ކެމްޕޭން – 2

ސަމާލުކަމަށް: މި ވާހަކައިގެ ބައެއް ނުވަތަ މުޅި ވާހަކަ ފޮޓޯކޮޕީ ހަދައިގެން، ޗާޕްކޮށްގެން، އިލެކްޓްރޯނިކު ގޮތުން ނުވަތަ އެނޫން ގޮތެއްގައިވެސް، ލިއުނު ފަރާތުގެ (ޑރ. މުޞްޠަފާ ލުޠުފީގެ) ހުއްދައަކާ ނުލައި ވިޔަފާރީގެ އެއްވެސް ކަމެއްގައި ބޭނުންކުރުމަކީ ހުއްދަކަމެއް ނޫނެވެ. މުނިއަވަސް ގައި މި ވާހަކަ ޝާއިޢު ކުރަމުން މިގެންދަނީ ލިޔުންތެރިޔާ ގެ ހުއްދައާއި އެކުގައެވެ.

ކުރިއަށް އޮތް ފަސް އަހަރަށް ދިވެހިރާއްޖޭގެ ރައީސަކަށް ހުންނަވާނެ ބޭފުޅަކު ހޮވުމަށްޓަކައި ކެމްޕޭން ކުރިޔަށް ދަނީ އެވެ. މިއީ ތަފާތު ޕާޓީތައް ބައިވެރިވެގެން ރާއްޖޭގައި ބޭއްވޭ އިންތިޚާބެކެވެ. ހަތް ޕާޓީއަކުންނާއި އަމިއްލަ ހަތަރުފަރާތަކުން އެގާރަ ކެންޑިޑޭޓުން މި އިންތިޚާބުގައި ވާދަކުރެއެވެ. މީގެ ކުރީން އެއްނަމަށްވުރެން ގިނަ ނަމަެއް ރައްޔިތުންނާ ހަމައަކަށް ނާދެއެވެ. ވެރިކަމުގައި ހުންނަ ފަރާތަކަށް ތާއދީދު ލިބޭގޮތަށް ހަމަޖެހިފައި އޮންނަ ރައްޔިތުންގެ މަޖިލިސެއްގެ ސިއްރު ވޯޓަކުން ހޮވަމުން ގެންގޮސްފައިވަނީ ރައީސަކަށް ހުންނެވި ބޭފުޅެކެވެ. ރައްޔިތުން ވޯޓުލާން ޖެހެނީ އޭނާ ރައީސަކަށް ހުންނަން ފެންނަ ކަމަށް ނުވަތަ ނުފެންނަ ކަމަށެވެ. އަބަދުވެސް ނަތީޖާއަކީ ރައްޔިތުންނަށް ފެނުމެވެ. އެހެން ކަމުން ރައީސްކަންކޮށްކޮށް ވަރުބަލިވާހައި ދުވަހުވެސް އެކަކަށް ދިވެހިރާއްޖޭގެ ވެރިކަމުގައި ހުރެވެއެވެ. މިއީ 1968 ގައި ދިވެހިރާއްޖެ ދެވަނަފަހަރަކަށް ޖުމުހޫރިއްޔާއެއް އުފައްދައިގެން ސަރުކާރު ހިންގަންފެށިއްސުރެ މިއަދާ ހަމައަށް މިކަން އޮތްގޮތެވެ. މިއީ 2008 އެވެ. މި ސާޅީސް އަހަރުގެ ތެރޭގައި ސިލޯނުގައި ހަ ބޭފުޅުން ރައީސުކަން ކުރައްވައިފި އެވެ. އިންޑިޔާގައި ތޭރަ ބޮޑުވަޒީރަކު ވެރިކަން ކުރައްވައިފި އެވެ. އެމެރިކާގައި އެހުންނެވީ އަށް ވަނަ ރައީސެވެ. ޖަޕާނުގައި އަށާވީސް ބޮޑުވަޒީރުން ވެރިކަން ކުރައްވާފައި ވެއެވެ. މި މުއްދަތުގައި ދިވެހި ޖުމުހޫރިއްޔާއަށް ދިވެހިން ހޮވާފައިވާނީ އެންމެ ދެ ރައީސެކެވެ.

މިފަހަރު އިންތިޚާބު މިއޮތީ މުޅީން އެހެން ގޮތަކަށެވެ. ރައީސަކަށް ކުރިމަތިލާފަރާތްތަކުގެ ނަންތައް ރައްޔިތުންގެ މަޖްލިހަކަށް ނުދެއެވެ. ދިޔައީ ސީދާ ރައްޔިތުންނާ ހަމައަށެވެ. މިފަހަރު ރައީސްކަމަށް ކުރިމަތިލައިފައިވާ އެގާރަ މީހުންގެ ތެރޭގައި ގިނައީ މީހުން ނުދަންނަ އަދި ދުވަހަކުވެސް ނުވެސް ދެކޭ މީހުންނެވެ. އެންމެނަށް އެނގޭ އޮތީ ދެތިން ނަމެކެވެ. ކެންޑިޑޭޓުން ކުރިމަތިލާފައިވާ ޕާޓީތަކުން މަސައްކަތްކުރަނީ އެ ޕާޓީއަކުން ކުރިމަތިލައިފައިވާ ކެންޑިޑޭޓް އިޝްތިހާރުކުރުމަށެވެ. އެމީހެއްގެ ރަނގަޅުވާހަކައާއި މޮޅުވާހަކަ ދެއްކުމަށެވެ. އެމީހަކަށް ވެރިކަން ލިބިއްޖެނަމަ ރައްޔިތުންނަށް ހޯދައިދޭނެ މަންފާގެ ވާހަކަ ކިޔައިދިނުމަށެވެ. އަމިއްލައަށް ކުރިމަތިލައިފައިވާ ކެންޑިޑޭޓުން ހާމަކުރަމުންދަނީ އެމީހުންގެ މިނިވަންކަމުގެ ވާހަކައެވެ. ޕާޓީއެއްގެ ނުފޫޒެއް އެމީހުންނަކަށް ނުފޯރާނެވާހަކައެވެ. އެމީހުން ބުނަމުންދަނީ އެމީހުންނަކީ ސީދާ ރައްޔިތުންގެ މީހުންކަމަށެވެ. އެހެންކަމުން ރައްޔިތުން ބޭނުންވާ ކަންތައްތައް ކޮށްދިނުމުގައި އެމީހުން ފަހަށްނުޖެހޭނެ ކަމަށެވެ.

ވަސީމު ކުޅުދުއްފުށީގައި މި އުޅެނީ އޭނާގެ ޕާޓީން ކުރިމަތިލައިފައިވާ ކެންޑިޑޭޓު ޢަބުދުއްރަޙުމާނު އިދުރީސަށް ތާއީދު ހޯދުމަށެވެ. ޢަބުދުއްރަޙުމާނު އިދުރީސަކީ ރައްޔިތުންގެ ތެރެއިން ހަގު ޢުމުރުގެ މީހުންގެ ތާއދީދު އޮތް ޒުވާނެކެވެ. އޭނާއަކީ ރާއްޖެއިން ސްކޫލު ނިންމުމަށްފަހު އެމެރިކާއިން ލިބުނު ސްކޮލަރޝިޕެއްގައި ކިޔަވަން ދިޔައިރުވެސް ކޮންމެވެސް ދުވަހަކުން ރާއްޖޭގެ ވެރިކަން ކުރާނަމޭ ހިތުލައިގެން ހުރި މީހެކެވެ. އޭނާ ގަބޫލުކުރާގޮތުގައި އެއީ އޭނާ މަތިވެރިކަމެއް ބޭނުންވެގެންނެއް ނޫނެވެ. އޭނާގެ ގައުމަށް ރަނގަޅު ޚިދުމަތެއް ކުރުމަށެވެ. އެހައިތަނުން ފެށިގެން އޭނާ އައީ ސަތޭކަ ޕަސެންޓް މުސްލިމު ގައުމެއްގެ ވެރިއެއްގައި ހުންނަންވާނެ ސިފަތައް ދަސްކޮށް އެ ސިފަތައް ލިބިގަތުމަށްޓަކައި މަސައްކަތް ކުރަމުންނެވެ. އޭނާ ދެކޭގޮތުގައި އެންމެ ފުރަތަމަ ކަމަކީ އިސްލާމީ އެންމެ ރިވެތި ސިފަތަކުން ސިފަލިބިގަތުމެވެ. ދެން ފުރިހަމަ މާނައިގައި ރައްޔިތުންދެކެ ލޯބި ވުމެވެ. އެހެން ވެއްޖެނަމަ އެމީހުންނަށް ދޮގެއް، މަކަރެއް، ހީލަތެއް ހަދާކަށް ނުކެރޭނެ އެވެ. އެމީހުން ބަނޑަށް ތިބޭނަމަ ތިމާ ބަނޑުފުރާލައިގެން ހުންނާކަށް ހިތަކަށް ކެތެއް ނުކުރެވޭނެ އެވެ. ހުރިހާ ރަނގަޅެއް އެމީހުންނަށް ހޯދައިދެވޭތޯ ކުރެވެން އޮތްހާ މަސައްކަތެއް ކުރަން ބޭނުންވާނެއެވެ.

