އާކުއްޖެކޭ ދަސްވީފަހުން: 25 – ދުވަމުން ދުވަމުން….

އެ ރޫހާނީ އެތި ހުރީ އެ ދެމީހުން ކައިލުމަށް ތައްޔާރަށެވެ. އޭތި ދިޔައީ އެމީހުންގެ ގައިގެ ވަސް ބަލަމުންނެވެ.

 

“އަދުހަމް!” އަދުހަމް ގެ ކޮނޑުގައި ކޮއްޓާލަމުން އައިޝާ ގޮވާލި އެވެ.

 

އައިޝާ ގެ މޫނުމަތިން ކުރިން ފެންނަމުންދިޔަ ހިތާމައިގެ އަސަރު ބިރުވެރިކަމަށް ބަދަލުވެއްޖެކަން އަދުހަމް އަށް އެނގުމުން އައިޝާ ގެ ފުރަގަހަށް ބަލައިލި އެވެ. އޭރު އެ ރޫހާނީ އެތި ހުރީ އައިޝާ އާއި ނުހަނު ކައިރީގަ އެވެ. އެ ވަގުތަކީ އެމީހުންގެ އެއްމެ ފަހު ވަގުތުކަން އަދުހަމް އަށް ޔަޤީން ކުރެވުނީ އެހިސާބުން ނެވެ.

 

އެ އެތީގެ ލޮލުގެ ބަދަލުގައި ހުރީ ކަޅުކުލައިގެ ދެ ލޯވަޅެވެ. މުޅި ހަށިގަނޑު ހުރީ ހުދުކޮށެވެ. ހީވަނީ ގަނޑުފެން ގަނޑެއް ހެންނެވެ. އައިޝާ ގެ ގައިގެ ވަސްބަލަން ފެށުމުން ދެލޯ މަރައި ތަގުޅިކޮށްލެވުނެވެ.

 

“ނުގުޑި ހުންނާތި، އައިޝް.” އަދުހަމް ވައި އަޑުން ބުންޏެވެ.

 

އަތުގައި ހުރި ފުޅީގެ މަތިގަނޑު ނަގައި އޭގައި ހުރި ފެން އަތަށް އަޅަމުން އައިޝާ ގެ ފުރަގަހުގައި ހުރި ރޫހާނީ އެއްޗާއި ދިމާއަށް ވިއްސާލި އެވެ. އަދުހަމް ހީކުރި ގޮތާއި ޚިލާފަށް އެ ރޫހާނީ އެތި ފަހަތަށް ޖެހުމުގެ ބަދަލުގައި އައީ ކުރިއަށެވެ. އައިޝާ އާއި ކައިރިއަށެވެ.

 

ހީކުރިގޮތަށް ކަންތައް ނުވުމުން އަދުހަމް ގާތަށް ރުޅި އާދެވުނެވެ. އަތުގައި ހުރި ފުޅި އަތުން ދޫވެގެން ތަޅުންމައްޗަށް ވެއްޓިއްޖެ އެވެ. ތަޅުންމަތީގައި ފުޅި ޖެހުމާއިއެކު ކުދިކުދިވެގެން ދިޔައެވެ.

 

އިވުނު އަޑާއިއެކު އައިޝާ އަށް ތެޅިގަނެވުނެވެ. ދެލޯ ހުޅުވައިލަމުން ރޮއެގަތެވެ. “އަދުހަމޫ!!”

 

އެވަގުތު އެ ރޫހުގެ މިސްރާބު ބަދަލުކޮށްލީ އަދުހަމް އާއި ދިމާއަށެވެ. އަދުހަމް ގެ ކައިރިއަށް ގޮސް ހުއްޓިފައި އޭނާގެ ކަނދުރާ ދޮށުގައި ވަސްގަންނަން ފެށިއެވެ.

 

އަދުހަމް އަށް ހުރެވުނީ އެވެ. ގުޑިލާންވެސް ނުކުރިފަ އެވެ. ހަމަ އެކަނި އޭނާގެ އަނގައިން ބުނެވުނީ އެއްމެ ތިން ލަފުޒެވެ. “އައިޝް، ދުރަށް ދޭ!!”

