި އެވެ. ވަރަށް އުފާވި އެވެ.

ވަސީމުގެ ސްޓޫޑިއޯގައި އޭނާ ނެގި މިޔަރުގެ ފޮޓޯތައް ސާފުކުރަމުން ދިޔައިރު އޭނާގެ ސަމާލުކަން ހުއްޓުނީ މިޔަރުގެ ބޮލުގައާއި އޭގެ އުރަހައިގައި ހުރި ކަޅު ލައް ތަކަކަށެވެ. މި ލައް ބޮލުގެ މަތީފަރާތުގައާއި ދަށުފަރާތުގައި ހަމަ އެއްގޮތަކަށް ހުއްޓެވެ. މިކަހަލަ ލައްތަކެއް ހުރި މިޔަރެއް ދުވަހަކުވެސް ވަސީމަކަށް ފެނިފައެއް ނުވެއެވެ. އޭނާ މި ލައްތަކަށް ވަރަށް ޝައުގުވެރި ވެއްޖެ އެވެ. ވަސީމު މި ލައްތައް ވަރަށް ރަނގަޅަށް ބަލަން ބޭނުންވި އެވެ. ބޮޑުވާ ބިއްލޫރި އަޅައިގެންނާއި ކޮމްޕިއުޓަރު ބޭނުންކޮށްގެން މި ލައްތައް އޭނާ ވަރަށް ރަނގަޅަށް ތަހުލީލުކުރި އެވެ. މިފަދަ މިޔަރެއްގެ ވާހަކައެއް އޮތްތޯ އިންޓަނެޓުން ހޯދި އެވެ. ތަފާތު ފޮތްތަކާއި ލިއުންތައް ބަލައި ދިރާސާކުރި އެވެ. އިންޓަނެޓުގައި ވެސް އެއްވެސް ފޮތެއްގައިވެސް މިވައްތަރުގެ މިޔަރެއް ދުނިޔޭގައި އުޅޭކަމަކަށް ބުނެފައެއް ނެތެވެ. ލައްތައް ތަހުލީލުކުރަމުންދިޔަ ވަރަކަށް އޭނާ އަށް ފާހަގަކުރެވެމުން ދިޔައީ އެއީ އެ މިޔަރުގެ އުފެދުމުގައި ހުރި އެއްޗެއް ނޫންކަމެވެ. ކޮންމެވެސް އަނިޔާއަކުން ނުވަތަ ބައްޔަކުން ނަމަވެސް އުފެދިފައިވާ ކަމެއް ކަމަށް ވެދާނެ ކަމަށް އޭނާ ހީކުރި އެވެ. ނަމަވެސް ބޮލުގެ ދެފަރާތާއި އުރަހައިގައި އެހައި އެއްގޮތަކަށް ލައްތަކެއް އުފެދޭނީ ކިހިނެއްހެއްޔެވެ؟

ވަސީމު މި ފޮޓޯތައް އޭނާގެ އަންހެނުން ޖަވާޒާއަށް ދެއްކި އެވެ. މި ލައްތައް ފެނުމުން ޖަވާޒާވެސް ހައިރާންވި އެވެ. މިއީ އާދައިގެ ފެމުނު މިޔަރެކެވެ. ނަމަވެސް ތަފާތަކީ މި ލައްތަކެވެ. ޖަވާޒާއަށް ވެސް ހީކުރެވުނީ މިއީ އުފެދުމުގައި ހުރިގޮތެއް ނޫންކަމަށެވެ. ފަހުން އުފެދިފައިވާ ލައްތަކެއް ކަމަށެވެ. އެންމެ ފަހުން ވަސީމު ނިންމީ މި ލައްތަކުގެ މަޢުލޫމާތު އިތުރަށް ހޯދުމަށެވެ. ރަނގަޅަށް ބަލައިފައި ނޫނީ މިއާއި ބެހޭގޮތުން އެއްވެސް ވާހަކައެއް އެއްވެސް މީހެއްގެ ގާތުގައި ނުދެއްކުމަށާއި ނުލިޔުމަށް ނިންމި އެވެ. ފޮޓޯތައް ޝާއިޢު ނުކުރަންވެސް ނިންމި އެވެ. އަދި އެ މިޔަރު ފެނޭތޯ ބަލަން އޭނާ ގަސްތު ކުރިއެވެ. އޭނާއަށް މި ލައްތައް އިތުރަށް ދިރާސާ ކުރެވޭނީ މިޔަރު ފެނިގެންނެވެ. އަސްލު ބަލައިގެންނެވެ.