ނަމަވެސް ދިވެހިންދެކެ ޢަބުދުއްރަޙުމާނު ލޯބިވުމުގެ ސިފަ އޭނާގެ ކިބާގައި އަށަގަންނުވާނީ ކިހިނެއް ހެއްޔެވެ؟ އޭނާއަކީ މާލޭގެ ރަނގަޅު ޢާއިލާއެއްގެ ކުއްޖެކެވެ. ކުޑައިރުއްސުރެން އުޅުނީ މާލޭގަ އެވެ. ސްކޫލުގައި އުޅުނީ އެންމެ މަތިން ފާސްވާ ކުދިން ތިބޭ ކުލާހުގަ އެވެ. އެންމެ މަތިން ފާސްވަނީ އެންމެ އެހީތެރިކަން ލިބޭ ކުދިންނެވެ. މިފަދަ ކުދިންނަކީ ފުދުންތެރި ޢާއިލާތަކުން އަންނަ ކުދީންނެވެ. އޭނާ އުޅުނީ ސްކޫލުގެ ޕްރިފެކްޓުންގެ ތެރޭގަ އެވެ. ޕްރިފެކްޓުންގެ ބޯޑުގެ ރައީސަކީ އޭނާ އެވެ. ސްކޫލުގައި ކިޔެވީ ލަންޑަން ޖީސީއީ އޯ ލެވެލް އާއި އޭ ލެވެލްގެ މުގައްރަރު ތަކެވެ. އެއީ ރާއްޖޭގެ މާހައުލަށް ތައްޔާރުކޮށްފައި އޮތް މުގައްރަރެއް ނޫނެވެ. އެ އެއްޗެތި ކިޔަވައިދިނި ބޭރުގެ ޓީޗަރުންނެވެ. ސްކޫލް ލައިބުރަރީގައި ދިވެހިބަހުން ލިޔެފައިވާ ފޮތްތައް ގިނައެއްކޮށް ނުހުރެއެވެ. ހުއްޓަސް ހުންނަ ހުރިހާ ލިއުމަކީ ސައްހަ ކަމުގައި ސަރުކާރުގެ ތައްގަނޑު ޖެހިގެން ނެރެފައިވާ ލިޔުމެވެ. ޗުއްޓީއެއް ލިބުނަސް ޗުއްޓީ ހޭދަކުރަން ދަނީ އިންޑިޔާ އަށެވެ. ނޫނީ ސިންގަޕޫރަށެވެ. ނޫނީ އިނގިރޭސިވިލާތް ފަދަ ޤައުމަކަށެވެ. އޭނާއަށް ފެންނަނީ މާލޭގެ ބޮޑތެި ބޮޑެތި އުސް ޢިމާރާތްތަކެވެ. ރީތި އޮފީސްތަކެވެ. މަގުތަކުގައި ތޮއްޖެހިފައިވާ ކާރުތަކެވެ. ބޭރުގެ ބޮޑެތި ޝޯރޫމުތަކުގައި ދައްކަން އަތުރާފައި ހުންނަ ގޮތަށް މާލޭގެ ބޮޑެތި މަގުތަކުގެ ކައިރީގައި މުޅިން އައު ސައިކަލްތައް އަތުރާފައި ހުންނަ ތަނެވެ. އޭނާގެ ގެއަށް އައިސްއުޅެނީ މާލޭގެ މެދުފަންތީގެ މީހުންނާއި މަތީ ދަރަޖައިގެ މީހުންނެވެ. އޭނާއަށް އަޑު އިވެމުންދިޔަ ވާހަކަތަކަކީ ރިސޯޓު ތަރައްޤީކުރާ ވާހަކައާއި ޔޫރަޕްގެ ޤައުމުތަކަށާއި ޖަޕާނަށް މަސްބޭރުކުރާ ވާހަކަ އެވެ. ރައްޖެއިން ބޭރުގައި ވިޔަފާރި ހިންގާވަހަކަ އެވެ. ކުންފުނި ކުންފުނީގެ ހިއްސާ ގަނެ ވިއްކާ ވާހަކަ އެވެ. އެވެނި މީހަކު މިވެނި ގޮތަކަށް މުއްސަނދިވި ވާހަކަ އެވެ. ނުވަތަ ބަނގުރޫޓުވީ ވާހަކަ އެވެ. ޢާއްމުކޮށް ދައްކާއުޅެނީ މުއްސަނދިވި ވާހަކަ އެވެ. މުދާ އިތުރުކުރާ ވާޙަކައެވެ. މިސާލު ޖެހުމުގައި ބޭނުންކުރަނީ އެމެރިކާ އާއި އިނގިރޭސިވިލާތް ފަދަގައުމުތަކެވެ. އަތޮޅު އަތޮޅުގެ ވާހަކައެއް، ރާއްޖޭގެ ޢާއްމު ދިރިއުޅުމުގެ ޙާލަތުގެ ވާޙަކައެއް، އަދި އިޖުތިމާޢީ އަދާލަތު އޮތްގޮތުގެ ވާހަކައެއްގެ އަޑު އެންމެ ފަހަރަކުވެސް ނީވެއެވެ. ބުނެ އުޅޭގޮތުގައި މީހާގެ ޝަޚްސިއްޔަތު އުފެދުމުގައި އެމީހަކު ކުޑައިރު އުޅޭ މާހައުލެއްގެ އަސަރު ވަރަށް ބޮޑެވެ. އެހެންކަމަށްވާނަމަ ޢަބުދުއްރަޙުމާނަށް އޭނާގެ މާހައުލު ފޯރުވީ ކޮން އަސަރެއް ހެއްޔެވެ؟

އެމެރިކާގައި ޢަބުދުއްރަޙުމާނާއެކުގައި އުޅޭ އެހެނިހެން ގައުމުތަކުގެ ކުދިންތަކުގެ ތެރޭގައި އެގައުމުގެ ވެރިޔަކަށް ވުމަށް ބޭނުންވާ އެކަކުވެސް ނެތެވެ. އެމީހުން ބޭނުންވަނީ ޑޮކްޓަރުންނަށާއި އިންޖިނޭރުންނަށާއި ވިޔަފާރި ވެރިންނަށް ވާށެވެ. އެކަމަކު ޢަބުދުއްރަޙުމާނަށް އޭނާގެ ގައުމާބެހޭގޮތުން އެނގޭ ވަރަށްވުރެން ބޮޑަށް އެމީހުންނަށް، އެމީހުންގެ ގައުމާބެހޭގޮތުން އެނގެއެވެ. އެމީހުންގެ އާދަކާދައާއި ސަގާފަތު އެނގެއެވެ. އަދި އެއާ އެއްގޮތަށް އުޅުމަށް ލޯބިކުރެއެވެ. އެމީހުންގެ ގައުމުތަކާ ބެހޭގޮތުން ޢަބުދުއްރަޙުމާނަށް އެނގޭވަރު އޭނާއަށް އެނގުނީ އެމީހުންނާއެކު އުޅެން ފެށުމުންނެވެ. އަމިއްލަ ގައުމާ ބެހޭގޮތުން މަޢުލޫމާތު ނެތްނަމަވެސް އެހެން ގައުމުތަކާ ބެހޭ މަޢުލޫމާތު އެނގެއެވެ. ޢަބުދުއްރަޙުމާނު އަމިއްލަ ނަފުސަށް ލަދުގަތެވެ. މަލާމާތްކުރި އެވެ. ތިމާ އުފެދި ބޮޑުވި ވަޒަން ތިމާއަށް ނޭނގޭތީ އެވެ. އެކަމަކު މިއުޅެނީ އެތަނުގެ ވެރިއަކަށްވާށެވެ.

