މޫދުގައި ޖައްސާ 7 ވަނަ ބޯޓް މޯލްޑިވިއަންއަށް ގެންނަނީ

މޫދުގައި ޖައްސާ ބޯޓަކީ ނުވަތަ ސީޕްލޭން އަކީ ރާއްޖެއަށް ވަރަށް އެކަށޭނަ އުޅަނދެކެވެ. ރާއްޖޭގެ ކޮންމެ ރަށެއްގެ ވަށައިގެން ‘ވޯޓަރ ރަންވޭ’ އެއް އޮންނަކަމީ މިކަމަށް އެއްމެ ފަސޭހަވެގެންދާ އެއްކަމެވެ. އެގޮތުން ރާއްޖޭގެ އެތެރޭގެ އުދުހުންތަކާއި ރާއްޖޭން ބޭރުގެ އުދުހުންތަކުގައި ހަރަކާތްތެރިވާ މޯލްޑިވިއަން އަށް ގެންނަ ހަތް ވަނަ ސީ ޕްލޭން މިރޭ ރާއްޖެ އަންނާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން މިއަދު ބުނެފި އެވެ.

ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދޭ ރާއްޖޭގެ އެންމެ ބޮޑު ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް “މިހާރު” ދުވަހު ނޫހާއި ވާހަކަ ދައްކަވަމުން ވިދާޅުވި ގޮތުގައި ބޯޓު ގެންނަނީ ކެނެޑާއިންނެވެ.

އެ ބޯޓް ރާއްޖެ އަށް ދަތުރުކުރާ މަގުމަތީގައި ސްވިޒަލޭންޑްގައި ޖެއްސުމަށް ފަހު ބައެއް މަރާމާތު ވެސް ކޮށްފައިވާ ކަމަށް ހާރިސް ވިދާޅުވި އެވެ. އެ ބޯޓު ރާއްޖެ އަންނާނީ މެދުއިރުމަތީގެ ބައެއް ގައުމުތަކުގައި ވެސް ޖައްސަމުންނެވެ.

ހާރިސް ވިދާޅުވި ގޮތުގައި ބޯޓު ރާއްޖެ ގެނެސް މެއިންޓަނަންސް މަސައްކަތްތައް ކުރުމަށް ފަހު ޖޫން މަސް ނިމުމުގެ ކުރިން އުދުހެން ފަށާނެ އެވެ.

މޯލްޑިވިއަންގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ސީ ޕްލޭން ފްލީޓްގެ އަދަދު 10 އަށް އިތުރުކުރުމެވެ. އެގޮތުން ޖުލައި މަހު ވެސް ސީ ޕްލޭނެއް ގެންނަން ވަނީ ހަމަޖެހިފަ އެވެ.

އެ ކުންފުނީގެ ސީ ޕްލޭންތައް ރާއްޖޭގެ ފަސް ރިސޯޓަކަށް މިހާރު ދަތުރުކުރެ އެވެ. އަދި ދުވާލެއްގެ މައްޗަށް 15 ދަތުރުކުރެ އެވެ.

މޯލްޑިވިއަނުން ދަނީ ސީ ޕްލޭން ޑޮކް ބޮޑުކުރުމުގެ މަސައްކަތާއި ސީ ޕްލޭންގެ ލައުންޖްތައް ބޮޑުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ސީޕްލޭނަށް ހާއްސަ ހެންގަރެއް އެޅުމުގެ މަސައްކަތް އަންނަ މަހު ނިމޭނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

މަސްދަރު: މިހާރު
ފޭސްބްކް ކޮމެންޓްސް

ޝެއަރ ކުރޭ:

އަޙްމަދު ރަޝީދު

ލިޔުންތެރިކަމާއި، ވީޑިއޯ އަދި އޯޑިއޯ އާއި ގުޅުންހުރި މަސައްކަތްތަކަކީ ކުރާހިތުން ކުރާ މަސައްކަތެކެވެ.

ޝެއަރ
ޝެއަރ