ކުރީދުވަހު މިޔަރު ފެނުނު ދިމާއަށް ވަސީމު އަޑިއަށް ހިނގައްޖެ އެވެ. ކަނޑު މިޔަރަކީ ފަރުމިޔަރާއި ޚިލާފަށް ގިނަ ދުވަސްތަކެއް ވަންދެން އެއް ހިސާބުގަނޑެއްގައި މަޑުކޮށްގެން ތިބޭ އެއްޗެއް ނޫންކަން އޭނާއަށް އެނގެއެވެ. ނަމަވެސް އިއްޔެ ފެނުނު މިޔަރު އަދި މިއަދު އެ ސަރަޙައްދުގައި އުޅެފާނެ އެވެ. ވަސީމު ފީނީ މިޔަރު ތަހުލީލުކުރުމަށް ތައްޔާރުވެގެންނެވެ. އެކަމަށް ބޭނުންވާ ހުރިހާ ސާމާނަކާ އެކުގައެވެ. އެކަނި މިފަދަ ކަމެއް ކުރަން ތަންކޮޅެއް ބުރައެވެ. ކުރިން އޭނާ މިފަދަ ކަމަކަށް ފީނަނީ އެހީތެރިވެދޭނެ މީހަކާވެސް އެކުގަ އެވެ. ނަމަވެސް މި އައު ހޯދުން އޭނާ ބޭނުންވަނީ އޭނާ އެކަނި ހޯދާށެވެ.