ދިވެހިރާއްޖެއާ ބެހޭގޮތުން ޢަބުދުއްރަޙުމާނު  އުނގެނެންފެށި އެވެ. ރާއްޖެއާ ބެހޭގޮތުން އެތައް އެތައް ލިއުމެއް ލިބެން ހުއްޓެވެ. އިބުނި މަޠާޔާގެ ފޮތް، އެޗްސީޕީ ބެލްގެ މޮނޮގްރާފު، ޕިރާޑް ޑި ލާވެލްގެ ދަތުރުނާމާ އަދި މެލޯނީގެ ޕީޕަލް އޮފްދަ މޯލްޑިވްސް (ދިވެހިރާއްޖޭގެ މީހުން) ކިޔައިފި އެވެ. ކުރީގެ ދިވެހި އާދަކާދަތައް ދަނެގަތުމަށްޓަކައި އަޙުމަދު ކާމިލުދީދީގެ “ރިވާޔަތު މޫސާ ވަޒުލައިޚާ” އާއި “ކަނބުލޮ” އާއި ޙުސައިން ޞަލާޙުއްދީނުގެ “ނުޢުމާނު ވަ މަރިޔަމު” އާއި “ދޮނބީފާނު ވާހަކަ” އެވެ. ބޮޑުފެންވަޅުގޭ ސީދީގެ “ދިއްލީގެ އިބްރާހިމް ދީދީ ގެ ވާހަކަ” އާއި “މާމަކުނުދޫ ބޮޑު އީސަ ވާހަކަ” އާއި އަދި މުޙައްމަދު އިސްމާޢީލު ދީދީގެ ‘ގެއްލުނު ފުރާވަރު” ފަދަ ދިވެހި ވާހަކަތައް ވެސް ކިޔައިފި އެވެ. އަދި ހަމަ އެހެންމެ ދިވެހިރާއްޖެއާ ބެހޭގޮތުން ބޭރުގެ އެކި އެކި ލިޔުންތެރިން ލިޔެފައިވާ މަޒުމޫނުތަކާއި ބަޔާންތައްވެސް ދިރާސާކުރި އެވެ.

މިފަދަ ލިއުންތައް ކިޔައި ދިރާސާކުރުމުގެ އިތުރުން ލިބޭ ކޮންމެ ޗުއްޓީއެއްގައި ރާއްޖެ އައިސް އެކި އެކި އަތޮޅުތަކަސް ދިޔަ އެވެ. އަތޮޅުތަކުގެ މީހުންނާއެކު މަހަށްގޮސް އެމީހުން ކުރާ މަސައްކަތުގައި ބައިވެރިވެ އެމީހުންގެ ދިރިއުޅުމާއި އުޅުން ދަސްކުރިއެވެ. އަމީހުންގެ ޚިޔާލާތު ހުރިގޮތް އޮޅުންފިލުވިއެވެ. އެމީހުންގެ ޝުޢޫރުތަކާއި އިހުސާސްތަކުގެ ވިންދު އޭނާއަށް އެނގުނެވެ. ދިވެހީންނަކީ ވަރަށް އާދައިގެ ގޮތަކަށް ފެނުނުނަމަވެސް އިޖުތިމާޢީ މުއްސަނދިކަމެއް ލިބިގެންފައިވާ ބައެކެވެ. އެމީހުން އެންމެ އަގުކުރާ ސިފަތަކުގެ ތެރޭގައި އިޖުތިމާޢީ ސިފަތަކާއި ދީނީ ސިފަތައް ހިމެނެއެވެ. އެމީހުންނަކީ އިސްކޮށްތިބޭ މީހުންގެ ބަސް އަހާ ކިޔަމަންތެރި ބައެކެވެ. ސުލްހަވެރި ޚުލްގު ހެޔޮ ބައެކެވެ. އެމީހުންގެ ކިބައިގައި ލިބޭ މިންވަރަށް ޝުކުރުކޮށްގެން ތިބުމުގެ އާދައެއް ހަރުލައިފައި ވެއެވެ. ވެރިކަމުގައި ތިބޭ މީހުންނަކީ އެމީހުންގެ ޚާދިމުންކަމެއް އެމީހުން ނުދަނެއެވެ. އެބައިމީހުން ދެކެނީ އޭގެ އިދިކޮޅަށެވެ. އެބައިމީހުން ދެކެނީ އެމީހުންނަކީ ވެރިންގެ ޚާދިމުންކަމަށެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ދިގު ތާރީޚުގައި ކަންކަން ހިނަގަމުން އައިސްފައިވަނީ އެގޮތުގެ މަތީންނެވެ.

ޢަބުދުއްރަޙުމާނު ދިވެހިރާއްޖޭގެ ވެރިކަމަށް އަންނަން ބޭނުންވާ ސަބަބު މިހާރު އޭނާއަށް މާބޮޑަށް ސާފުވެއްޖެ އެވެ. އެއްދުހަކު ރަށެއްގެ ގޮނޑުދޮށުގައި އޭނާ އިންއިރު އޭނާއަށް ޚިޔާލުކުރެވުނެވެ.

‘ރާއްޖޭގެ ޖަޒީރާތައް އުފެދުނީއްސުރެން އެ ޖަޒީރާތަކުގެ ދޮންވެލި ގޮނޑުދޮށްތަކަށް ރާޅުތައް ބީއްސަމުންދަނީ މިނިވަންކަމާއި ސަލާމަތްކަމާއި އެކުގައި. އެ ޖަޒީރާގައި ހެދިފައިވާ ގަސްތަކުގައި އެކި ކަހަލަ ދޫނިތައް ލަވަކިޔާ އުފާކުރަނީ މިނިވަންކަމާއި ހިތްހަމަޖެހުމާ އެކުގައި. ޖައްވުގައި ހުރި ރޯޅިތައްވެސް އެ ގަސްތަކުގައި ފިރުމަމުންދަނީ އެއްވެސް ހުރަހެއްނެތި މިނިވަންކަމާއެކުގައި. އެހެންނަމަވެސް އެ ގުދުރަތީ އަޖައިބެއްފަދަ ރީތި ޖަޒީރާތަކުގައި ދިވެހީން އުޅެމުން އައިސްފައިވަނީ މިނިވަންކަމެއްނެތި. ރާއްޖޭގައި އޮތީ ދިގުދެމިގެން އައިސްފައިވާ ރަސްކަމެއް. ޖުމްހޫރިއްޔަތަކަށް ބަދަލުވިއިރުވެސް ރަސްކަމުގެ އެތައް ސިފައަކާއި އެތައް ކުލައެއް ވަނީ ވާރުތަކޮށްފައި. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމެއް ނެތް. ރައްޔިތުންގެ ވެރިކަމާމެދު ރައްޔިތަކަށް ނުރުހުމުގެ ބަހެއް ނުބުނެވޭ. ނުލިޔެވޭ. ރައްޔިތުންގެ ވެރިކަން ހިންގުމަށް ރައްޔިތުން ހޮވާފައިހުރި މީހަކާމެދު ނުރުހޭ އެއްޗެއް ނުބުނެވޭ. ނުލިޔެވޭ. މުޅި ދުނިޔެ ގަބޫލުކުރާ އިންސާނީ ހައްގުތަކެއް ރައްޔިތުންނަށް ލިބިފައެއް ނުވޭ. މިކަންކަމެއް ދިވެހީންގެ ތެރެއިން ގިނަބަޔަކަށް ނުވެސް އެނގޭ. ދިވެހީންވަނީ މިނިވަން މާހައުލެއްގައި އަޅުވެތިވެފައި.’ ޢަބުދުއްރަޙުމާނު ވެރިކަން ބޭނުންވަނީ ދިވެހީންނަކީ މިނިވަން ބަޔަކަށް ހެދުމަށެވެ.

