އާކުއްޖެކޭ ދަސްވީފަހުން: 28 – މަލީޝާ

މަލީޝާ ގެ ނަޒަރުން …..

ގޭގެ ސިޑިމަތިން އަހަރެންގެ މަންމަ ވައްޓައިލިތަން އަހަންނަށް ހަމަ ރަނގަޅަށް ފެނުނެވެ. އެކަން ކުރީ އަހަރެން ގެ ބައްޕަ އެވެ. އަހަރެންގެ މަންމަ މަރުވެ ދިޔައީ ޚުދު އަހަރެންގެ ލޯ ކުރިމަތީގަ އެވެ. އަހަރެން ބަދަލުހިފަން ޖެހުނީ އެހެންވެ އެވެ. ބައްޕަ މަސައްކަތްކުރީ ކަންވެދިޔަގޮތް އޮޅުވައިލުމަށެވެ. އެއްވެސް ކަމެއް ނުވާކަމަށް ހެދިގެން އުޅޭނަމޭ އޭނާ ހިތަށް އެރިޔަސް، އަހަރެން އެކަން އެގޮތަށް ވިޔަކަ ނުދިނީމެވެ.

 

އެހެންވެ، އަހަރެންގެ ދެއަތުން އެ ނުލަފާ މީހާ މަރައިލީމެވެ. އާނއެކެވެ. އަހަރެންގެ ބައްޕަ މަރައިލީމެވެ. އެކަމަކީ ކުޑަވެސް ގޯހެއް އޮތް ކަމެއްކަމަކަށް އަހަރެން ނުދެކެވެ. މަރަށް މަރެވެ. އަހަރެންގެ އަންހެން ކޮއްކޮ ފޮރުވީވެސް ހަމަ އަހަންނެވެ. ކޮއްކޮ މަރައިލީ ބައްޕަ ކަމަށް ވާހަކަ ފެތުރީމެވެ. އެކަމަށް ވާގި ލިބޭގޮތަށް ކަންތައްތައް ތަރުތީބުކުރީވެސް ޚުދު އަހަރެން އަމިއްލަ އަށެވެ. އެއަށްފަހު މާބޮޑުކަމެއް ނުވާކަމަށް ހެދިގެން އަހަރެން އުޅުނީމެވެ.

 

މީގެ އެއްވެސް ކަމެއްގައި އަހަރެންގެ ކޮއްކޮ ރައުދާ ޝާމިލުކުރާކަށް އަހަރެން ކުޑަކޮށްވެސް ބޭނުމެއް ނޫނެވެ. ނަމަވެސް ‘އެމީހުން’ އަހަންނަށް އެކަން ކުރުމަށް މަޖުބޫރު ކުރުވީ އެވެ. ‘އެމީހުން’ ބޭނުންވީ އަހަރެންގެ ކޮއްކޮ ގެ ހަށިގަނޑު ބޭނުންކުރުމަށެވެ. ‘އެމީހުން’ އަބަދުވެސް ބޭނުންވީ އައު ހަށިގަނޑެއް ހޯދުމަށެވެ. އެ ހަށިގަނޑުގެ އެހީގައި ‘އެމީހުން’ ދުނިޔޭގެ މި ޢާލަމަށް ވުޖޫދުވެގަތުމަށެވެ. އެގޮތުން ހަމީހެއްގެ ހަށިގަނޑު އަހަރެން އެމީހުންނަށް ހަދިޔާ ކުރީމެވެ. އެކަމަކު އޭގެތެރެއިން އެއްވެސް ހަށިގަނޑަކީ އެމީހުން މި ދުނިޔެމައްޗަށް އަލުން އައުމަށް ބޭނުންކުރެވޭ ވަރަށްވުރެން ބަލި ހަށިގަނޑު ތަކެކެވެ. އެމީހުން ބުނާގޮތުން އޭގެ ތެރެއިން އެއްވެސް ހަށިގަނޑެއްގައި އެފަދަ ބާރެއް ނުވެއެވެ.

 

އަހަރެންގެ ކޮއްކޮ ގެ ހަށިގަނޑުވެސް އެމީހުންނަކަށް ކަމަކު ނުދިޔަ އެވެ. އެހެންކަމުން އެއްމެފަހުން ކޮއްކޮ ގެ އަޖަލާއިވެސް ކުރިމަތިލާން ޖެހުނީ އެވެ.

 

ޝިފާ އަކީ އަހަރެން އެމީހުންނަށް ހޯދައިދިން މީހުންގެ ތެރެއިން އެއްމެ ދުއްޕާން ބޮޑު މީހާ އެވެ. ޝިފާ ގެ ގައިގައި އަދުހަމް ގެ ދެއަތުން އަޅައި ކޮއްޕާލައި މަގުމައްޗަށް ވައްޓައިލި މަންޒަރު  ވެގެންދިޔައީ އަހަންނަށް އެއްމެ ބޮޑު އުފާވެރިކަމެއް ލިބިގެންދިޔަ މަންޒަރަށެވެ. އެރޭ، ޝިފާ ރޮއެ ގިސްލަމުން ދިޔަތަން އަހަރެން ދުށީމެވެ. އަހަންނަށް އަދުހަމް އެތަނުން ދުރަށް ދާތަން ފެނުމުން ދަނޑިވަޅުގެ ބޭނުން އެއްމެ ފުރިހަމަގޮތުގައި ހިފީމެވެ. އެގޮތުން ޝިފާ ގެ ފުއްކިބައިގައި އަހަރެންގެ އަތުގައި އޮތް ވަޅިން ބޮނޑިއެއް ޖެހީމެވެ.