ވަސީމު ކަނޑު އަޑިގައި އުޅޭތާ އިރުކޮޅެއް ވެއްޖެ އެވެ. އެތަންމިތަނަށް ދެވިއްޖެ އެވެ. ވަށައިގެން އަވަސް އަވަހަށް ބޮޑު ސަރަޙައްދެއް ހޯދި އެވެ. މިޔަރެއްގެ ހިލަމެއް ނުވެއެވެ. ވައިފުޅި ހުސްވާން ބައިގަޑިއިރަށް ވީއިރުވެސް މިޔަރެއް ނުފެނުނެވެ. ވަސީމު ކުރަން އުޅޭކަންތައް ދިހަ މިނިޓްއިރުގެ ތެރޭގައި އޭނާ ނިންމާނެ އެވެ. އޭނާއަކީ ކަނޑު އަޑީގައި ވަރަށް ހަރަކާތް އަވަސްކޮށް ކަންތައް ކުރަން އެނގޭ މީހެކެވެ. މިއަދު މިޔަރު ނުފެނުނީއޭ ހީކޮށް ވަށައިގެން ހޯދާލިއިރު ދުރުން މިޔަރެއް އަންނަތަން އޭނާއަށް ފެނިއްޖެއެވެ. މަޑުން ބަލަން އޮތީއެވެ. އޭތި ދިޔައީ އެހެން ދިމާއަކަށެވެ. އެ ދިމާއަށް ވަސީމު ދިޔައެވެ. އޭނާއަށް މިހާރު މިޔަރު ރަނގަޅަށް ފެނިއްޖެ އެވެ. މިޔަރަށްވެސް ވަސީމު ފެނިއްޖެ ހެން އޭނާއަށް ހީވި އެވެ. ނަމަވެސް ކުރީދުވަހުހެން އޭނާގެ ކައިރިއަކަށް ނާދެއެވެ. ވަސީމު މިޔަރުގެ ފަހަތުން އޭގޭ ކައިރިޔަށް ދިޔަ އެވެ. އެއީ ހަމަ އެ މިޔަރެވެ. އެ ލައްތައް އެބަހުއްޓެވެ. ވަސީމު ވަރަށް ހިތްހަމަޖެހުނެވެ. އޭނާ ގްނދިޔަ އިންޖެކްޝަން މިޔަރަށް އަމާޒުކޮށްފައި ދޫކޮށްލައިފި އެވެ. ވަސީމު ފޮނުވައިލި އިންޖެކްޝަން ބަޑިއަކުން ދޫކޮށްލި އުންޑައެއްހެން އެ ދިޔަގޮތަށް ގޮސް މިޔަރުގެ ގަޔަށް ހެރިއްޖެ އެވެ. މިއީ ވަސީމަށް އައު ކަމެއްނޫނެވެ. މިޔަރުތައް ތަހުލީލު ކުރުމުގައި ވަސީމުމެން ކޮށްއުޅޭ ކަމެކެވެ. ބައެއްފަހަރު މި ފަދަ އިންޖެކްޝަނަކާ ނުލައިވެސް މިޔަރު ނިންދަވައިލެވެއެވެ. އޭތީގެ ބަނޑުދޮށަށް އަތް ލައްވައިފައި ބަނޑުފުށް މައްޗަށް ޖަހައިފިނަމަ އެއްވެސް ހަރަކާތެއްނެތި އެގޮތަށް މިޔަރު އޮންނާނެއެވެ. ތަންކޮޅެއް ކުދި މިޔަރު މިގޮތަށް ހެދިދާނެ އެވެ. ނަމަވެސް މިހައިބޮޑު މިޔަރަކާ އެގޮތަށް ކުޅުމަކީ ފަހަރުގައި ނުރައްކާ ވެދާނެ ކަމެކެވެ. އިންޖެކްޝަންގެ ކަށި ގަޔަށް ހެރުނު ވަގުތު މިޔަރު ވަރަށް ބާރަށް ވަކި ހިސާބަކަށް ދިޔަ އެވެ. ނަމަވެސް އިސާހިތަކު އޭގައި ހުރި ބޭހުގެ އަސަރު އެސޮރަށް ކުރަން ފެށުމުން މަޑުމަޑުން މަޑުވަމުން ގޮސް އޭގެ ޙަރަކާތް މުޅިން ހުއްޓި އެސޮރަށް ގޮތަކަށް ނިދިއްޖެއެވެ.