 

އަދުހަމް ފަހަތަށް ޖެހިލި އެވެ. އެ ރޫހު އަދުހަމް ގެ ފަހަތުން ދާން ފެށިއެވެ. “އައިޝް، ތިހެން މަޑުން ނުހުރެ މިތަނުން ދާށޭ!” އަނެއްކާވެސް އަދުހަމް ބާރަށް ހަޅޭއްލަވައިގަންނަމުން ބުންޏެވެ.

 

އަދުހަމް ފަހަތަށް އަޅަމުން ދިޔައީ ކުރު ފިޔަވަޅުތަކެއްކަން އައިޝާ އަށް ފާހަގަ ކުރެވުނެވެ. އަނެއްކާވެސް ފަހަތަށް ދެ ފިޔަވަޅެއް އަދުހަމް އެޅިއެވެ. އަދުހަމް ގޮސް ޖެހުނީ ފާރުގަ އެވެ. އެވަގުތު ދާނެ އެހެން ދިމާއެއް ނެތްކަން އަދުހަމް އަށް އެނގުނެވެ. އެ ރޫޙާނީ އެތި އަދުހަމް އާއި ކައިރިއަށް ޖެހެމުންގޮސް ވަރަށް ކައިރީގައި ހުއްޓުނެވެ. އަދުހަމް ގެ ވާތުގައި ވަރަށް ބާރަށް ދަތްއެޅި އެވެ.

 

އެވަގުތު އަދުހަމް ގެ އަތުގެ އެތައްމިތަނުން ކަޅުކުލައިގެ ބޮޑެތި ކުރަގަނޑުތަކެއް ލާންފެށިއެވެ. ނިތްކުރީގައި ބޮޑު ފާރުގަނޑެއްވެސް އުފެދުނީ ބަލަބަލާ ހުއްޓައެވެ.

 

އައިޝާ ދުއްވައިގަތެވެ. ދާނެ ދިމާއެއް، ކުރާނެ ކަމެއް ނޭނގުނަސް ދުއްވައިގަތެވެ. މިއީ އެއްމެ ފަހުވަގުތުކަމަށް ހީކުރެވުނަސް ސަލާމަތްވާނެ މަގެއް ފެނޭތޯ ބެލުން ހުއްޓާލާކަށް އޭނާ ބޭނުމެއް ނޫނެވެ. ދުރުދުރުން އަދުހަމް ހަޅޭއްލަވަމުންދާ އަޑު އިވެމުންދިޔައެވެ. ސަލާމަތަށް އެދި އަދުހަމް އާދޭސްކުރާއަޑެވެ. އަޅަމުންދާ ތަދުގެ ވޭން ގަދަކަމުން އަނގައިން ބޭރުވަމުންދާ އާހްގެ އަޑެވެ. އައިޝާ ފަސް އެނބުރި ބަލައިލިވަގުތު ފެނިގެންދިޔަ މަންޒަރުން ހިތް ހުއްޓުނުކަހަލަ އެވެ. އަނެއްކާވެސް އެ ރޫހާނީ އެތި އަދުހަމްގެ ގައިގައި ދަތްއެޅި މަންޒަރު ފެނުނެވެ. މިފަހަރު ދަތްއެޅީ މޫނުގައެވެ. އޭރު އަދުހަމް ގެ އަތުގައި ހުރި ޒަޚަމް އިތުރަށް ބޮޑުވަމުން ދިޔަ އެވެ. ގައިގައި ނަގަމުންދިޔަ ކުރަގަނޑުތައް އިތުރުވަމުން ދެއެވެ. އަދުހަމްގެ ސިފަ ވަކިކުރަން ނޭނގޭހާ ވަރަށް މުޅި ހަށިގަނޑުގައި ކުރަތައް ނަގަމުން ދިޔައެވެ.

 

“އަދޫ މަރުވިޔަކަ ނުދޭނަން.” ދަތްކުނޑި ވިކައިލަމުން އައިޝާއަށް ބުނެލެވުނެވެ. އަމިއްލަ ނަފުސަށް ވަޢުދުވީ އެ ރޫހާނީ އެތީގެ ޝިކާރައަކަށްވެ އޭނާގެ ކޮއްކޮ މަރުވެގެން ދިޔަ ނުދިނުމަށެވެ.