ޔުނިވަރސިޓީގެ މުސްލިމު ޖަމްޢިއްޔާއާ ގުޅިގެން ޢަބުދުއްރަޙުމާނު އިސްލާމީ ހަރަކާތްތައް ހިންގަން ފެއްޓި އެވެ. ޔުނިވަރސިޓީ މިސްކިތުގެ މުދިންކަން ހޯދި އެވެ. އިމާމުވެ ހުކުރު ކުރަން ފެއްޓި އެވެ. ދީނީ ޢިލްމުގެ ތެރެއަށް އޭނާ ވަންނަންފެށީ އެހިސާބުންނެވެ. ދީނީ ޢިލްމަކީ އޭނާގެ ދެވަނަ ދާއިރާ އެވެ. އޭނާގެ މައިގަނޑަކީ ސިޔާސަތެވެ. އޭނާ ޚާއްޞަވީ އިސްލާމީ ޑިމޮކްރެސީގެ ރޮނގުންނެވެ. ޢަބުދުއްރަޙުމާނާ ދިވެހިސަރުކާރާ އެންމެފުރަތަމަ ޖެހުނު މައްސަލައަކީ މިއީ އެވެ. އިންޖިނިއަރިން ހަދަން ގޮސްފައި ޕޮލިޓިކްސް އަށް ބަދަލުކުރުމެވެ. ނަމަވެސް އެކަން ހުއްޓުވޭކަށް ނެތެވެ. އެމެރިކާ ސަރުކާރުން ރާއްޖެއަށް ދިން ސްކޮލަރޝިޕެއްނަމަވެސް ކިޔަވާ ކުއްޖަކަށް އެ ކުއްޖަކު ބޮޑަށް ބޭނުންވާ ރޮނގަކަށް ކޯސް ބަދަލުކުރެވިދާނެ އެވެ. ޢަބުދުއްރަޙުމާނު ސިޔާސީ ރޮނގުން ކިޔަވަމުންދިޔައިރު ޔުނިވަސިޓީގެ ކިޔަވާކުދީންގެ އެސޯސިއޭޝަނުންނެރޭ ނޫހަކަށް ޕޮލިޓިކްސްއާ ބެހޭގޮތުން ކޮލަމެއް ލިޔަން ފަށައިގަތެވެ. އަދި އެތަނުގެ ނޫހަކަށް ދިވެހިރާއްޖެއާ ބެހޭގޮތުން މަޒުމޫނު ލިޔަން ފެއްޓިއެވެ. މިކަންވީ ދިވެހި ސަރުކާރަށް ވަރަށް ދަތިވި ކަމަކަށެވެ. އެހެނީ މީގެ ކުރިއަކުން ކިޔަވަންގޮސްހުރި ކުއްޖަކު ރައްޖެއާ ބެހޭގޮތުން އެފަދަ ފާޑުކިއުމުގެ ލިޔުންތަކެއް ލިޔެފައެއް ނުވެއެވެ. މި ލިޔުންތަކަކީ ގާނޫނީގޮތުން އޭނާ ކުށްވެރިވާފަދަ ލިއުންތަކެކެވެ. ނަމަވެސް އޭނާ އަކީ މާލޭގެ ނުފޫޒުގަދަ މީހެއްގެ ކުއްޖަކަށްވާތީއާއި ކިޔަވާކުއްޖަކަށްވާތީ އޭނާއަށް އެކި ގޮތްގޮތުން އަދި އެކި މީހުންމެދުވެރިކޮށްގެން ނަސޭޙަތް ދިނުމަށްވުރެ އިތުރުކަމެއް ސަރުކާރަކުން ނުކުރެވެއެވެ. ނަމަވެސް ޢަބުދުއްރަޙުމާނުގެ ކިޔެވުމުގެ ދައުރުގެ ފަހުކޮޅުގައި އޭނާއަކީ ނުރައްކާތެރި މީހެއްކަމުގައި ބެލެވިއްޖެއެވެ.

ޢަބުދުއްރަޙުމާނު ސިޔާސީ ޢިލްމުން މާސްޓަރސް ފެންވަރަށް ކިޔަވައިގެން ރާއްޖެ އައީ އޭނާ ކޫށްވެރިވާނެކަން އެނގިހުރެއެވެ. އައިތަނުން ކުށްވެރިވި އެވެ. ޖަލަށްލި އެވެ. ޖަލުގައި ތިން އަހަރު ހޭދަކުރިއެވެ.

 

ޢަބުދުއްރަޙުމާނު ސިޔާސީ ޢިލްމުން މާސްޓަރސް ފެންވަރަށް ކިޔަވައިގެން ރާއްޖެ އައީ އޭނާ ކުށްވެރިވާނެކަން އެނގިހުރެއެވެ. އައިތަނުން ކުށްވެރިވި އެވެ. ޖަލަށްލި އެވެ. ޖަލުގައި ތިން އަހަރު ހޭދަކުރިއެވެ. ނަމަވެސް އޭނާގޭ އޮތް ރާއްޖޭގެ ވެރިކަން ކުރުމުގެ އަޒުމަކަށް ބަދަލެއް ނާދެއެވެ. އޭނާ ދޫކޮށްލީ ސަރުކާރަށް ފާޑުކިޔައި ނުލިޔުމަށާއި އެގޮތަށް ވާހަކަ ދުނެއްކުމަށް އަމުރުކޮށްފައެވެ. ނަމަވެސް އޭނާ ޖަލުން ދޫކޮށްލިތާ ކުޑަ ދުވަސްކޮޅެއްފަހުން ރާއްޖޭގައި ސިޔާސީ އޮއިވަރެއް ހިނގަން ފަށައިފިއެވެ. ގިނަ ޢަދަދެއްގެ ދިވެހި ދަރިވަރުން ލިބަރަލް ޑިމޮކްރެޓިކް  ގައުމުތަކުން މަތީ ތަޢުލީމު ހޯދަމުން ދިއުމުގެ ސަބަބުންނާއި އިންޓަނެޓް ފަދަ މުވާސަލާތީ ވަޞީލަތްތައް ދުނިޔެއަށް ޢާއްމުވެ އެއްބަޔަކު އަނެއްބަޔަކަށް ތަޢާރަފު ވަމުން ދިއުމުގެ ސަބަބުންނެވެ. ދިވެހިރާއްޖޭގައި ޑިމޮކްރެސީއާއި އިންސާނީ  ހައްގުތައް އޮތް މިންވަރުގެ ނިކަމެތިކަމުގެ ސަބަބުންނެވެ. ޢަބުދުއްރަޙްމާނު ވަރަށް ފަސޭހައިން މި އޮއިވަރުގައި ޖެހިއްޖެ އެވެ. ސިޔާސީ ޕާޓީ ހެދުމުގެ ފުރުޞަތު ލިބުމުން އޭނާ މޯލްޑިވްސް އެކްޝަން ޕާޓީ (އެމް.އޭ.ޕީ) ގެ ނަމުގައި ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރީ އެވެ. ޕާޓީ އުފެދުނީއްސުރެން ޢަބުދުއްރަޙްމާނުގެ ކޮއްކޮ ޖަވާޒާގެ ފިރިމީހާ ޢަލީ ވަސީމަކީ މި ޕާޓީގެ ވަރަށް ޙަރަކާތްތެރި މެންބަރެކެވެ.

ވަސީމު ކުޅުދުއްފުއްޓަށް ދިޔައިރު އިންތިޚާބުގެ ފޯރި އޮތީ ރަށްރަށުގައި ވަރަށް މައްޗަށް ހިފައިފަ އެވެ. ރަށްރަށުގެ ޒުވާނުންވަނީ ތަފާތިު ޕާޓީތަކަށް ބެހިފަ އެވެ. އެމީހެއްގެ ޕާޓީން ކުރިމަތިލައިފައިވާ ކެންޑިޑޭޓަށް ވޯޓުހޯދުމަށްޓަކައި ރެޔާއި ދުވާލު މަސައްކަތްކުރަނީ އެވެ. ޢާއިލާއެއްގެ ތިންބެއިން ތިބިއްޔާ އެ ތިންބެއިންވެސް އެމީހުންގެ މައިންބަފައިންގެ ކައިރީގައި ބުނަނީ ތިން މީހެއްގެ ވާހަކަ އެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ކެންޑިޑޭޓަށް ވޯޓު ދޭޏްޖެހޭ ސަބަބާއި އެމީހުންނަށް ވޯޓު ދޭން ނުޖެހޭ ސަބަބު ކިޔައިދެއެވެ. ގޭތެރޭގެ ފާރުތައް ފުރައިލައިފާވަނީ އެމީހުން ތާއިދުކުރާ ކެންޑިޑޭޓުގެ ފޮތޯތަކުންނެވެ. ކޮންމެ ކުއްޖަކުވެސް ބޭނުންވަނީ އަނެކަކު ހިއްޕި ވަރަށްވުރެ ގިނަ ފޮޓޯ ހިއްޕާށެވެ. ކޮންމެ ކުއްޖަކުވެސް ބޭނުންވަނީ އޭނާ ތާއިދުކުރާ ކެންޑިޑޭޓުގެ ލަވަ ގޭތެރޭގައި ޖަހާފައި ބަހައްޓާށެވެ. ލައިގެން އުޅެން ބޭނުންވަނީ ކެންޑިޑޭޓުންގެ ފޮތޯ ޖަހައިފައިވާ ޓީ ޝާޓެވެ. އެމީހަކު ތާއިދުކުރާ ނުވަތަ ނުކުރާ މީހުންނާބެހޭގޮތުން ލިޔެފައިވާ ތަކެތި ކޮންޕިއުޓަރުން ނަގައިގެން ގޭ އެންމެނަށް ބަހައެވެ. ގޭތެރޭގައި ގެންގުޅެން ނުކެރޭތަކެތި ހިފައިގެން މަގުމައްޗަށް ގޮސް ބަހައިލައެވެ. މީގެ އިތުރުން ތިމާގެ ކުދިންވެސް އަންނަނީ އެވެ. އަވައްޓެރި ގޭގޭގެ ކުދީންވެސް އަންނަނީ އެވެ. ޕޯސްޓަރުތަކާއި ސީޑީތައް ބެހުމަށެވެ. ލުއިފޮތްތަކާއި ސްޓިކާތައް ދިނުމަށެވެ. މިކުދީން ތާއީދު ކުރާ މީހުން އިޝްތިހާރު ކުރުމަށެވެ. މި ކުދީންނަށް އެކުދީންގެ ބޭނުންތައް އެނގެއެވެ. އެބޭނުންތައް ފަހިކޮށްދޭނެ އަދި ފަހިކޮށްދެވޭނެ މީހާވެސް އެނގެއެވެ. މި ކުދީން ވާހަކަ ދައްކަންވެސް މޮޅެވެ. ކޮންމެ ކުއްޖަކު ވާހަކަ ދައްކައި ނިމޭއިރު އެއީ ތެދުކަމަށް ގަބޫލުކުރެވެއެވެ. ޒުވާނުންތައް ހީވަނީ ފާޑެއްގެ ދެއްވެއް ހިފައިފައިވާހެންނެވެ. ކެއުމެއް، ބުއިމެއް، ނިދުމެއް ނެތެވެ. އެމީހުން ބޭނުންވަނީ އެމީހުން ތާއީދުކުރާ މީހާ ވެރިކަމަށް ގެންނާށެވެ.