ވަސީމު މިޔަރު ކައިރިއަށް ދިޔަ އެވެ. ފުރަތަމަ ކުރި ކަމަކީ ފޮޓޯ ނެގުމެވެ. ވަރަށް ކައިރިން އެކިއެކި ދިމަދިމާއިން ފޮޓޯ ނެގުމެވެ. ދެން މަޑުމަޑުން މިޔަރު ގައިގައި އަތް ކާއްތައިލި އެވެ. އޭގައި އެއްވެސް ވަރެއް ހިތްވަރެއް ނެތްކަން އެނގުމުން އެ ލައްތަކުގައި އަތް ކާއްތާލި އެވެ. އަތުގައި އަޅައިގަނެއެވެ. ކޮންމެ އެއްޗެއްގެ އެއްފަރާތެއްގައި ހިމަހިމަ ނަރުފަށެއް ހުއްޓެވެ. އަދި އުރަހަގަނޑު ކައިރީގައި އަލިފާންފޮށްޓެއް ވަރުގެ އެއްޗެއްވެސް ހަރުކޮށްފައި ވެއެވެ. ކުރީދުވަހު ފޮޓޯއިން މި ނުފެނުނީ ފޮޓޯ ނެގުނު އިމާގެ ގޮތުންނެވެ. މިއީ ލައްތަކެއް ނޫނެވެ. ހަރުކޮށްފައިހުރި އެއްޗެކެވެ. ވަސީމުގެ ފީނާ ވަޅި ބޭނުންކޮށްގެން ބޮލުގެ މަތީގައި ހުރިއެތި ނެއްޓޭތޯ ބެއްޔެވެ. ހުރީ ކޮންމެވެސް ވަރަކަށް މަސްގަނޑުގެ ތެރެއަށް ފައްތައިފަ އެވެ. މަތީގައި އަޅާފައިވާ ދުލިފަށް މަޑުމަޑުން ކެނޑުމަށްފަހު ވަޅީގެ ތުނޑު ލައްވައިފައި ހިފައިލި އެވެ. ވަރަށް ފަސޭހައިން އަތަށް އަތުވެއްޖެއެވެ. ނަމަވެސް ހުރީ ހަންގަނޑުގެ މަތިން ހިމަހިމަ ނަރުފަށަކުން އުރަހައިގައި ހުރި ފޮށްޓާއި ގުޅައިފަ އެވެ. ހަންގަނޑުގައި ނަރުފަށް ހުރީ އެކި ތަންތަނުން ހަރުކޮށްފަ އެވެ. ހުރިހާ އެއްޗެއްވެސް ހަރުކޮށްފައިވަނީ މިގޮތަށެވެ. ވަސީމު ފަރުވާތެރިކަމާއެކު އެކަމަކު، މިޔަރަށް އަނިޔާ ނުވާގޮތަށް އަވަސް އަވަހަށް މިއެއްޗެތި މިޔަރުގެ ގައިން ވަކި ކޮށްލި އެވެ. ހަންގަނޑު ކުޑަކޮށް ކަނޑައިގެން ގޮސްފައި ހުރިތަނުގައި ބޭސް ހާކައިލި އެވެ. އޭނާ މިކަމަށްޓަކައި ގެންދިޔަ ކޮތަޅަސް އެ އެއްޗެތި ލައި ގައިގައި ހަރުކޮށްލި އެވެ. މިޔަރު ހޭ އަރަންދެން މަޑުކުރި އެވެ. އޭނާ މައްޗަށް އެރީ އޮކްސިޖަން ހުސްވާން ފަސްމިނިޓަށް ވެފައި ވަނިކޮށެވެ. އޭރު މިޔަރު ހޭލައިގެން ދުއްވައިގަންނަން އުޅެނީ އެވެ.

ވަސީމު ކަނޑު އަޑީގައި މިކުރީ ކޮންކަމެއްކަން އޭނާއާއެކު ފީނާ ދޯނިން ދިޔަ އޭނާގެ އެކުވެރީންނަކަށް ނޭނގެއެވެ. އޭނާއަށް މި ފެނުނު އެއްޗެއް އެމީހުންނަކަށް ނުދައްކައެވެ. އޭގެ ވާހަކަ އެމީހުންގާތަކު ނުބުނެ އެވެ. އެވާހަކަ އޭނާ ގެއަށް އައިސް ބުނީ ހަމައެކަނި އޭނާގެ އަންހެނުންގާތުގަ އެވެ. ޖަވާޒާ ބުންޏެވެ.

“އަހަންނަށް ހީވަނީ މިއީ ކޮންމެވެސް ކަހަލަ ޓެގެއްހެން.”

“އަހަންނަށްވެސް ހީވަނީ އެހެން. އެކަމަކު މިޔަރުގައި ޓެގް ހަރުކުރާނީ ކޮންބައެއް؟ އަހަރެމެންނަށް ނޭނގި ކަނޑުގެ ދިރުމާއި ގުޅޭ އެއްވެސް ދިރާސާއެއް ރާއްޖެއަކު ނުކުރާނެ.” ވަސީމު ބުންޏެވެ.

“ތި މިޔަރު ވެދާނެއެއްނު ދުނިޔޭގެ ކޮންމެވެސް އެހެން ޤައުމަކުން ޓެގްކޮށްފައިވާ މިޔަރެއްކަމަށްވެސް؟”

“އެހެންވިޔަސްވެސް ތިކަން އަހަރެމެންނަށް އޮންނަންވާނީ އެނގިފައި. މީގެ ފަސް އަހަރު ކުރިން އޮސްޓްރޭލިޔާއިން މިޔަރުގެ ދިރާސާއެއް ކުރިފަހުން އެފަދަ ދިރާސާއެއް ބަޔަކު ކުރިކަމުގެ ވާހަކަ އިވިފައެއް ނެތް. އޭރު ހަރުކުރި ޓެގްތަކެއް މިހާރަކު ނުހުންނާނެ. އެއެއްޗެތި ތައްޔާރުކޮށްފައި ހުރީ ހަމަސްދުވަހުގެ ތެރޭގައި އެ ހަލާކުވެގެން މިޔަރުގެ ގައިން ނެއްޓޭގޮތަށް. މިއީ އަދި ވަރަށް އައު އެއްޗެހި.”