 

‘އައިޝާ!….. ފުޅީގެ ބޭރަށް ފެންނަ ހުރި އެއްޗެއްސަށް ބަލާބަލަ!….. އޭރުން އެނގޭނެ ކަންކުރަންވީ ގޮތް. އަވަސްކުރޭ! އެހެން ނޫނީ މާލަސްވެދާނެ!!’ ގަދަ އެކޯ އަކާއިއެކު އައިޝާ ގެ ކަންފަތްދޮށުގައި ގުގުމަންފެށީ ކުރިންވެސް އިވުނު އަޑެވެ. މިފަހަރުވެސް އެމީހާ އެ ދައްކަނީ އެ ފުޅީގެ ވާހަކައެވެ.

 

‘ފުޅީގެ ބިއްލޫރިތައް!!!’ އެމީހާ އެބުނި އެއްޗެއް އައިޝާއަށް ވިސްނިއްޖެ އެވެ. “ފުޅީގެ ބޭރަށް ބަލާށޭ…” އެމީހާ ބުނި އިބާރާތްކޮޅު އައިޝާ ވެސް ތަކުރާރު ކޮށްލި އެވެ. އައިޝާ ފަސްއެނބުރި އަދުހަމް އަށް ބަލައިލި އެވެ.

 

“އަދޫ!” އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތެވެ. އެހިސާބަށް ވިއްސިފައިވާ ފުޅިތޮށިތަކުން ފުޅިތޮށިކޮޅެއް ނެގިއެވެ. ބަލާކަށް ނުހުރެ ދުއްވައިގަތެވެ. އަދުހަމް އާއި ހަމަލާދެމުން ގެންދާ އެ ރޫހާނީ އެއްޗާއި ދިމާއަށެވެ. އައިޝާ އެ ދިޔަ ބާރުމިނުގައި ގޮސް އަތުގައި އޮތް ފުޅިތޮށިގަނޑު އެ ރޫހާނީ އެތީގެ ހަށިގަނޑަށް ވައްދާލި އެވެ. މަޑު ފުށްގަނޑެއްގެ ތެރެއަށް ވަޅިއެއްގެ ތުނޑު ވަދެގެންދާހާވެސް ފަސޭހަކޮށް ފުޅިތޮށިގަނޑުވެސް ވަދެގެން ދިޔައެވެ. އެ އެތީގެ އަރިކަށްޓަށް ހެރިފައި ހުރި ފުޅިތޮށިގަނޑުން ކުއްލިއަކަށް އަލިކަމެއް ނިކުމެއްޖެއެވެ. ގަދަ އަލިކަމެކެވެ. މުޅި ތަނަށް އެ އަލިކަން ފެތުރުނެވެ. މުޅި އެ ސަރަހައްދަށް އޮތީ ހުދުކުލައިގެ އަލިކަމެއް ވެރިވެފައެވެ. އެ އަލިކަމުގެ ތެރެއިން ކަޅުކުލައިގެ ދުންގަނޑެއް ފެންނަން ފެށިއެވެ. އެ ރޫހާނީ ސޫރައިގެ ސިފަޖެހިފައިވާ ދުންގަނޑެކެވެ. އެ ސޫރައަށް ހުރީ ގުޑިނުލެވިފައިކަން އައިޝާއަށް އެނގުނެވެ. އޭތި ހުރީ އެ ގަދަ އަލިކަމުގެ ތެރޭގައި ތާށިވެ ގައިދުވެފައެވެ.

 

“އަވަހަށް މިތަނުން ދެވޭތޯ ހިނގާ!” އަދުހަމް ނަގައި އަތުލަފިކޮށްލަމުން އައިޝާ ބުންޏެވެ.

 

“އައިޝް.” އެއްކޮށްކަހަލަ ގޮތަކަށް މެރިފައިވާ ދެލޯ ހުޅުވާލެވޭތޯ މަސައްކަތް ކުރަމުން ވައި އަޑުން އަދުހަމް އައިޝާ އަށް ގޮވާލި އެވެ.