ރަށްރަސުގެ ވިޔަފާރިވެރިންނާއި އިސް މީހުންވެސް ދަނީ އެކި ފަރާތްތަކަށް ޖެހެމުންނެވެ. ފެންނަ ފެނުމުގައި ވަކި ގޮތެއް، އަޑިއަޑިން ވަކިގޮތެއް ގެންގުޅެއެވެ. އެމީހުން ތާއީދުކުރާ މީހާ ވެރިކަމަށް ގެންނަން ބޭނުމެވެ. ނަމަވެސް އެއަށްވުރެުރިން މިހާރުވެސް އެއިން ކޮންމެ މީހަކުވެސް ކުރަން ބޭނުންވެފައިވާ ބައިވަރު ކަންތައް އެބަހުއްޓެވެ. ވިޔަފާރި ފަށައިފައިވާ މީހުން ވިޔަފާރި ފުޅާކޮށްލަން ބޭނުމެވެ. ބައެއް މީހުން އަލަށް ވިޔަފާރި ފަށަންވެސް ބޭނުމެވެ. އަނެއް ބަޔަކު އެމީހުން ބަންނަމުންދާ މަސްދޯނިފަހަރުގައި އަޅާނެ އިންޖީނު ވަނީ ބޭނުންވެފަ އެވެ. އިންޖީނުލީ މަސްދޯނި ހުރި މީހުން، ގަނޑުފެން އުފައްދާ މެޝީން ދޯނީގައި ބަހައްޓަން ބޭނުމެވެ. ބައެއް މީހުން އެމީހުންގެ ތިމާގެ މީހުންނަށް ވަޒީފާގެ ކުރިއެރުން ލިބުންވެސް ބޭނުމެވެ. އެމީހުންނަށް ރަށުގެ މީހުންގެ ތާއީދު އޮތްކަން ދެއްކުމުގެ ޙަރަކާތްތައް ހިންގަމުން ގެންދެއެވެ. ޖަމުއިއްޔާތައް ހަދައި ހިންގަމުން ގެންދެއެވެ. މިއިން ކޮންމެ މީހެއްގެ ބޭނުން ފުއްދައިދީފިނަމަ މުޅި ރަސުގެ ވޯޓު އެމީހަކަށް ހޯދައިދީފާނެ ކަމުގެ ނިޝާންތައް ދައްކަމުން ގެންދެއެވެ. މިކަމުގައި ތަޖުރިބާ ލިބިފައިވާ މީހުންނަށް މީގެތެރެއިން ރަނގަޅު ސިގްނަލް ފާހަގަކުރަން ފަސޭހަ ވީނަމަވެސް އަލަށް ކުރިމަތިލާ ފަރާތްތަކަށް މިކަން އެހައި ފަސޭހަކަމަކަށް ނުވެއެވެ. ބައެއް ފަރާތްތަކަށް ބޮޑެތި ލަނޑު ލިބެމުންވެސް ދެއެވެ.

ގިނަ ރަށް ރަށުގެ ޢައްމު ރައްޔިތުންނަށް ކޮންމެ މީހަކު ވެރިކަމަށް އަޔަސް ވަރިހަމަ އެވެ. އެމީހުން ދެކޭގޮތުގައި ވަކިމީހަކު ހުރެގެން އެމީހުންނަށް ވާނެކަމެއް ނޯންނާނެ އެވެ. ހިލޭ ބޭސްކޮށްދޭނަމޭ، ހިލޭ ތަޢުލީމުދޭނަމޭ، ރަށުގައި ތިބެގެން ނުވަތަ އަތޮޅުގައި ތިބެގެން ވަޒީފާ ލިބޭގޮތް ހަދައިދޭނަމޭ، ޑުރަގުގެ ވަބާއިން އަހަރެމެންގެ ދަރީން ސަލާމަތްކޮށްދޭނަމޭ ބުނާނެ އެވެ. ނަމަވެސް ވެރިކަމަށް އައުމުން އެ ހުރިހާކަމެއް ހަނދާންނެތިދާނެ އެވެ. ބޭސްފަރުވާއަށް އަހަރެމެން ޖެހޭނީ ސަލާން ޖަހާށެވެ. ސުކޫލަށް އެ ހޯދަންޖެހޭ ބައިވަރުތައް ނުހޯދިއްޖެނަމަ ދަރިފުޅު ޖެހޭނީ ސްކޫލަށް ނުގޮސް ހުންނާށެވެ. ވަޒީފާ ހޯދަން ޖެހޭނީ މާލެދާށެވެ. އެތަނަށް ގޮސްގެން ހޯދާހާ ލާރިއެއް ޖެހޭނީ ކުއްޔަށް ތިބޭތަނަށް ޚަރަދު ކުރާސެވެ. ޑުރަގު އެތެރެކުރާ މީހުން އެ އެތެރެކޮށް އަހަރެމެންގެ ދަރީން ހަލާކުކުރާނެ އެވެ. މިކަންތައްތައް މިނޫން ގޮތަކަށް ވާނެ ނަމަ މިހާރު އޮތީހީ ވެފެ އެވެ. ވެރިކަން ހޯދުމަށްޓަކައި މިހުރިހާ މަސައްކަތާއި ޚަރަދެއް މި މީހުން މި ކުރަނީ ހަމަގައިމުވެސް މި ވެރިކަމެއްގެ ފައިދާ ބޮޑުކަމުން ނޫންހެއްޔެވެ؟ މިހައިތަށް އަހަރެމެންނަށް ނަގުދުންވެސް ކިހައި ފައިސާއެއް ބަހައިފިހެއްޔެވެ؟ އެތިބަ ބޮޑެތި މީހުންނަށް ލައްކައިން ލައްކައިން ދީފައިވާ ވާހަކަ މީހުން ކިޔައެވެ. މި ދުވަސްކޮޅު ކިތައް ދޯނީގައި އިންޖީނު އަޅައިފިހެއްޔެވެ؟ ކިތައް ވިޔަފާރި ފަށައިފިހެއްޔެވެ؟ ކިތައް ކަންތައް ކޮށްފިހެއްޔެވެ؟ ހަމަ އެމީހުން ދިން ފައިސާއިންނެވެ.  އެބުނާގޮތަށް އަހަރެމެންނަށްޓަކައި އެ ފައިސާ ޚަރަދުކުރާނެހެއްޔެވެ؟ ކުރާނެ ނަމަ ކުރިންވެސް އަހަރެމެން ތިބީމެއްނޫންހެއްޔެވެ؟ މިއަށްވުރެން މާ ނިކަމެތިކޮށެވެ. ނަމަވެސް އަހަރެމެނަނކީ ތިބި ބައެއްކަމެއްވެސް އެމީހުން ނުދަނެއެވެ. ވެރިކަމަކީ އަހަރެމެނަށްޓަކައި ކުރާ ކަމެއްނޫނެވެ. އެއީ ވެރިކަން ހިންގާމީހުން، އެމީހުންގެ އަމިއްލަ ބޭނުމަށްޓަކައި ކުރާކަމެކެވެ.