“އެކަމަކުވެސް ތީ ކޮންމެވެސް ބޭނުމަކަށް މަޢުލޫމާތު އެއްކުރަން ކޮށްފައިވާ ކަމެއް.”

“ތިކަން އެނގޭ. އެހެންނަމަވެސް ސުވާލަކީ ކޮންބައެއްހޭ؟ ކޮންމަޢުލޫމާތެއް ހޯދަންހޭ؟ ކޮން ކަހަލަ ދިރާސާއެއް ކުރަންހޭ؟”

މި ސުވާލުތަކުގެ ޖަވާބު ލިބޭނީ އިތުރަށް އެކަން ހޯދައިގެންނެވެ. އެ އެއްޗެތި ޓެސްޓްކޮށް ބަލައިގެންނެވެ.

ތިންވަނަ ފަހަރަށް އޭނާ މި ފީނީ އެފަދަ އެހެން މިޔަރެއް ފެނޭތޯ އެވެ. ނަމަވެސް ކަންތައް ދިމާވީ ހީވެސް ނުކުރާކަހަލަ ގޮތަކަށެވެ. މޫދުގެ އަޑީގައި ކަނުބަނދެގެން އެ ގެންދިޔަތަނަކަށް ގެންގޮސް އޭނާ ބަންދުކުރީ އެވެ. ވަސީމު މި މިޔަރުގެ ކަންތައް ތަހުލީލުކުރަން ބަޔަކު ބޭނުންނުވަނީބާވަ އެވެ. ވަސީމު އަތުގައި އެ ޓެގްތައް ހުރިކަން ކޮންމެވެސް ބަޔަކަށް އެނގިގެން އެ ހޯދަން ވެގެން އޭނާ ބަންދުކުރީ ނޫންބާވައެވެ. ކޮންމެއަކަސް ބޮޑު ކަންތައް ގަނޑެއްގެ ތެރެއަށް އޭނާއަށް ވަދެވޭ ކަމުގެ އިޙުސާސް މިހާރު އޭނާއަށް ކުރެވެން ފަށައިފި އެވެ. ކުއްލިއަކަށް އޭނާގެ އަންހެނުންގެމަތީން ހަނދާންވި އެވެ. އެދުވަހު ފީނަން ދާން އުޅުމުން ކޮންމެ ދުވަހަކު ކޮންކަމެއްހޭ ކިޔައިގެން ޖަވާޒާ ވަރަށް ވާހަކަ ދެއްކި އެވެ. ނަމަވެސް އެ އަޑު ނާހައި އޭނާ ދިޔައީ އެވެ. މާދަމާ ނުދާނަމޭ މާދަމާ ހުންނާނީ ހަމަ ގޭގައޭ ޖަވާޒާ ގާތުގައި ބުނެފައެވެ. ނަމަވެސް މިހާރު ވަސީމު އެވަނީ ބައެއްގެ އަތްދަށުގައި ހައްޔަރުވެފަ އެވެ. އޭނާގެ ވަށައިގެން އަނދިރިކަން ފެތުރިއްޖެއެވެ.

ނުނިމޭ

ފޭސްބްކް ކޮމެންޓްސް

ޝެއަރ ކުރޭ:

ރަން ގަލަން

މިއީ ފާހަގަކޮށްލެވޭ ލިޔުންތެރިންގެ ލިޔުންތަކާއި ވާހަކަ ޝާއިޢު ކުރުމަށް 'ރަންގަލަން' މި ނަމުގައި ލިޔުންތައް ޝާއިއު ކުރާނެ ކޮންޓްރިބިއުޓަރ އެކެވެ.

ޝެއަރ
ޝެއަރ