 

“މިތަނުން އަވަހަށް ނިކުންނަން އެބަޖެހޭ. ލޯ ނުމަރާ މަށަށް ބަލާބަލަ!!” އަދުހަމް ގެ ދެ ކޮލުގައި މަޑުމަޑުން ޖަހަމުން ބުންޏެވެ.

 

އަދުހަމް ގެ އަތް ގެނެސް އައިޝާ ގެ ކަނދުރާ މަތީގައި ބާއްވައިދިނެވެ. އައިޝާ ގެ ކަނާތުން އަދުހަމް ގެ އުނަގަނޑުގައި ބާރަށް ހިފެހެއްޓި އެވެ. ދަމާފައި ކަހަލަ ގޮތަކަށް އަދުހަމް ގޮވައިގެން ދިގު ހޯލު ތެރެއިން އައިޝާ ހިނގަމުން ދިޔައެވެ. ހުޅުވިފައި ހުރި ދޮރެއް ކުރިމަތިން ފެނިއްޖެ އެވެ. އެއީ އެހެން ކޮޓަރިއަކަށް ހުޅުވިފައި ހުރި ދޮރެކެވެ. ދަމަމުން ކަހަލަ ގޮތަކަށް އަދުހަމް ގޮވައިގެން އެ ކޮޓަރި ތެރެއަށް ވަނެވެ. ކޮޓަރިއަށް ވަދެވުމާއި އެކު ބިއްލޫރި ޖަހާފައިހުރި ބޮޑު ކުޑަދޮރެއް ފެނިއްޖެ އެވެ.

 

ދޮރުކައިރީގައި އަދުހަމް ބައިންދާފައި ކުޑަދޮރާއި ދިމާއަށް ގޮސް ހުއްޓުނެވެ. އަތަށް ލެވުނުހައި ބާރެއް ލާފައި ބިއްލޫރި ގަނޑުގައި ޖަހައި ތަޅައިލި އެވެ. ކުޑަދޮރުން ބޭރުން ހާމަޔަށް ދުނިޔެ ފެންނާން އޮތެވެ. އެމީހުން މަލީޝާ ގެ ގެއަށް ވަންނަން އައިރު ފެންނަން އޮތް ޚަރީފު ވެފައިވާ ބަގީޗާ މިހާރު އޮތީ ފަރިވެ ފޮޅިފައެވެ. ބަހާރު މޫސުން އައިސްފައިވާ މާމެލާމެލީގެ ބަގީޗާ އެއް ގޮތަށެވެ. އައިޝާގެ ހިތްވަނީ އަވަސްވެފައެވެ. އޭނާ ބޭނުންވަނީ ވީ އެއްމެ އަވަހަކަށް އަދުހަމް ގޮވައިގެން ބޭރަށް ނިކުންނާށެވެ. އަދުހަމް ގެ ކައިރިއަށް ގޮސް އަދުހަމް ނަގައި އަތުލަފި ކޮށްލި އެވެ.

 

“އަދޫ، އަހަރުންނަށް މިތަނުން ސަލާމަތް ވެވޭނެ. ހިތްވަރުކޮށްލާ!” އަދުހަމް ނަގައި ހަމަޖެހިލަމުން ބުންޏެވެ. “މިތަނުން ނިކުމެވުނުހާ އަވަހަކަށް ހޮސްޕިޓަލަށް ގޮސް ފަރުވާ ހޯދީމަ އަދޫ ރަނގަޅު ވާނެ. އެހެންވީމަ ކަންބޮޑު ނުވެ ހިތްވަރުކޮށްލާ.”

 