ރަށްރަށުގެ މުސްކުޅިން ތިބެނީ ކަންބޮޑުވެފަ އެވެ. މި ފެންނަނީ ދުވަހަކުވެސް އެމީހުންނަށް ފެނުނުކަންތައްތަކެއް ނޫނެވެ. ރަށުގެ ފާރުތައް ފުރިފައިވަނީ މީސްމީހުންގެ ކުލަ ފޮޓޯތަކުންނެވެ. މީގެ ބައެއް މީހުންނަކީ އެމީހުންގެ މީހުންހެނެއްވެސް ހިއެއް ނުވެއެވެ. ރީތިކަމުންނެވެ. އަޅައިފައި ތިބޭ ހެދުމުގެ ރީތިކަމުންނެވެ. ސިއްޙަތު ރަނގަޅުކަމުންނެވެ. މަގުތަކުގެ އެތަންމިތަނުގައި ވަނީ ބޮޑެތިކޮށް ހަދާފައިވާ އެމީހުންގެ ފޮޓޯތަކެވެ. މިސްކިތް ކުރިމަތީގައިވެސް އެ ފޮޓޯތަކެވެ. ރޭގަނޑު އެއްޗެތި ހުންނަނީ އަލިކޮށްފަ އެވެ. ކުލަބޮކިތަކުން ޒީނަތްތެރިކޮށްފަ އެވެ. ފާޑުފާޑުގެ ނިޝާންތަކާއި ޢިބާރާތްތައް ލިޔެފައިވާ ފޮތިތައް ވަނީ ގޮތްގޮތަށް މަގުތަކުގައި ދަމާފައެވެ. އެކި ގޯޅި ގޯޅި ކަންމަތި އެއީ އެކި ގުރޫޕު ގުރޫޕުގެ އޮފީހެވެ. އެއިން ކޮންމެ ތަނެއްގައި ހުންނަ އަޑުގަދަކުރާއަކުން މެދުކެނޑުމެއްނެތި އިވިއިވި ހުންނަނީ އެބަޔަކު ތާއީދުކުރާ މީހެއްގެ ތަގުރީރުތަކުގެ އަޑެވެ. އޭނާއަށް ސަނާ ކިޔާފައި ހަފާދައިވާ ލަވަތަކުގެ އަޑެވެ. ނަމާދުވަގުތުގައި ނޫނީ މަޑުމައިތިރިކަމާއެކު މިސްކިތެއްގައި ނަމާދެއް ކޮށްލެވެންވެސް ނޯވެއެވެ. ކޮންމެ ދުވަހަކުހެން ކޮންމެވެސް ތަނަކަށް އެއްވުން އޮންނާނެ އެވެ. ބޮނޑިބަތް ކެއްކުމާއި ޕާޓީކުރުން އޮންނާނެ އެވެ. ލަވަޖެހުމާއި އުފާކުރުން އޮންނާނެ އެވެ. އެއް ބަޔަކު ރަށަށް އަރުވާނެ އެވެ. އަނެއް ބަޔަކު ރަށަށް އެރިޔަކަ ނުދޭނެ އެވެ. އެއް ބައެއްގެ އެއްޗެތިތަކެއް އަނެއްބަޔަކު ހަލާކުކޮށްލަފާނެ އެވެ. އެއްބައެއްގެ ގެއަށް އަނެއް ބަޔަކު ކަޅުތެޔޮ ޖަހާފާނެ އެވެ. އާރާރުންވުމާއި ތަޅައިފޮޅުންވެސް ހިނގަނީ މަދެއްކޮށެއް ނޫނެވެ. ޓީވީ، ރޭޑިޔޯ ހުޅުވައިފިއްޔާ އިވޭނީ ކޮންމްވެސް ރަށެއްގައި ކޮންމެވެސް މާރާމާރީއެއް ހިންގައިގެން، ނޫނީ ކޮންމެވެސް އެހެން ކަމެއް ކޮށްގެން ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްގެން އުޅޭ ޚަބަރެވެ. ދެޓީވީއަކުން ދެ ރޭޑިޔޯ އަކުން ކިޔާއެއްޗެއް ދިމައެއް ނުވެއެވެ. ދެ ނޫހެއްގައި ޖަހާ އެއްވާހަކައެއް އުޑާއި ބިމާހާ ތަފާތެވެ. އަޑުފަށްގަނޑު ގަދަކަމުންނާއި ޒުވާބުތަކުގެ ގިނަކަމުން ގޭތެރޭގައިވެސް ތިބެވޭކަށް ނެތެވެ. ކަންތައްގަނޑު ބޮޑުކަމުން މަގުމަތީގައިވެސް މަޑުކުރެވޭކަށް ނެތެވެ. ނުރަނގަޅު ވަގުތު ނުރަނގަޅު ތަނެއްގައި ހުރެވިއްޖެއްޔާ ނުރަނގަޅު ކަމެއްވެސް ވެދާނެ އެވެ. ދާނީ ވެސް ވަކި ކޮންތާކަށް ހެއްޔެވެ؟ މިއީ މޭލެއްވެސް ހަމަނުވާ ކުޑަކުޑަ ރަށްރަށެވެ. ކުރާނީ ވަކި ކީއްހެއްޔެވެ؟ ކުރާނެކަމެއް ނެތެވެ. މިއީ ތަރައްޤީ އެވެ. ޒަމާނީ ޑިމޮކްރެސީ އެވެ. ކުޑަޔަސް ބޮޑަސް، ޒުވާނަކަސް މުސްކުޅިއަކަސް އުޅެންވާނީ މީގެ ތެރޭގައެވެ. އަހަރެމެންނަށް ކެތްކުރެވޭނެބާއޭ ހިތަށްއަރައެވެ.

ރަށްރަށުގެ ބައެއް ހަރުމީހުން ދެކޭގޮތުގައި ސިޔާސީ ޕާޓީ ހެދުމަކީ ގޯހެކެވެ. އެވަރުގެ ބޮޑުކަމެއް ކުރިއިރުވެސް އެމީހުން ކައިިރިއަކުން އަހައިވެސްނުލައެވެ. އެކަމަކު ބޭނުންވަނީ ރިޔާސީ ނިޒާމެއްތޯ ބަރުލަމާނީ ނިޒާމެއްތޯ ބަލަން އެމީހުން ކައިރިން އެއްސެވެ. އެއީ ކޯޗެއްކަމެއްވެސް އެމީހުންނަކަށް ނޭނގެއެވެ. އެނގޭ މާހިރުން ބަހުސްކޮށްކޮށް ގޮތެއް ނުނިމުމުން އެމީހުންނަށް ބޯޅަ ފޮނުވައިލީއެވެ. ރިޔާސީ ނިޒާމެއް އޮތަސް ބަރުލަމާނީ ނިޒާމެއް އޮތަސް ކުރާނީ ވެރިކަމެކެވެ. އެކަމުގެ އަސަރު އެމީހުނަކަށް މާ ބޮޑަކަށް ނުކުރާނެ އެވެ. އެކަމަކު ސިޔާސީ ޕާޓީގެ އަސަރު އެމީހުންނަށް ވަރަށް ބޮޑަށް އެބަކުރެއެވެ. އެމީހުން ދެކެނީ ޕާޓީ އުފެއްދުމުން ރަށްރަށުގައި އޮތް ސުލްހަވެރިކަމާއި އަމާންކަން ގެއްލިދާކަމަށެވެ. ކުޑަކުޑަ ދެހާސް ތިންހާސް މީހުންގެ ޖަމާޢަތެއްގައި އެންމެ މުހިންމުކަމަކީ އެންމެން ގުޅިގެން އެކަތިގަނޑެއްގެ ގޮތުގައި އުޅުމެވެ. މީސްކޮޅު މަދު މި ކުދިކުދި ރަށްރަށުގައި އެންމެން އެންމެނަށް އެނގެއެވެ. އެންމެންގެ މާޒީ އެންމެން ދަނެއެވެ. މާޒީގައި ކޮންމެ މީހަކަށްވެސް ހުތުރު ކަމެއް ކުރެވިފައި އޮވެދާނެއެވެ. އެކަމެއް ނަގައިގެން އެ މީހަކު ބޭޒާރުކުރުމުގެ އޮތީ ކޮން ބޭނުމެއްހެއްޔެވެ؟ ސިޔާސީ ވާދަވެރިކަމަކީ މީހުން ބައިބައި ކުރާ ކަމެކެވެ. އެއްބަޔަކު އަނެއްބަޔަކަށް އެއްޗެތިގޮވަނީ އެވެ. ފުރައްސާރަކުރަނީ އެވެ. އަގު ވައްޓައުލަނީއެވެ. އަބުރު ނަގައިލަނީ އެވެ. ކުރިން އަހަރެމެން ގަދަރުކުރަމުން އައިމީހުންގެ ގަދަރެއް ނެތެވެ. އަހަރެމެން މާތްމީހުންކަމުގައި ބަލަމުން އައިމީހުންގެ މާތްކަން ކެނޑިއްޖެއެވެ. އަހަރެމެން އޮޅިއްޖެ އެވެ. ހާސްވެއެވެ.

