ހަސަން: ސައުރަތިރީސް އަހަރުގެ ޚިދުމަތަށް ކަޅިއެއް

ހަދަން ބޭނުންވެފައިވާ ވީޑިއޯ ޑޮކިއުމެންޓަރީތައް ބައިވަރެވެ. އޭގެ ތެރެއިން އެއްމެ ބޮޑަށް ބޭނުންވާ ދެ ޑޮކިއުމެންޓަރީ އަކީ ‘ކައްދޫ އެއަރޕޯޓް ހެދުމުގެ މަސައްކަތް’ ކުރެވުނު ގޮތާއި ބެހޭ ވަރަށް ތަފްޞީލީ ޑޮކިއުމެންޓަރީ އެކެވެ. ޑޮކިއުމެންޓަރީ އަށް ބޭނުންވާ އިންޓަރވިއު ވީޑިއޯތަކުން އެއްމެ މުހިއްމު އެއް ބޭފުޅެއްގެ އިންޓަރވިއު، 28 ޖޫން 2016 ގައި ވާނީ ނަގާފަ އެވެ. ކައްދޫ ޓަވަރުގެ ބެލްކަނީގައި ބަހައްޓައިގެން ކައްދޫ، އެއަރޕޯޓަކަށް ހަދަންފަށަންވެގެން އެއްމެ ފުރަތަމަ ކުރި މަސައްކަތުން ފެށިގެން ކައްދޫ ވައިގެބަނދަރު ހުޅުވުމާއި ހަމައަށް ކުރެވުނު މުހިންމު މަސައްކަތްތައް ކިޔައިދެއްވީ ކައްދޫގައި އެއްމެ ގިނަ ދުވަސްވާންދެން މަސައްކަތް ކުރައްވާ މިހާރު ރިޓަޔާ ކުރައްވާފައިވާ ލ. ފޮނަދޫ ނަސްރުއްޞަބާޙް މޫސާ އަޙްމަދު އެވެ. މި ޑޮކިއުމެންޓަރީގެ މަސައްކަތުގައި އަޅުގަނޑާއި އެކު އެމްއެންޑީއެފް ބޭކަލެއް ކަމަށްވާ ޠާޙާ ޢަބޫބަކުރު (ގަމު ޠާޙާ) ބައިވެރިވެލައްވާ ކަމީ މިފަދަ ބޮޑު މަސައްކަތެއް ކުރުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހަކަމަކާއި ހިތްވަރެކެވެ.

މިހާރު މި ޕްރޮޖެކްޓް ވަރަށް ރަސްމީ ސިފައެއްގައި ކުރުމަށް ކައްދޫ އެމްޑީ މޭޖަރ އަޙްމަދު ޝަރީފް ހިތްވަރު ދެއްވައި މި ޕްރޮޖެކްޓަށް ޕްރޮޕޯސަލް އެއް ތައްޔާރުކުރުމަށް ލަފާދެއްވުން ވެގެން ދިޔައީ އަޅުގަނޑުމެންގެ މި މަސައްކަތަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމަކަށެވެ. ބޮޑު ހިތްވަރަކަށެވެ. މަސައްކަތުގެ ބޮޑުކަމާއި، އިންޓަރވިއު ކުރަންޖެހޭ މުހިންމު ބޭބޭފުޅުންގެ ލިސްޓް ބޮޑުކަމުން މިވަގުތަށް އަދި މަސައްކަތް ކުރިއަށް ގެންދެވޭގޮތް ވެފައި ނެތަސް، މިއީ ހަމަ ކޮންމެހެންވެސް ކުރާން ބޭނުންވާ މަސައްކަތެކެވެ.

ކައްދޫ ވައިގެބަނދަރާއި ގުޅޭ ޑޮކިއުމެންޓަރީގެ މަސައްކަތް އެއްކައިރީގައި ބާއްވާފައި ވާއިރު، ކުރިން އިޝާރާތްކުރެވުނު ފަދައިން އަޅުގަނޑު ހަދަން ބޭނުންވާ އަދި މިހާރު އެ މަސައްކަތް ކުރަމުން އަންނަ އަނެއް ޑޮކިކުމެންޓަރީ އަކީ ‘ޙަސަން – ސައުރަތިރީސް އަހަރުގެ ޚިދުމަތަށް ކަޅިއެއް’ މި ނަމުގައި ހަދާ ޑޮކިއުމެންޓަރީ އެކެވެ. މިއީ ލ. އަތޮޅު ތަޢުލީމީ މަރުކަޒުގައި އެއްމެ އާދައިގެ މުދައްރިސެއްގެ ގޮތުގައި މަސައްކަތް ފައްޓަވައި 34 އަހަރު ތަޢުލީމީ ދާއިރާއަށް ނުހަނު އަގުހުރި ޚިދުމަތްތަކެއް ކުރެއްވުމަށްފަހު ރާއްޖޭގެ ތަޢުލީމީ ސިޔާސަތަށް ގެނެވުނު ބަދަލަކާއި ގުޅިގެން ‘މަޖުބުރީ ޙާލަތެއްގައި’ ވަޒީފާއިން އަމިއްލައަށް މުސްކުޅިވި ނުވަތަ ރިޓަޔާވި ލ. ފޮނަދޫ ސަންޝައިން އަލްފާޟިލް ޙަސަން އަޙްމަދު ގެ ތަޢުލީމީ ޙަޔާތުގެ މައްޗަށް ބިނާކޮށް ހަދާ ޑޮކިއުމެންޓަރީ ފިލްމެކެވެ.

މި ފިލްމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް، ސްކްރިޕްޓް ލިޔެ ނިމިފައިވާއިރު، ފިލްމަށް ބޭނުންވާނެ ހުރިހައި ވީޑިއޯ އެއްވަނީ ނަގާފަ އެވެ. އަދި ބޭނުންވާނެ ފޮޓޯތައްވެސް މިހާރު ވަނީ ޖަމާކުރެވިފަ އެވެ. މި ފިލްމުގައި ޙަސަން، ލ. ގަމާއި ފޮނަދޫ ރައްޔިތުންނަށް އަސާސީ ތަޢުލީމު އުނގަންނަވައިދެއްވުމަށް ކުރެއްވި ބުރަ މަސައްކަތުގެ ވާހަކަތަކާއި ޒަމާނީ ވިސްނުމާއިއެކުގައި ތަޢުލީމް ދިނުމަށް ޙަސަން އިސްކަން ދެއްވާ މިންވަރު، މި ދާއިރާގައި މަސައްކަތް ކުރައްވަމުން އަންނަ ފަރާތްތަކާއި އަދި ކުރިން މަސައްކަތް ކުރެއްވި ބޭފުޅުންގެ އިންޓަރވިއުތަކުން ފެނިގެންދާނެ އެވެ.

ޙަސަން އަކީ މުޅި ލ. އަތޮޅުގެ ތަޢުލީމީ ދާއިރާތަކަށް ޚިދުމަތް ފޯރުކޮށްދެއްވާފައިވާ އަދި މިހާރުވެސް ޚިދުމަތް ފޯރުކޮށްދެއްވަމުން އަންނަ ބޭފުޅެކެވެ.

ފޭސްބްކް ކޮމެންޓްސް

ޝެއަރ ކުރޭ:

އަޙްމަދު ރަޝީދު

ލިޔުންތެރިކަމާއި، ވީޑިއޯ އަދި އޯޑިއޯ އާއި ގުޅުންހުރި މަސައްކަތްތަކަކީ ކުރާހިތުން ކުރާ މަސައްކަތެކެވެ.

ޝެއަރ
ޝެއަރ