އެމީހުން ގޮސް ކުޑަދޮރު ކައިރީގައި ހުއްޓިފައި ތިރިއަށް ބަލައިލި އެވެ. އެމީހުންނަށް ތިބެވުނީ އެއްވަނަ ފަންގިފިލާގައި ހުރި ކޮޓަރިއެއްގައިކަން އެނގުނީ އެވަގުތު އެވެ. ކޮންމެ ގޮތެއްވިޔަސް އެމީހުންނަށް ބޭރަށް ނިކުމެވެން އޮތް ހަމަ އެކަނި މަގަކީ އެއީ އެވެ. އެހެންކަމުން ދެމީހުން އެކުގައި ބޭރަށް ފުއްމާލުމަށް ތައްޔާރުވި އެވެ. އައިޝާ ފަހަކާއި ހަމައަށް ގުނާލުމާއި އެކު ދެމީހުން އެއްފަހަރާ ފުއްމާލި އެވެ. ދެމީހުން ގޮސް ވެއްޓުނީ ބިންމައްޗަށެވެ. އައިޝާ ގޮސް ޖެހުނީ ފެންވައިރުކޮށްފައިވާ ހޮޅިއެއްގެ މަތީގައެވެ. އޭނާގެ ބޯ ގޮސް ޖެހުނީ ހޮޅީގެ ކޮޅުގައި ހަރުކޮށްފައިހުރި ފެންއިސްކުރު ގައެވެ. އޭރު އަދުހަމް އަށް އޮވެވުނީ ދެބަދޭތެރޭގަ އެވެ. އޭނާގެ ކޮނޑަށް ކުޑަކުޑަ ބިއްލޫރިކޮޅެއް ހެރިފައި ހުއްޓެވެ.

 

“ނަސީބަކުން މަރެއް ނުވިއެއްނު. ނަސީބަކުން ސަލާމަތް ވެއްޖެއެއްނު.” މޮޔައެއް ފަދައިން އައިޝާ ހަޅޭއްލަވަން ފެށިއެވެ.

 

އަދުހަމް ގެ ކޮނޑަށް ހަރަކާތެއް ގެނެވޭތޯ މަސައްކަތްކޮށްލި އެވެ. ވީ ތަދުން ހަޅޭއްލަވައިގަތެވެ. “އާނ އެތަނުންވާ ނިކުމެވިއްޖެ!”

 

ލެވުނުހައި ބާރެއްލަމުން އަދުހަމް ވަރަށް މަސައްކަތުން ތެދުވި އެވެ. ވާތަދުން ހަޅޭއްލަވަމުންނެވެ. އޭނާ މަސައްކަތް ފެށީ އެ ހިސާބުގައި ބޭއްވި ކާރު ފެނޭތޯ އެވެ. އޭނާގެ ކާރު ބޭއްވި ހިސާބުގައި ޓަޔަރުގެ ނިޝާންތައް ފެންނަން ހުރިނަމަވެސް ކާރެއް ނެތެވެ. މަޑުމަޑުން ގޮސް އައިޝާ ގެ ކައިރީގައި ހުއްޓުނެވެ. އޭރު އައިޝާ އޮތީ ތެދުވެވޭނެހައި ހިތްވަރު ނުލިބިފަ އެވެ.

 

“ބަލާއެއްނު. މަގޭ ކާރެއް ނެތޭ އެތާކު!!؟” އަދުހަމް ޝަކުވާ ކޮށްލި އެވެ.

 

“ސާބަހޭ އަދޫ އަށް. އަދިވެސް ކާރު ނުފެނިގެންތަ ކަންބޮޑުވާންވީ. ބަލަ އަހަރުންނަށް މި އުޅެނީ ހިރިލެވޭވަރުވެސް ނުވެގެނެއްނު؟” ބިންމަތީގައި އޮތް ކާޕެޓު ގްރާސް ގަނޑުގައި އަތްކާއްތަމުން އައިޝާ ބުންޏެވެ.

 

ކުއްލިއަކަށް އަދުހަމް ގެ ފުރަގަހުން އަތެއް އައިސް އަދުހަމް ގެ އަތުގައި ހިފި އެވެ. “ކަލޭމެން ދެމީހުން އަނެއްކާވެސް ގޭތެރެއަށް ވަންނަންވީއެއްނު؟”

ނުނިމޭ

ފޭސްބްކް ކޮމެންޓްސް

ޝެއަރ ކުރޭ:

އަޙްމަދު ރަޝީދު

ލިޔުންތެރިކަމާއި، ވީޑިއޯ އަދި އޯޑިއޯ އާއި ގުޅުންހުރި މަސައްކަތްތަކަކީ ކުރާހިތުން ކުރާ މަސައްކަތެކެވެ.

ޝެއަރ
ޝެއަރ