ވަސީމުމެން ކަހަލަ މީހުން ރަށްރަށަށް ގޮސްގެން މިއުޅެނީ މިކަހަލަ ޚިޔާލުތަކުން ރައްޔިތުންގެ ސިކުނޑި ސަލާމަތްކުރުމަށެވެ. އެމީހުން ކިޔައިދެއެވެ. ގޯހަކީ ރާއްޖޭގައި ޑިމޮކްރެސީ ކުރިއަރުވަން މީގެކުރިން ހަރުދަނާގޮތެއްގައި މަސައްކަތް ނުކުރެވި އޮތްކަމެވެ. އަހަރެމެންގެ އޮތީ އެންމެ ރަނގަޅު ޑިމޮކްރެސީއޭ ކިޔާލަ ކިޔާލާ ތިބިކަމެވެ.  އެކަމަށް އަހަރެމެންގެ މުއައްސަސާތައް ތައްޔާރުނުކުރިކަމެވެ. ދިވެހިން ޑިމޮކްރެސީގެ މާހައުލަކަށް ބިނާ ނުކުރެވުމެވެ. ސްކޫލުތަކުގައި ވަޠަނިއްޔަތާއި ރައްޔިތެއްގެ ޙައްޤުތަކާއި ޒިންމާތައް އުނގަންނައި ނުދެވި އޮތްކަމެވެ. ޑިމޮކްރެސީ އަކީ އެނެކާގެ ޙައްޤަށް އެންމެ ބޮޑަށް ޙުރުމަތްތެރިކޮށްހިތާ އުސޫލެވެ. ޑިމޮކްރެސީއެއްގައި އަނެކާގެ އަބުރަށް ރައްކާތެރިވާނެ އެވެ. ޒިންމާދާރު ކޮންމެ މީހަކު ހުތުރު ކަމެއް ނުވަތަ ނުރަނގަޅު ކަމެއް ކޮށް އެކަމުގެ ހެކި ދެއްކެން އޮތިއްޔާ އެވާހަކަ ދައްކާނެ އެވެ. އެމީހަކު އެކަމަކަށް ޒިންމާދާރު ވާންޖެހޭނެ އެވެ. ރައްޔިތުންނަށް ޖަވާބުދާރީ ވާންޖެހޭނެ އެވެ. މަޢާފަށްވެސް އެދެންޖެހޭނެ އެވެ. ޖަމާޢަތުގެ ޒިންމާދާރު މީހުން އެމީހުން އުޅެންޖެހޭ ސުލޫކީ މިންގަނޑު ހިފެހެއްޓުމަށް ޑިމޮކްރެސީ މިގޮތުން މަގުފަހިކޮށްދޭނެ އެވެ. އޭރުން ނުރަނގަޅު ކަންތައް ކުރާމީހުން ވެރިންގެ ތެރޭގައި މަދުވާނެ އެވެ. ސަރުކާރުގައި ކަރަޕްޝަން ކުޑަވާނެ އެވެ. މިއަދު މައްސަލަތަކާ ކުރިމަތި މިވަނީ ކުއްލިއަކަށް މިކަންތައް އައިމަ އެވެ. ޑިމޮކްރެސީ އަހަރެމެންނަށް އާވީމަ އެވެ. ޕާޓީ ނިޒާމަށް އަހަރެމެން ހަގުވީމަ އެވެ. ޑިމޮކްރެސީއާއި ޕާޓީ ނިޒާމު ތަޢާރަފުވެ ހަރުދަނަވަމުން ދިޔަވަރަކަށް މައްސަލަތައް ދާނީ ކުޑަވަމުންނެވެ. ހަމަޖެހުން ދާނީ އަންނަމުންނެވެ.

އެމީހުން ކިޔައިދެއެވެ. ޑިމޮކްރެސީ އަކީ ރައްޔިތުންގެ ޙައްޤުތައް އެންމެ ރަނގަޅަށް ލިބިދޭ ވެރިކަމުގެ ވައްތަރެވެ. ސިޔާސީ ޕާޓީ އަކީ މި ވެރިކަމުގެ މުހިންމު އެއް އަސާސެވެ. ސިޔާސީ ޕާޓީ ހެދުމަކީ އަދި މީހުން އެމީހުން ބޭނުން ޕާޓީއެއްގައި އުޅުމަކީ މުހިންމު ކަމެކެވެ. މީހުން ބޭނުންވާގޮތަށް ސަރުކާރުގެ ކަންކަން ބައްޓަންކުރެވޭނީ، މީހުންގެ ބޭނުންތަކަށް އަވަހަށް ހައްލު ހޯދައިދެވޭނީ އަދި މީހުންގެ ޙައްޤުތައް އެންމެ ރަނގަޅަށް ރައްކާތެރިކޮށްދެވޭނީ ސިޔާސީ ޕާޓީ އޮވެގެންނެވެ. މީހުން ސިޔާސީ ޕާޓީތަކުގައި އުޅެގެންނެވެ. އެކި މީހުން އެކި ޕާޓީތަކާ ގުޅިގެންނެވެ. ސިޔާސީ ވާދަވެރިކަމެއްގެ ތެރެއިން ވެރިކަން ހިންގައިގެންނެވެ.

އެމީހުން ސާފުކޮށްދެއެވެ. މިހާރު ރައީސަކަށް ވެސް އެތަކެއް މީހުން މިވަނީ ކުރިމަތިލައިފަ އެވެ. އެ އެންމެން މި އަންނަނީ ރައްޔިތުންގެ ކުރިމައްޗަށެވެ. ކުރިއާ ޚިލާފަށް މިހާރު ރައީސަކަށް ކެމްޕޭން މިކުރަނީ މިއީ މާނައެއްނެތި ކުރާކަމެއްނޫނެވެ. މިކަން މިކުރަނީ ކުރިމަތިލައިފައިވާ މީހުންގެ ފުރިހަމަ މަޢުލޫމާތު ރައްޔިތުންނަށް ލިބިދިނުމަށެވެ. އެމީހަކަށް ވެރިކަން ލިބިއްޖެނަމަ ކަންތައް ކުރާނެގޮތާއި ރައްޔިތުންނަށް ކޮށްދޭނެކަންތައް ރައްޔިތުންނަށް ސާފުކޮށްދިނުމަށެވެ. ކުރިމަތިލައިފައި ތިބި އެހެން މީހުންގެ ސިޔާސަތުތަކަށްވުރެން ތިމަންގެ ސިޔާސަތުގެ ރަނގަޅުކަން ރައްޔިތުންނަށް ހާމަކޮށްދިނުމަށެވެ. ރައްޔިތުންގެ ބޭނުންތައް އެއިން ކޮންމެ މީހަކަށް އެނގި ރައްޔިތުންނާއި ވެރިކަމަށް އަންނަ ފަރާތާ ގުޅުން ރަނގަޅު ކުރުމަށެވެ.