 

އީތަން އެ ގެއަށް ގެންދިއުމަކަށް އަހަރެން އެއްވެސް ވަރަކަށް ޕްލޭނެއް ނުކުރަމެވެ. އެކަން ކުރާނަމޭ ހިތަކަށްވެސް ނާރުވަމެވެ. ނަމަވެސް އޭނާ އަހަރެންގެ ލޮކަރު ހާވަނިކޮށް އަހަންނަށް ފެނުނީއެވެ. އޭނާ އަހަރެންގެ ހުރިހައި ސިޓީތައްވެސް ކިޔެވެ. ކޮންމެގޮތަކުންވިޔަސް އީތަން އަށް އެ އަރައިގަނެވުނީ އަހަރެންގެ ޕްރައިވެސީ އަށެވެ.

 

ކަލޭމެން މިކަމާ އެއްބަހެއް ނުވަންހެއްޔެވެ؟

 

އޭނާ އައިޝާ އާއި ބައްދަލުކުރަން ވަރުގެ ކޮޅަށް ނަލަހެދިގެން ދިޔަވަގުތު އަހަރެން އޭނާއަށް ފާރަލީމެވެ. ދަނޑިވަޅުގެ ބޭނުން ހިފައި އޭނާގެ ދުވަސް ދުއްވާލީ އެ ޕާކު ތެރެއިންނެވެ. އޭނާ އަހަރެންގެ ސިޓީތައް ކިޔަންވީކީ ކީއްކުރަން ހެއްޔެވެ؟ އެއީ އަހަންނަށް އަހަރެންގެ ލޯބިވާ ރައުދާ ކޮއްކޮ ލިޔެފައިވާ ސިޓީ ތަކެކެވެ.

 

ދައުދާ އަށް ވެސް އެނގެން ނުޖެހޭ ކަމެއް އެނގުމަކީ އޭނާއަށް ކުރެވުނު ކުށެކެވެ. އަހަރެން، އަހަރެންގެ ބައްޕަ މަރައިލިކަން އޭނާއަށް އެނގުނީ އެވެ. ޕޮލިހަށް ދާނެކަމަށް ބުނެ އަހަންނަށް ބިރުދައްކައި ފުއްޕަންފެށީ މާ ވަރަކަށެވެ. ނަމަވެސް އަހަރެން އެކަމާ އަޅައެއް ނުލަމެވެ.

 

ރައުދާ އަށް އަހަރެން ހޯދުމުން ގޮސް ވަދެވުނީ އެ ގެއަށެވެ. އެއީ ކޮންކަހަލަ ގެއެއްކަން އެއްމަނަށްވެސް އެނގެންޖެހޭނެއެވެ. އެ ގެއަށް ވަތް އެއްވެސް މީހަކަށް ސަލާމަތުން އެ ގެއިން ނިކުމެގެން ދިއުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ފުރިހަމަ ސަލާމަތުން ހުރެއެވެ. ‘ސަލާމަތުން’ މި ބަހަކީ އަހަރެންގެ ބޮލަށް ފިސާރި އުނދަގޫކުރާ ބަހެކެވެ. އެ ބަހުގެ ސަބަބުން އަހަރެންގެ ހަނދާނަށް އަންނަނީ އަދުހަމް އާއި އައިޝާ އެވެ. އެއީ އަހަރެންގެ އެއްމެ ފޭވަރިޓް ދެމީހުންނެވެ. އަދުހަމް އަކީ އަހަރެން ވަރަށް ގަޔާވާ ވަރަށް ލޯބިވެސް ވި ބިޓެކެވެ. އަދުހަމް ވެސް ހުންނަނީ އަހަންނާއި އަޅައިގަނެފައެވެ. މިހާރުވެސް އޭނާ އަހަންނާ ގަޔާވާކަން މަށަށް އެނގެއެވެ. ނޫނެކެވެ. މިއީ މަށަށް ހީވާގޮތް ކަމަށްވެސް ވެދާނެ އެވެ.