މިއީ ވަސީމު މިކަމުގައި ކުޅުދުއްފުއްޓަށް އައި ފުރަތަމަ ފަހަރެއްނޫނެެވެ. ކިތަންމެ ދަތުރެއް ކޮށްފި އެވެ. ކިތަންމެ ހަރަކަތެއް އިންތިޒާމުކޮށްފި އެވެ. މިއަދު އޭނާ މިއައީ ވަރަށް ބޮޑު އެއްވުމެއް ބާއްވަން ވެގެންނެވެ. މި އެއްވުން ބޭއްވީ ކުޅުދުއްފުށީ ބޯޅަދަނޑުގަ އެވެ. އެތަނުގައި ތަފާތު ހަރަކާތްތައް ބޭއްވިއެވެ. އޭގެ ތެރޭގައި ތަގުރީރުކުރުމާއި ލަވަކިޔައި މިއުޒިކު ކުޅުން ހިމެނެއެވެ. އަދި ތަފާތު ޑްރާމާތައް ކުޅުމާއި އެނޫންވެސް އެކިއެކި ކުޅިވަރުތައް ކުޅުން އޮތެވެ. ކޮންމެ ފަހަރަކުވެސް މުޅިން އައު ކަމެއް ވަސީމު ރާވާފައި އޮންނާނެ އެވެ. މިފަހަރު ރޭވި ކުޅިވަރަކީ ‘ބޯޅަ އެމުނުން’ އެވެ. މީގައި ހުރީ ބޮޑު ފަސް އެއްޗަށް އަޅާފައިވާ ތަފާތު ފަސް ކުލައިގެ ބައިވަރު ފުޅިމަދު ބޯޅަތަކެކެވެ. ބޯޅަ އަޅާފައިހުރި ކޮންމެ އެއްޗެއްގެ ކައިރީގައި ބިންމަތީގައި ދަމާފައި ބާއްވާފައިވާ ވަލެއް އޮތެވެ. ބޯޅަ އަޅައިފައިވާ ފަސް އެތި ދަނޑުގެ މެދުގައި އެއްބަރިއަކަށް ބަހައްޓާފައި ހުރިއިރު ކޮންމެ އެއްޗަކަށް ދީފައިވާ ނަން ބޮޑު އަކުރުން ބޯޑެއްގައި ލިޔެ އޭގެ ކައިރީގައި ބިމަށް ޖަހާފައި ހުއްޓެވެ. ހަދަންޖެހޭގޮތް ވަސީމު އަޑުގަދަކުރާއިން އޮޅުންފިލުވައިދިނެވެ. ” ރަތްކުލަ އެއީ ވަޒީފާގެ ފުރުސަތު ތަނަވަސްކުރުން، ފެހިކުލަ އެއީ ޑުރަގުގެ ނުރައްކަލުން ގައުމު ސަލާމަތްކުރުން، އޮރެންޖް ކުލަ އެއީ އެންމެނަށް ރަނގަޅުފެންވަރުގެ ސިއްހީ ފަރުވާ ލިބުން، ރީނދޫކުލަ އެއީ ކަރަޕްޝަން ނުވަތަ ސަރުކާރުގައި ތިބޭ މީހުން އަމިއްލަ ފައިދާއަށް ކަންކަން ކުރުން ހުއްޓުވުން، ހުދުކުލަ އެއީ ޑިމޮކްރެޓިކް ދިވެހިރާއްޖެއަށާއި ބޭރުދުނިޔެއަށްވެސް ފެތޭ ތަޢުލީމެއް ކުދީންނަށް ލިބުން. މި ހުރިހާކަމަކީވެސް ތިބޭފުޅުން ބޭނުންވާނެ ކަންތައްތައް. އެކަމަކު ކޮންމެ ބޭފުޅަކުވެސް އެ ބޭފުޅަކު އެންމެ ބޮޑަށް ބޭނުންވާ އެއްކަމަކާ ގުޅޭ ކުލައިގެ ބޯޅައެއް ނަންގަވައިގެން ކައިރީގައި އޮތް ވަލަށް އަމުނަމުން ގެންދަވަންވީ. އެކަކަށް ދެބޯޅައެއް ނޭމުނޭނެ. އެހެން ކުޅިވަރުތައް ކުރިޔަށް ދާއިރުވެސް މިކަން ކުރިޔަށް ދާނެ.”

މީހުންތައް ބޯޅަ އަމުނަން ފަށައިފި އެވެ. ޒުވާނުން ވަރަށް ޝައުގުވެރިވި ކަމަކަށް މިކަން ވެއްޖެ އެވެ. އެކި ފަހަރު ދިގުވަމުން ދިޔައީ އެކި ކުލައިގެ ބޯޅައިގެ ވަލެވެ. މީހުންތައް އެތަނަށް ޖަމާވަމުން މީހުންގެ އަޑު ގަދަވަމުން ފޯރީ އިތުރުވަމުން ދިޔަ އެވެ. އެންމެ ފަހުން ޒުވާނުންތައް ނިންމީ މި ވާތަކާއި މި ނަންތަކާއެކު ހިފައިގެން ބާއްވާ ހިނގާލުމަކުން މިއަދުގެ ކަންތައް ނިންމާލުމަށެވެ. ނަމަވެސް ހިނގާލުމަކީ މިއަދު ހުއްދަ ނަގާފައިވާ ކަމެއް ނޫނެވެ. ވަސީމު ނުދާށޭ ނުދާށޭ އަޑުގަދަކުރާއިންގަދަ އަޑުން ގޮވަގޮވާ އޮއްވައި އެއްވެފައި ތިބި މީހުންތައް އެވާތައް ނަގައިގެން އަތްމައްޗަށް ލައިގެން އެކި އެއްޗެތި ގޮވަމުން ހިނގައި ގެންފި އެވެ. އެ ވާތައް ހަރުފަތަކެއްހެން އެމީހުންގެ ބޯމަތިން ފެންނަން އޮތެވެ. ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު އެމީހުންގެ ފަހަތުން ދިޔަ އެވެ. ފުލުހުން މި މީހުން ނުދިއުމަށް އެންގި އެވެ. ހުރަސް އެޅި އެވެ. ނަމަވެސް މިއަދު މިހެން ވެދާނެކަމަށް އެމީހުންވެސް ތައްޔާރުވެފައި ނެތުމާއެކު މިކަން އެމީހުންނަކަށް ނުހުއްޓުވުނެވެ. ބޮޑުމަގުގެ މެދާހިސާބަށް ދެވުނުތަނާ އަނެއްކޮޅިން އައި ބައިގަނޑެއް މި މީހުނާ ދިމާކޮށްލައިފި އެވެ. ތަޅާފޮޅުމެއް ފެށިއްޖެ އެވެ. އެދުވަސް ނިމިގެން ދިޔައީ ކުޅުދުއްފުށީގައި އަދި މިހާތަނަށް ނުހިނގާވަރުގެ ތަޅާފޮޅުންގަނޑަކަށް ފަހުގަ އެވެ. އެތައް ބަޔަކު ފުލުހުންގެ މަރުކަޒަށް ގެންދަން ޖެހުނެވެ. އޭގެތެރޭގައި ވަސީމުވެސް ހިމެނުނެވެ. ވަސީމު ދެކޭގޮތުގައި ވަސީމުގެ ކުށެއް ނެތެވެ. ޑިމޮކްރެސީއެއްގައި އެބަޔަކު އެބައެއް ޚިޔާލުފާޅުކުރުމަކީ ކުށެއް ނޫނެވެ. ނަމަވެސް ޑިމޮކްރެސީއެއްގައި އެމީހަކު ކުރިކަމަކުން ނިކުތް ނަތީޖާއަކަށް ޒިންމާވާން ނުޖެހޭނެހެއްޔެވެ؟

ވަސީމު އެކި އަތޮޅުތަކުގައި ރާވާ ކަންތައްތަކާ ގުޅިގެން ތަފާތު ހާދިސާތައް ހިނގާފައިވެއެވެ. އެ ކަންތައްތަކާ ގުޅިގެން އޭނާއަށް ފާޑުފާޑުގެ އިންޒާރު އައިސްފައިވެއެވެ. ނަމަވެސް ކުޅުދުއްފުށީގައި ހިނގި ހާދިސާއަކީ ވަސީމަށް މިހައިތަނަށް އެންމެ ގިނަ، އެންމެ ބިރުވެރި އިންޒާރު އައި ހާދިސާ އެވެ. ވަސީމު ކޮންތަނެއް ކަން ނޭނގޭ ތަނެއްގައި ބަންދުވެފައި އިންއިރު އޭނާ އެންމެ ބޮޑަށް ހަނދާންވީ ލިބިފައިވާ އިންޒާރު ތަކެވެ. އޭގެ ތެރެއިންވެސް އޭނާއަށް އިންތިޚާބުގެ ކުރިން ދެން އެއްވެސް ރަށަކަށް އަރަން ނުކެރޭނެކަމަށް ކޮށްފައި އޮތް އިންޒާރެވެ. މިއޮތީ އެބުނިގޮތަށް ހަދައިފައޭ ވަސީމުގެ ހިތަށް އެރި އެވެ.

ނުނިމޭ

ފޭސްބްކް ކޮމެންޓްސް

ޝެއަރ ކުރޭ:

ރަން ގަލަން

މިއީ ފާހަގަކޮށްލެވޭ ލިޔުންތެރިންގެ ލިޔުންތަކާއި ވާހަކަ ޝާއިޢު ކުރުމަށް 'ރަންގަލަން' މި ނަމުގައި ލިޔުންތައް ޝާއިއު ކުރާނެ ކޮންޓްރިބިއުޓަރ އެކެވެ.

ޝެއަރ
ޝެއަރ