 

އަހަރެން ކުރި ކޮންމެ ކަމެއްވެސް ކުރީ ކުރަން ޖެހިގެންނެވެ. މަޖުބޫރު ވެގެންނެވެ.އަދުހަމް މެން ގޮވައިގެން އެ ގެއަށް ދާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެކަމަކު ‘އެމީހުން’ ގެ އެއްވެސް އަމުރަކަށް އަހަންނަށް ޚިލާފުވެވޭކަށް ނޯވެ އެވެ. އެމީހުންނަށް އަދުހަމް އާއި އައިޝާ ގެ ވަސް ދުވީ އެވެ. އެ ދެބޭން ގޭތެރެއަށް ވެއްދުމަށް އަހަންނަށް އަމުރު ކުރީ ‘އެމީހުން’ ނެވެ. ރައްޓެހިންނަށް ވާތީ އަހަންނަށް ވެވުނު މިންވަރަކުން އެ ދެބެއިންނަށް އެހީތެރިވެސް ވީމެވެ. ނުފެނި ހުރެ އައިޝާ އާއި ވާހަކަދެއްކީ އަހަންނެވެ. އަހަރެންގެ އަޑު ބަދަލުކޮށްގެން ސިއްރުންނެވެ. ވައި އަޑުންނެވެ. އައިޝާ އަށް އެހީވުމަށް ވަރަށް ގިނަ ‘ޓިޕްސް’ ތައް ދިނީމެވެ.

 

އެކަމަކު މިއީކީ އަދި މިކަންތައް ގަނޑު އެއްކޮށް ނިމުނީކީ ނޫނެވެ. ‘އެމީހުން’ އަދިވެސް މިތަނުގައި އެބަ އުޅެއެވެ. ހަށިގަނޑެއް ހޯދުމަށް ކެނޑިނޭޅި އަތްފުނާ އަޅަމުންނެވެ. ‘އެމީހުން’ މިވަގުތުވެސް މިތަނުގައި އެބަ ތިބި އެވެ. އެމީހުން އިންތިޒާރު ކުރަމުންދަނީ ކޮންމެވެސް އާކުއްޖެއް މި ގެއަށް ވަންނާނެ ވަގުތަކަށެވެ. ކޮންމެވެސް އާކުއްޖެއް ދަސްކޮށް އަހަރެން އެމީހުންނަށް ހަދިޔާ ކުރުމަށް ގެންދާނެ ވަގުތަކަށެވެ.

 

އަހަންނަށް ފާވެފައިވާ އެ ރޫޙާނީ ބާރުތައް އިންސާނުންނާއި ދުރުގައި ބޭތިއްބެން އޮތީ ހަމައެކަނި އެކަން ކޮށްގެންނެވެ. ކޮންމެވެސް އާކުއްޖެއް އެމީހުންނަށް ހަދިޔާ ކޮށްދީގެންވެ. ކަލޭމެން އެއްމެންނަށް ވަރަށް ފަސޭހައިން އަހަންނާއިމެދު ފާޑުކިޔިދާނެ އެވެ. އަހަންނަކީ ވަރަށް ގޯސް މީހެއްކަމަށްވެސް ކަނޑައެޅިދާނެ އެވެ. އެކަމަކު އަހަރެން މިހުރި ހާލަތަށް އައިސްފިނަމަ ކަލޭމެން ކޮންމެ މީހަކުވެސް ކަންކުރާނީ ހަމަ މިގޮތަށެވެ. އެމީހުންނަށް ހަދިޔާ ދީގެން މެނުވީ އަހަންނަށް ސަލާމަތެއް ނެތެވެ. އެމީހުން ވަނީ އެގޮތަށް އެއްބަސްވެފައެވެ. އެމީހުންނަށް އަހަރެން އެހީވާހާ ހިނދަކު އެމީހުން އަހަރެންގެ ހަށިގަނޑަކަށް ނުވަންނާނެ އެވެ.

 

އެހެންވީމާ އައު ކުދިން ދަސްކޮށް އެކުދިންނާއި ގުޅުން ބަދަހި ކުރުމަކީ އަހަންނަށް މިއަދު ލާޒިމު ކަމެކެވެ.

 

ނިމުނީ

 

22 ޖޫން 2017

 

ކިޔުންތެރިންގެ ސަމާލުކަމަށް:-

މި ވާހަކައިގެ ފުރަތަމަ ސީޒަން މިހިސާބުން ނިމުނު އިރު ޖަވާބު ނުލިބޭ ބައިވަރު ކަންކަން ހުންނާނެ އެވެ. އެއީ މި ސިލްސިލާގެ ދެވަނަ ސީޒަން ނުވަތަ ‘އާކުއްޖެކޭ ދަސްވީ ފަހުން’ ގެ ސީކުއަލް އެއް ނެރުމުގެ ޚިޔާލުކުރެވި އެ ވާހަކަ މިހާރު ރާވައިލަމުން ގެންދާތީ އެވެ. ސީކުއަލް ވާހަކައަށް ދީފައިވާ ނަމަކީ ‘ހަތަރުގަޑި ފަންސަވަންނަ’ އެވެ. ވާހަކައިގައި ބޭނުންކުރާނެ ކަވަރ ފޮޓޯ ތިރީގައި އެވަނީ އެވެ.

ފޭސްބްކް ކޮމެންޓްސް

ޝެއަރ ކުރޭ:

އަޙްމަދު ރަޝީދު

ލިޔުންތެރިކަމާއި، ވީޑިއޯ އަދި އޯޑިއޯ އާއި ގުޅުންހުރި މަސައްކަތްތަކަކީ ކުރާހިތުން ކުރާ މަސައްކަތެކެވެ.

ޝެއަރ
ޝެއަރ